ޚަބަރު

އަލިފާނުގެ ހާދިސާ ހިނގި ސަރަޙައްދުގެ ޓްރެފިކަށް ބަދަލުތަކެއް


މ.ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ޙާދިސާއާއި ގުޅިގެން، ބަލަންޖެހޭ ކަންކަން ބެލުމަށް އެ ސަރަޙައްދުގެ ޓްރެފިކް ފްލޯއަށް ބައެއް ބަދަލުތައް ގެނެސްފިއެވެ.

ފުލުހުން ވިދާޅުވީ އަލިފާނުގެ ޙާދިސާއާއި ގުޅިގެން ކަމާގުޅުުންހުރި އިދާރާތަކުން ބަލަންޖެހޭ ކަންކަން ބަލާ ނިމެންދެން، އެ ސަރަޙައްދުގެ ބައެއް މަގުތަކުގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައިވާކަމަށެވެ.

އެގޮތުން އެއްގަމު އުޅަނދު އެއްގޮތަކަށްވެސް ވަނުން މަނާކޮށްފައިވަނީ ގުލްހަޒާރު ގޯޅިއާއި އިސްކަންދަރު މަގު ގުޅޭ ހިސާބުން އަދި ބުރުޒުމަގާ ރިޔާސީ ހިނގުން ގުޅޭ ސަރަޙައްދަށެވެ. އަދި ޖަވާހިރު މަގަށް ހަތަރުފުރޮޅުލީ އުޅަނދުފަހަރު ވަނުން ވަނީ މަނާކޮށްފައެވެ.

އަލިފާނުގެ ހާދިސާ ހިނގި މ.ނިރުފެހިގެ މަގު ސަރަޙައްދުގައި މިހާރު ކުރިއަށްދަނީ މައްސަލަ ތަޙުޤީޤުކުރުމުގެ މަސައްކަތާއި އަދި އެ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތެވެ. އަދި މި ހާދިސާގައި އަސަރުކުރި އާއިލާތަކަށް އެހީވުމުގެ މަސައްކަތްތައްވެސް ކުރިއަށްދެއެވެ.

އަލިފާނުގެ ހާދިސާގައި ބޮޑެތި ގެއްލުންތައްވީ، މ.ނިރުފެހި ގެއަށެވެ. އެގޭގައި ދިރިއުޅުނު 10 މީހުން ވަނީ ނިޔާވެފައެވެ. އަދި ގިނަ ބަޔަކު ވަގުތީ ހިޔާތަކަށްވެސް ވަނީ ބަދަލުކޮށްފައެވެ.