ޚަބަރު

އެމްއެމްޕީއާރުސީގެ މައްސަލަ މަޖިލީހަށް ހުށަހެޅީ ސީރިއަސްކަމުން


އެމްއެމްޕީއާރުސީގެ
ކޮރަޕްޝަނާ ގުޅިގެން އިދިކޮޅު އެމްޑީޕީން މަޖިލީހަށް ކުއްލި މައްސަލައެއް ހުށައެޅީ،
އެމައްސަލައަކީ ސީރިއަސްކަމާއެކު ބަލަންޖެހޭ މައްސަލައެއް ކަމުގައި ދެކިގެން
ކަމަށް އެމްޑީޕީން ބުނެފިއެވެ. އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި
ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
ވިދާޅުވީ މި މައްސަލަ މަޖިލީހަށް ބަލައި ނުގަތުމުން، އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ
މައްސަލަ ތަޙުޤީގުކުރައްވައި ޙަޤީގަތް ހާމަކުރައްވަން ސަރުކާރުން ބޭނުންފުޅުނުވާކަމަށް އެމްޑީޕީން ދެކޭކަމުގައެވެ.



އަދި
ސަރުކާރުގެ ތެރެއިން ގިނަ ބަޔަކަށް މިމައްސަލައިގައި ތުހުމަތުތައް ކުރެވިފައިވާ
ކަމަށް ބުނެ، ސަރުކާރުގެ ބެލުމުގެ ދަށުން މިކަމުގެ ޞައްޙަ ތަޙުޤީގެއް ހިންގޭނެ
ކަމަށް އެމްޑީޕީން ޤަބޫލުނުކުރާކަމަށް ވެސް އިމްތިޔާޒް ވިދާޅުވިއެވެ.



ކުއްލި
މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށައަޅުއްވާފައި ވަނީ، ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހީމް މުޙައްމަދު
ދީދީއެވެ. މިމައްސަލަ މަޖިލީހަށް
ބަލައިގަތުމަށް ފެނިވަޑައިނުގަންނަވާ ކަމަށް އެވަގުތު މަޖިލީހަށް ޙާޟިރުވެވަޑައިގެން
ތިއްބެވި 48 މެމްބަރުންގެ ތެރެއިން 26 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ. މައްސަލަ
މަޖިލީހަށް ބަލައިގަންނަވަން ފެނިވަޑައިގަންނަވާ ކަމަށް ވޯޓުދެއްވީ 22 މެމްބަރުންނެވެ.