ޚަބަރު

މަހުގެ ޑިއުޓީ މަޢާފްކުރުމާއި، ފްރީ ވިސާ ދިނުމަށް ހަންގޭރީން މަސައްކަތް ކޮށްދޭނެކަމުގެ ޔަޤީންކަންދީފި


ރާއްޖެއިން ޔޫރަޕަށް މަސް އެކްސްޕޯޓްކުރުމުގައި ނަގާ ޑިއުޓީ މައާފްކޮށްދިނުމަށާއި، ޔޫރަޕުގެ ގައުމުތަކަށް ވިސާއާއި ނުލާ ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތްކޮށްދެއްވާނެކަމަށް ހަންގޭރީގެ ފޮރިން މިނިސްޓަރ ޕީޓަރ ސިއާޓޯ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާލުވީ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ބޭއްވެވި މަޝްވަރާތަކަށްފަހުއެވެ.

ރާއްޖެއާއި ހަންގޭރިއާއި ދެމެދު ބޭއްވި މަޝްވަރާތަކަށް އިއްވެވިވި ގުޅިފައިވާ ބަޔާނުގައި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖޭގެ ވިސާ ފެސިލިޓޭޝަން ސެންޓަރުގައި ހަންގޭރީން ބައިވެރިވުމަށް ނިންމާފައިވާ ކަމަށެވެ. އޭގެ ސަބަބުން ރާއްޖޭގެ ވިސާ ފެސިލިޓީ މެދުވެރިކޮށް ޔޫރަޕުގެ ފަސް ގައުމަކަށް ވިސާ ހޯދުމުގައި ވަރަށް ބޮޑު ފަސޭހައެއް ލިބޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.


"ހަންގޭރީއާއެކު ވީއެފްއެސް ވިސާ ފެސިލިޓޭޝަން ސެންޓަރުން މިހާރު ޔޫރަޕްގެ ފަސް ގައުމަކަށް ދިވެހިންނަށް ދަތުރުކުރުމަށް ވިސާ ފެސިލިޓޭޝަންގެ ހިދުމަތް ލިބޭނެ. އަދި އީޔޫގެ މެމްބަރު ގައުމުތަކަށް ދިވެހިންނަށް ވިސާ އާ ނުލައި ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތަށް މިނިސްޓަރ ސިއާޓޯ ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު ދަންނަވަން." މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ގުޅިފައިވާ ބަޔާން ދެއްވަމުން ހަންގޭރީގެ ފޮރިން މިނިސްޓަރ ޕީޓަރ ސިއާޓޯ ވިދާޅުވީ ރާއްޖެއިން ބައިނަލްއަޤްވާމީ މައިދާނުގައި ކުރަމުން އަންނަ މަސައްކަތްތަކަށް އަބަދުވެސް އެއްބާރުލުން ދެއްވާނެކަމަށެވެ.


މިނިސްޓަރ ސިއާޓޯ ވިދާޅުވީ މިވަގުތު ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުގެ ތެރެއިން ޑިއުޓީ މަޢާފްކޮށްދީފައި ނުވަނީ ހަމައެކަނި ދިވެހިރާއްޖެއަށް ކަމަށެވެ. އެކަން ހައްލުކުރަން ދިވެހި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރައްވާ އެކަމަށް ހަންގޭރީން އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ސިއާޓޯ ދެއްވިއެވެ. ދާދި ފަހުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި ވެސް ވަނީ މަހުން ނަގާ ޑިއުޓީ މަޢާފްކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އެކަމުގައި ރަނގަޅު ގޮތެއް ދާދި އަވަހަށް ނިމިގެންދާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވެފައިވެއެވެ.

"ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް އިނގިރޭސިވިލާތަށް ޑިއުޓީ ފްރީ އެކްސެސް ހޯދަން ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި ހަންގޭރީން އަބަދުވެސް ރާއްޖެއާ އެކު ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވަން." މިނިސްޓަރ ސިއާޓޯ ވިދާޅުވިއެވެ.


ހަންގޭރީގެ ފޮރިން މިނިސްޓަރ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކުން އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.އ ަދި ދެޤައުމުގެދެމެދު ވަނީ ރަސްމީ މަޝްވަރާތައް ބާއްވަވާފައެވެ.

ދެ ޤައުމުގެދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކުގައި ރާއްޖޭގެ ފޮރިން މިނިސްޓަރ ވަނީ ރަޝިއާ ޔޫކްރެއިން ހަނގުރާމާގެ ދުވަސްވަރު އެ ގައުމުގައި ތިބި ދިވެހި ދަރިވަރުން ރާއްޖެ ގެނައުމަށް ހަންގޭރީން ވެދިން އެހީ ފާހަގަކުރައްވާ އެކަމަށް ވެސް ޝުކުރުއަދާކުރައްވާފައެވެ.

މީގެ އިތުރަށް މިނިސްޓަރ ޝާހިދު ވަނީ ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް ޔޫރަޕަށް ޑިއުޓީ ފްރީ އެކްސެސް ހޯދުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި ހަންގޭރީ ސަރުކާރުން ދެއްވާ އެއްބާރުލުމަށްވެސް ޝުކުރުއަދާކުރައްވާފައެވެ.