ޚަބަރު

އަލިފާން ރޯވި އިމާރާތް ހުރީ ލަކުޑިން ހަދާފައި، ކޮންމެ އެނދެއް ކައިރީގައި ގޭސް ފުޅިއެއް


ރޭ ދަންވަރު އަލިފާނުގެ ހާދިސާ ހިނގީ 2 ފަންގިފިލާގެ އިމާރާތުގައި ހުރީ ލަކުނޑިން ހަދާފައި ހުރި ކުޑަ ކޮޓަރިތަކެއްކަމަށާއި، އެތަނުގައި ގިނަ އަދަދެއްގެ ގޭސް ފުޅިތައްވެސް ހުރިކަން ހާމަވެއްޖެއެވެ.

މި ކޮޓަރިތަކުގައި 30 ވަރަކަށް ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުން އައިރު، ކޮންމެ އެނދެއް ކައިރީގައި ކުޑަ އުނދުނަކާއި ގޭސް ފުޅިއެއް ހުރިކަމަށް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސަސްގެ ކޮމަޑާންޓް، ކާނަލް އިބްރާހިމް ރަޝީދު ވަނީ ވިދާޅުވެފައެވެ.

އަލިފާނުގެ ހާދިސާއާއި ގުޅިގެން މިއަދު ބޭއްވި ޕްރެސް ކޮންފަރެސްގައި ކާނަލް އިބްރާހިމް ރަޝީދު ވަނީ މިއިމާރާތުގައި ބިދޭސީން ދިރިއުޅެމުން އައި ތަން ހުރި ގޮތް ކިޔައިދެއްވާފައެވެ.

"މި ގަރާޖަކީ ޢާންމު ގޮތެއްގައި ވެހިކަލް މަރާމާތުކުރުމުގެ މަސައްކަތް ކުރަމުން އައި ތަނެއް. މިތަނުގައި އެބަހުރި ވަރަށް ބައިވަރު ގޭސް ސިލިންޑަރުތައް. އަދި ހަމަ އެއާއިއެކު ފުރަތަމަ އަދި ދެވަނަ ފަންގިފިލާގައި ބިދޭސީން ކައްކަން ކޮންމެ އެނދެއް ކައިރި ކަހަލަ ގޮތަކަށް އެބަހުރި ގޭސް ފުޅިތައް. އެމީހުން ދިރިއުޅެމުން އައީ ކުދި ކުދި ބިސީތަކެއް ގޮތަށް. ވަރަށް ތޮއްޖެހިފަ ހުންނަ ގޮތަށް މިތަން އިމާރާތްކޮށްފަ މިހުރީ" ކާނަލް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

ކާނަލް ވިދާޅުވީ މިއިމާރާތުގެ ކޮޓަރިތަކުގައި ހުރީ އެންމެ ވެންޓިލޭޓަރެއް ކަމަށެވެ. އަދި އަލިފާން ހިފާފަދަ ޒާތުގެ ތަކެތި އިމާރާތްތަކުގެ އެތެރޭގައި ބަހައްޓަން ވާނީ ރަނގަޅަށް ހިމާޔަތްކުރެވި، ވެންޓިލޭޓްކުރެވިފައިވާ ތަންތަނުގައިކަމަށް ކާނަލް އިބްރާހިމް ރަޝީދު ވަނީ ފާހަގަކުރައްވާފައެވެ.

މިހާދިސާއާއި ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެސިސްޓަންޓް ކޮމިޝަރ އޮފް ޕޮލިސް އަޙްމަދު ޝުޖާޢު ވިދާޅުވީ މިހާދިސާ ހިންގަން މެދުވެރި ސަބަބު ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ކުރަމުންދާކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގި އިމާރާތުން ސަލާމަތްކުރި މީހުންނަށް މާފަންނު ސްޓޭޑިއަމްގައި ވަނީ އިމަޖެންސީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ. އަދި މޯލްޑިވިއަން ރެޑް ކްރެސެންޓްގެ ވޮލަންޓިއަރުން ދަނީ އެމީހުންނަށް ފަސްޓް އެއިޑްއާ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.