ޚަބަރު

ރާއްޖޭގައި އަލަށް "ޖަޔަންޓް ޕަމްކިން"އެއް، ބަރުދަނުގައި 25 ކިލޯ


ހއ. އަތޮޅުގައި އޮންނަ ހައިޑަވޭ ބީޗް ރިސޯޓުގައި 25 ކިލޯގެ ބަރޯބޮލެއް ހައްދައިފިއެވެ.

ރާއްޖޭގައި އާއްމުކޮށް ހައްދާފައިވާ ނުވާ ބަރަބޮލުގެ ވައްތަރެއްކަމަށްވާ "ޖަޔަންޓް ޕަމްކިން" ހައްދާފައިވަނީ ހައިޑަވޭ ބީޗް ރިސޯޓުގެ މެނޭޖަރު އަފްސަލެއެވެ.

މަޝްހޫރު ޒުވާން ދަނޑުވެރިޔާ، އަބްދުﷲ ރަމްޒީ ވަނީ ސޯޝަލް މީޑިއާގައި މިބަރަބޮލުގެ ފޮޓޯ ހިއްސާކޮށްފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން، ރަމްޒީ ބުނީ "ޖަޔަންޓް ޕަމްކިން" ނުވަތަ "ހެލޯވީން ޕަމްކިން" އަކީ ރާއްޖެއިން ބޭރުން އޮށް ގެނެސްގެން ލިލީ ހޮޓެލްސްއާއި ހައިޑަވޭ ބީޗް ރިސޯޓާއި ގުޅިގެން އެ ރަށުގައި ހައްދަމުން އަންނަ ބަރަބޮލުގެ ވައްތަރެއް ކަމަށެވެ. ހަތަރު މަސް ދުވަސްފަހުން ހަރުވި މި ބަރަބޯ އަދިވެސް އިތުރަށް ބޮޑުވާނެކަމަށް ރަމްޒީ ބުންޏެވެ. ނަމަވެސް، އެރަށުގައި ކާޅު ގިނަކަމުން އެބަރަބޯ އިތުރަށް ބޭއްވެން ނެތުމުން މިއަދު އެބަރަބޯ ކަނޑާލީކަމަށް ރަމްޒީ މަޢުލޫމާތުދިނެވެ.

ރަމްޒީ ބުނީ މިހާރުވެސް މިބާވަތުގެ ކުދި ބަރަބޯތައް އެރިސޯޓުގެ ދަނޑުގައި ހައްދަމުންދާކަމަށެވެ. ރަމްޒީ ބުނީ އޭނާގެ ވިސްނުން އަބަދުވެސް ހުރީ ޢާންމުކޮށް މީހުން ނުހައްދާ ބާވަތެއް ރާއްޖޭގައި ހެއްދުމަށްކަމަށެވެ. އެގޮތުން މިބާވަތުގެ ބަރަބޯ އައްޑޫގައި އިތުރަށް ހެއްދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށްވެސް ރަމްޒީ ބުންޏެވެ.

މިބާވަތުގެ ބަރަބޯ ބޮޑުވުމަށް ބޭނުންވާ އެކައްޗަކީ އިރުގެ އަލި ކަމަށްވާތީ މިވައްތަރުގެ ބަރަބޯ ހައްދަން އުނދަގޫ ނޫންކަމަށް ރަމްޒީ މަޢުލޫމާތުދިނެވެ. ނަމަވެސް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ކާޅު ގިނަވެ، ބަރަބޯ ހަރުވެ ފައްކާވަންދެން ނުބާއްވާ ކަނޑާލަންޖެހުންކަމަށް އޭނާ ބުންޏެވެ.

ރަމްޒީ ބުނީ ލިލީ ހޮޓެލްސްއާއި ހައިޑަވޭ ރިސޯޓުގެ އެންމެ ބޮޑު އަމާޒަކީ 'ސްމާޓް ފާމިންގ' ނުވަތަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ހައިޑަވޭ ރިސޯޓު ކައިރީގެ އެހެން ރިސޯޓުތަކަށާއި ރަށްތަކަށް މި ބާވަތްތައް ފޯރުކޮށްދިނުންކަމަށެވެ.