ޚަބަރު

ދަރަނި ކުޑަކޮށް، މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށްދާނެ: އަމީރު


އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގެ އެންމެ ބޮޑު ޢަމާޒަކީ ދައުލަތުގެ ދަރަނިތައް ކުޑަކޮށް، މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުންކަމުގައި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ. އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓްގެ ތަސައްވުރާއި ގުޅޭގޮތުން މަޖިލީހުގެ ބަހުސް މަރުހަލާގައި މިނިސްޓަރ ވިދާޅުވީ މިބަޖެޓަކީ ޤައުމާއި ރައްޔިތުންނަށް މަންފާކުރާނެ ގޮތަކަށް ހުށަހެޅިފައިވާ އުންމީދީ ބަޖެޓެއްކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 42.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން، ޚަރަދުގެ ގޮތުގައި ހިނގާނީ 40.6 ބިލިއަން ރުފިޔާ ކަމަށާއި، ރިކަރަންޓް ޚަރަދުގެ ގޮތުގައި 28.6 ބިލިއަން ރުފިޔާ ހިނގާނެކަމަށް ބަޖެޓުގައިވެއެވެ.

ބަޖެޓުގެ ބަހުސް މަރުހަލާފައި މެމްބަރުންގެ ވާހަތަކާއި ގުޅިގެން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވާހަކަފުޅު ދެއްކުމަށް 45 މިނިޓުގެ ވަގުތެއް ދިނުމަށް މަޖިލީހުގެ ރިޔާސަތުންވަނީ ނިންމާފައެވެ. މަޖިލީހުގައި މެންބަރުން ދެއްކެވި ވާހަކަފުޅުތަކަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބުރާހީމް އަމީރު ވިދާޅުވީ ބަޖެޓުން ހާސިލްކުރަން ބޭނުންވާ އެންމެ ބޮޑު އަމާޒަކީ ކޯވިޑާއި، ރަޝިއާ ޔޫކްރެއިން ހަނގުރާމައާއިއެކު ދިމާވި އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަނެ ދެމެހެއްޓެވި ގޮތެއްގައި ތަރައްޤީގެ ކަންކަން ކުރިއަށް ގެންދިއުންކަމަށެވެ.

ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވި މިގޮންޖެހުންތަކާއިއެކު ދައުލަތުގެ ދަރަނި ފާއިތުވެދިޔަ އަހަރުތަކުގައި އިތުރުވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ދަރަނި ހަމަޖެއްސުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުގައި ޚާއްސަ އިސްކަމެއްދީގެން އާމްދަނީ އިތުރުކުރާނެ ގޮތްތައް ހިމަނާފައިވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި 2023 ވަނަ އަހަރުގެ ބަޖެޓުން އަޅުގަނޑުމެންނަށް ފާހަގަ ވެގެން މިދަނީ އަޅުގަނޑުމެންނަށް ފިޒިކަލް ސަސްޓެއިނަބިލިޓީއާއި ދިމާލަށް ދަތުރުކުރުން. ކޯވިޑް19 އާއި ރަޝިޔާ ޔޫކްރައިން ހަނގުރާމައާއި އެއްކޮށް އަޅުގަނޑުމެންގެ ދަރަނީގެ ނިސްބަތްވެސް ކުރީގެ އަހަރުތަކާއި އަޅާބަލައިރު މިވަނީ އިތުރުވެފަ. އެކަމު އަޅުގަނޑުމެން މިގެންނަ ފިޒިކަލް ސަސްޓެއިނަބިލިޓީ ގެންނަން ވެގެން އަޅުގަނޑުމެން މި ހުށަހަޅާ ސިޔާސަތު ތަކުގެ ތެރެއިން ކުރިއަށް އޮތްތާގައި ރައްޔިތުންނަށް މިދޭ ޚިދުމަތްތައް، ޕްރޮޖެކްޓްސްތައް ނުހުއްޓި، އަޅުގަނޑުމެންގެ ދަރަނީގެ ހާލަތު ރަނގަޅު ކުރެވިގެންދާނެ ސިޔާސަތުތަކެއް އަޅުގަނޑުމެން މިހުށަހަޅަނީ." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

އަންނަ އަހަރު ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރަނީ 32.1 ބިލިއަން ރުފިޔާއެވެ. މިއީ 2022 ވަނަ އަހަރަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާ އަޅައިބަލާއިރު 21.8 އިންސައްތަ އިތުރު އަދަދެއްކަމަށް ފިނޭންސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ މި އަހަރު ރާއްޖޭގެ އިޤްތިޞާދު 12.3 އިންސައްތައިން ކުރިއަރާނެކަމަށާއި އަދި 2023 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދު 7.6 އިންސައްތައިން ކުރިއަރާނެކަމަށެވެ.