ޚަބަރު

ތިނަދޫގައި ހިންގެވި 3 މަޝްރޫއެއްގެ ނިމުން ފާހަގަކުރައްވައިފި


ސަރުކާރުން ގދ. ތިނަދޫގައި ހިންގެވި ތަރައްޤީގެ ތިން މަޝްރޫޢެއްގެ ނިމުން މިއަދު ފާހަގަކުރައްވައިފިއެވެ. މި މަޝްރޫޢުތަކުގެ ޚިދުމަތް ރަސްމީގޮތުން އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމެވެ.  ސަރުކާރުން ވަރަށް އިސްކަމެއް ދެއްވައިގެން ތިނަދޫގެ ތަރއްޤީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށްގެންދަވާއިރު، އޭގެ ތެރެއިން ގިނަ މަޝްރޫތަކެއްގެ އަމަލީ މަސައްކަތްފެށި ބައެއް މަޝްރޫޢުތަށް މިހާރު ވަނީ ނިމިފައެވެ. އޭގެތެރެއިން ރައީސް ޔާމީން ތިނަދުއަށް ވަޑައިގެން އެންމެ ފުރަތަމަ އިފްތިތާޙުކޮށްދެއްވީ ފެނަކަ ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ނިންމަފައިވާ ނަރުދަމާ ނިޒާމުގެ މަޝްރޫޢުއެކެވެ. އެއަށްފަހު ތިނަދޫގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރެއްވުމަށް 2014 ގައި ފަށްޓަވައިގެން ސަރުކާރުން ހިންގަވައި ނިންމަވާލެއްވި މަޝްރޫޢު ރައްޔީތުންނާ އެމަނިކުފާނު ރަސްމީގޮތުން ޙަވާލުކޮށްދެއްވިއެވެ. މިއާއެކު ދެން ރައީސް ޔާމީން ރަސްމީގޮތުން އިފްތިތާޙުކޮށްދެއްވީ ތިނަދޫގެ ބަނދަރު ބޮޑުކުރައްވައި، ފެންވަރު ރަނގަޅުކުރެއްވުމުގެ މަޝްރޫޢުއެވެ. ތިނަދޫގައި މިއަދު ބޭއްވެވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވީ ތިނަދުއަކީ ވަރަށް ޚާއްޞަ މުހިންމު ރަށެއް ކަމަށެވެ. އަދި އެމަނިކުފާނުގެ އުންމީދަކީ ސަރުކާރުން ކުރިއަށް ގެންދަވާ ތަރައްޤީގެ މަޝްރޫޢުތަކާއެކު ތިނަދޫގެ ރައްޔިތުންގެ ތަނަވަސްކަމަށް މަސައްކަތްތަކެއް ކުރެވިގެންދިއުންކަމަށެވެ.ރައީސުލްޖުމުހޫރިއްޔާގެ ވާހަކަފުޅުގައި ތިނަދުއަކީ ހިތްދަތި މާޒީއެއް އޮތް ރަށެއްކަމަށާއި އެ ހިތްދަތިކަމަކީވެސް މާޒީއެއްކަމުގައި ހެދުމަށްފަހު މިއަދުގެ ސަރުކާރާއެކު ތިނަދޫގެ ރައްޔިތުން ތަރައްޤީގެ ކަންކަމުގައި ކުރިއަށްދިއުމަށް ވަނީ އެދިވަޑައިގެންފައެވެ.ރައީސްގެ ވާހަކަފުޅުގައި ތިނަދޫ ބަރާސީލް އަވަށުގެ ޒުވާނުންނަށް ފުޓްސަލް ދަންޑެއް މިއަހަރު ގާއިމްކުރެވިގެންދާނެ ކަމަށާއި، މިއަހަރު ފާހަގަކުރާ ތިނަދޫގައި މީހުން އާބާދުވިތާ 50 އަހަރުފުރޭ މުނާސަބަތާ ހަމައަށް އިތުރު ތަރައްޤީގެ މަޝްރޫޢުތައް ނިންމަވައި، އެ މުހިންމު ޙަރަކާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތުމުގެ ޝައުގުވެރިކަން ވަނީ ފާޅުކުރައްވާފައެވެ.މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުޢިއްޒް ވިދާޅުވީ، ތިނަދުއަކީ އަތޮޅުތަކުގައި ސަރުކާރުން ހިންގަވާ ތަރައްޤީގެ މައްސަކަތުގައި އެއް ރަށެއްގައި އެންމެ ގިނަ ޕްރޮޖެކްޓްތައް ކުރިއަށް ގެންދަވާ ރަށްކަން ފާހަގަކުރެއްވިއެވެ. އަދި ހަމައެކަނި ހައުސިންގ މިނިސްޓްރީން އެރަށުގައި ކުރިއަށް ގެންދަވާ މަޝްރޫޢުތަކަށް 415 މިލިޔަނަށްވުރެ ގިނަރުފިޔާ ޚަރަދުވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.ރައީސުލްޖުމުހޫރިއްޔާ ތިނަދުއަށް ދަތުރުފުޅު ކުރައްވައި އެރަށުގެ ތަރައްޤީގެ މަޝްރޫޢުތަކަށް އިސްކަންދެއްވާކަން ފާހަގަކުރެއްވިއިރު، ތިނަދޫގައި ކުރިއަށްގެންދާވާ މަގުހެދުމާއި، ފްލެޓް އެޅުމުގެ އިތުރުން ތަރއްޤީގެ ހުރިހާ މަޝްރޫޢުތަކެއް އެރަށުގައި ދެވަނަ ފަހަރަށް މީހުން އާބާދުވިތާ 50 އަހަރުފުރޭ މުނާސަބާ ފާހަގަކުރަންވާއިރަށް ނިންމަވަން ކޮންޓެކްޓަރުން ގެންދަވަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ.