ޚަބަރު

މިހާތަނަށް 58 މީހަކަށް އެންޑީއެމްއޭއިން އެހީތެރިކަން ފޯރުކޮށްދީފި


ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މިހާތަނަށް 58 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ ހިސާން ހަސަން ވިދާޅުވެއްޖެއެވެ.

އިސްކަންދަރު މަގުގައި ހުންނަ ނ.ސެންރޯސްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިސާން ވިދާޅުވީ ހާދިސާ ހިނގައިގެން އުޅޭ ހަބަރު ލިބުމާއެކު ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޓީމްތައް އެކި ސަރަހައްދުތަކަށް ފޮނުވާފައިވާ ކަމަށެވެ.

ހިސާން ވިދާޅުވީ އިވަކުއޭޝަން ސައިޓްގެ ގޮތުގައި ބޭނުންކުރަމުން އަންނަނީ މާފަންނު ސްޓޭޑިއަމްކަމަށާއި ބެކަޕްއެއްގެ ގޮތުގައި ޖަމާލުއްދީން ސްކޫލްގެ ހޯލު ވެސް ތައްޔާރުކޮށްފައިވާކަމަށެވެ.

ހިސާން ވިދާޅުވީ ހާދިސާ ހިނގި ސަރަހައްދުން މިހާރު ވެސް ޖުމްލަ 58 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އެއީ 30 ދިވެހިންނާއި 28 ބިދޭސީންނެވެ. އޭގެ ތެރެއިން 30 ދިވެހިންނަކީ 4 އާއިލާއަކަށް ނިސްބަތްވާ މީހުންނެވެ.

"މިތަނުން ނެރެވުނު ބިދޭސީންގެ އަދަދު އަރާ 28 އަށް، އެއީ އިންޑިއާ ސްރީލަންކާ އަދި ބަންގްލަދޭޝްގެ މީހުން. އޭގެތެރެއިން ބައެއް މީހުން އެ ފަރާތްތަކުގެ ވެރިން ވަނީ މިހާރު ގެންގޮސްފައި. މީގެ ތެރެއިން އަޅުގަނޑުމެންނާ އެކީ މިހާރު ތިބީ 9 މީހުން އެއީ 6 އަންހެނުންނާއި 3 ފިރިހެނުން." ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވިގޮތުގައި މިހާރު އެންޑީއެމްއޭއިން ހަވާލުވެފައި ތިބި މީހުންގެ މައުލޫމާތު ސާފުކޮށް، އިންވެސްޓިގޭޝަންތައް ނިންމުމަށް ފަހު އެމީހުން ވަގުތީ ހިޔާތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން އެމީހުން ބަދަލުކުރަން ހަމަޖެހިފައިވަނީ ގެސްޓްހައުސްތަކަށްކަމަށް ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ އެންޑީއެމްއޭއިން ހަވާލުވެފައިވާ މީހުންނަށް ޒަރޫރީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އެގޮތުން ކާބޯތަކެއްޗާއި އަންނައުނު ފޯރުކޮށްދިނުމުގެ އިތުރަށް ސައިކޮސޯޝަލް ސަޕޯޓްވެސް ފޯރުކޮށްދެމުން އަންނަކަމަށް ހިސާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެކަން ކުރަމުން އަންނަނީ ޖެންޑަރ މިނިސްޓްރީ އާއި، ކަމާގުޅޭ އެހެން އިދާރާތަކާވެސް ގުޅިގެން ކަމަށެވެ.

"އަޅުގަނޑުމެން ފުލުހުންނާ ގުޅިގެން މިތާ ކައިރި ބިލްޑިންތައް، ސައިތް ކްލިއަރ ވެ ރައްކާތެރިކަން ކަށަވަރުވާ ވަރަކުން އާއިލާތައް އެހެން ތަންތަނަށް ބަދަލުކުރަމުން ވެސް ގެންދާނަން. އަދި ބަދަލު ނުވެވޭ އާއިލާތައް ތަންތަނަށް ބަދަލުކޮށް އެމީހުންނަށް ފޯރުކޮށްދޭން ޖެހޭ ޒަރޫރީ ކަންކަން ފޯރުކޮށްދެމުން ގެންދާނަން." ހިސާން ވިދާޅުވިއެވެ.

މި ހާދިސާގައި މިހާތަނަށް 10 މީހުން މަރުވެފައިވާކަން އެމްއެންޑީއެފްއިން ކަށަވަރުކޮށްދީފައިވާއިރު، ފުލުހުން މިހާރު ވަނީ ހާދިސާގެ ތަހުގީގު ފަށާފައެވެ. ގާތްގަނޑަކަށް 15 ވަރަކަށް ބިދޭސީން ދިރިއުޅެމުން އައި އެ ގެއަކީ ލަކުޑިން ހަދާފައިވާ ތަނެކެވެ.