ރާއްޖޭގެ ޓެކްސްގެ ނިޒާމު އިތުރަށް ޙަރުދަނާކުރުމަށް ސަސްޓެއިނަބަލް ޑިވެލޮޕްމެންޓް ގޯލްސް، އެސް.ޑީ.ޖީގެ "ކަންޓްރީ އެންގޭޖްމަންޓް" ޕްރޮގްރާމް އިފްތިތާހް ކުރުމުގެ ގޮތުން މީރާއިން ޔޫ.އެން.ޑީ.ޕީ އަދި މިނިސްޓްރީ އޮފް ފިނޭންސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި ޕްރޮގްރާމްގެ އެއްބަސްވުމުގައި މީރާގެ ފާރަތުން ސޮއިކުރައްވާފައިވަނީ ކޮމިޝަރ ޖެނަރަލް އޮފް ޓެކްސްސޭޝަން އަލްފާޟިލް ފަތުހުﷲ ޖަމީލްއެވެ. އަދި ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ.
މިއީ ޓެކްސްގެ މަސައްކަތްތައް ޑިޖިޓަލް ކުރުމަށާއި ކޯވިޑް-19 ފަދަ ހާލަތެއް ދިމާވެއްޖެނަމަ ހުއްޓުމެއް ނެތި އޮޕަރޭޝަންތައް ކުރިއަށްގެންދެވޭނެ ޕްލޭނެއް އެކުލަވާލުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އެސް.ޑީ.ޖީގެ ކަންޓްރީ އެންގޭޖްމަންޓް މިޕްރޮގްރާމްގެ ތެރެއިން ޓެކްސްގެ ނިޒާމަށް ގެންނަންޖެހޭ ޙަރުދަނާ ބަދަލުތައް ގެނެސް، ގުޅުންހުރި އިދާރާތައް ތަރައްޤީވެގެންދާނެކަމަށް މީރާއިން މަޢުލޫމާތުދެއެވެ.
މީރާއިން މަޢުލޫމާތުދޭ ގޮތުގައި މިރަސްމިއްޔާތުގައި ކޮމިޝަރ ޖެނަރަލް އޮފް ޓެކްސްސޭޝަން އަލްފާޟިލް ފަތުހުﷲ ޖަމީލް ވަނީ ޒަމާނާއެކު ޓެކްސްގެ ނިޒާމަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ކުރިމަތިލުމަށް މިފަދަ ޕްރޮގްރާމެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ޓެކްސްގެ ނިޒާމަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ތެރޭގައި ޑިޖިޓަލައިޒްޑް ގްލޯބަލް އިކޮނޮމީގެ ތެރެއިން ޓެކްސްގެ ނިޒާމަށް އަންނަ ގޮންޖެހުންތަކާއި، ޖެންޑަރ ބޭސްޑް ޓޭކްސް އަދި ޤާނުނާއި ޤަވާއިދުތަކުގެ ބޭރުން ހިންގާ ވިޔަފާރިތައް ޓެކުހުގެ ނިޒާމުގެ ތެރެއަށް ވެއްދުމުގައި ދިމާވާ ދަތިތައް ކޮމިޝަނަރ ޖެނަރަލް ފާހަގަކުރެއްވިކަމަށް މީރާއިން މަޢުލޫމާތުދެއްވައެވެ. އަދި ޓެކްސް ނިޒާމު އިތުރަށް ޙަރުދަނާ ކުރުމަށާއި އިޤްތިޞާދީ ލަނޑުދަނޑިތައް ހާސިލްކުރުމަށްތަކައި ޔޫ.އެން.ޑީ.ޕީގެ ފަރާތުން ފޯރުކޮށްދެމުންދާ މާލީ އަދި ފަންނީ ލަފަޔާއި އެހީތެރިކަންވެސް ކޮމިޝަރ ޖެނަރަލް ވަނީ ފާހަގަކުރައްވާފައެވެ.
މީރާއިން މަޢުލޫމާތުދޭ ގޮތުގައި މިޜާއިން އަމާޒު ހިފައިފާވަނީ ޑޭޓް ގަވަނެންސް ފްރޭމް ވޯކެއްގެ ތެރެއިން ޓެކްސްގެ މަސައްކަތް ޑިޖިޓަލައިޒްކުރުމާއި އެންޓަރ ޕްރައިޒް ރިސްކް މެނޭޖްމަންޓް ފްރޭމްވޯކް އަދި ބިޒްނަސް ކޮމިއުނިޓީ ޕްލޭން އެކުލަވާލުމެވެ.
އެސް.ޑީ.ޖީގެ ކަންޓްރީ އެންގޭޖްމަންޓް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ ދެއަހަރު ދުވަހަށެވެ.