ޚަބަރު

ޅޮހީ ކޯޓުގެ އިސްމެޖިސްޓްރޭޓަށް ފިޔަވަޅު އަޅަން ނިންމައިފި


ނ.ޅޮހީ ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ޙަސަން މަނިކަށް ފިޔަވަޅުއެޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީއިން ނިންމައިފިއެވެ.

ޖޭއެސްސީން ވިދާޅުވީ އަޙްމަދު ޙަސަން މަނިކަށް ފިޔަވަޅު އަޅަން ނިންމާފައިވަނީ އެކޮމިޝަނުން ބެލި އޭނާގެ މައްސަލަތައް ސާބިތުވުމާއި ގުޅިގެން ކަމަށެވެ.

ޖޭއެސްސީއިން ތަހުގީގުކުރި މައްސަލާގައި، މަނަދޫ މެޖިސްޓްރޭޓް ކޯޓުން ކުރިއަށް ގެންދިޔަ ހަޟާނަތާ ގުޅޭ ޤަޟިއްޔާއެއްގައި ދައުވާ ކުރާ ފަރާތުގެ އެދުމަށް ނެރުނު ވަގުތީ އަމުރެއްގެ ދަށުން، ދައުވާ ލިބޭ ފަރާތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު ދައުވާ ކުރާ ފަރާތުގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ދައުވާ ކުރާ ފަރާތުން ދައުވާ ކުރި ބޭނުން ހާސިލްވެފައި ވަނިކޮށް، ކޯޓުގެ ހުއްދަ ހޯދުމަކާނުލައި ދައުވާ ކުރާ ފަރާތް، ރަށުން ފުރައިގެން ގޮސްފައިވުމުގެ ސަބަބުން ދީފައިވާ އެޑްރެހަށް ޗިޓް ރައްދުކުރެވިފައި ނުވާކަމަށް ޖޭސްސީގެ ތަޙުގީގަށް އެނގިފައިވާކަމަށް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ދައުވާ ލިބޭ ފަރާތުގެ ބަހެއް ހޯދުމެއް ނެތި އަދި ކޯޓުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ނުކުމެފައިވާ ނަތީޖާތަކަށް ބަލާފައިނުވާކަމަށާއި، ވަގުތީ އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުން ބާތިލްކޮށްފައިވަނިކޮށް، އެކަމަށްވެސް ރިއާޔަތްކޮށްފައި ނުވާކަމަށް ޖޭއެސްސީގެ ނިންމުމުގައިވެއެވެ. އަދި އެ ޤަޟިއްޔާ އިތުރަށް ކުރިއަށް ގެންދެވެން ނެތްކަމަށް އަޙްމަދު ޙަސަންމަނިކު ނިންމައި ޙުކުމްކޮށްފައިވާކަމަށްވެސް ޖޭސްސީއިން ވިދާޅުވެއެވެ. އޭގެ ސަބަބުން ޝަރުޢީ ނިޒާމުގެ ތެރެއިން ނަހަމަ މަންފާ ދައުވާ ކުރާ ފަރާތަށް ލިބިފައިވާކަން ޘާބިތުވެފައިވާކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.

އަޙްމަދު ޙަސަންމަނިކުގެ މި ޢަމަލަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ޚިލާފު ޢަމަލެއްކަމަށްވާތީ ޖޭއެސްސީގެ ޤާނޫނުގެ ދަށުން އޭނާއަށް، ނަޞޭޙަތް ދިނުމާއެކު އެކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް އޭނާއަށް އަންގާފައިވާކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.