ޚަބަރު

ރިފްޢަތު ވިދާޅުވީ ކަނޑުގެ މައްސަލަ ކާމިޔާބުވާނީ ރާއްޖެއަށް ކަމަށް


ރާއްޖެއާއި މޮރީޝަސްގެ ކަނޑުގެ ފުށުއަރާ މައްސަލަ ރާއްޖެއަށް ކާމިޔާބުވުމުގެ ފުރުޞަތު ވަރަށް ބޮޑުކަމަށާއި، ކޮންޓިނެންޓަލް ޝޭލްފް މައްސަލަ މޮރީޝަސްއަށް ކާމިޔާބު ވާނެކަމަށް ފެނިވަޑައިނުގަންނަވާކަމަށް އެޓާނީ ޖެނެރަލް އިބްރާހީމް ރިފްޢަތު ވިދާޅުވެއްޖެއެވެ. އޭޖީ ވަނީ މޮރިޝަސްއާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފުށޫއަރާ ސަރަހައްދުގައި ދިވެހިން މަސްވެރިކަން ކުރި ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށްވެސް ވިދާޅުވެފައެވެ.

މޮރިޝަސް އާއި ރާއްޖޭގެ ކަނޑުގެ 200 މޭލުގެ އީއީޒެޑްގެ ތެރެއިން ފުށުއަރަނީ 4686 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ. މި މައްސަލަ މިހާރު ވެސް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ދަނީ ކުރިއަށެވެ. މިކަމުގެ މައުލޫމާތުތައް ނޫސްވެރިންނާ ހިއްސާކުރައްވަމުން އެޓާނީ ޖެނެރަލް އިބްރާހީމް ރިފްޢަތު ވިދާޅުވީ އެ ސަރަހައްދަކީ ދިވެހިން މަސްވެރިކަން ކުރި ނުވަތަ ކުރާ ސަރަހައްދެއް ނަމަ، ރާއްޖެއަށް އެ ސަރަހައްދުގެ ބޮޑު ބައެއް ލިބުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އޭޖީ ވިދާޅުވީ، މިފަދަ މައްސަލަތަކުގައި ބައިނަލްއަޤްވާމީ ގާނޫނުތަކުން ފިޝިން ރައިޓްސްއަށް ބަލާ ކަމަށާއި، ރާއްޖެއިން އެ ސަރަހައްދުގައި މަސްވެރިކަން ކުރިކަން ސާބިތުވާ ނަމަ އެކުއިޑިސްޓަންސް އެޖަސްޓުކުރުމުގެ ފުރުސަތު އޮތްކަމަށެވެ. ނަމަވެސް ރާއްޖެއާ މޮރިޝަސްއާ ފުށޫ އަރާ ސަރަހައްދުގައި އެއްވެސް އިރެއްގައި ދިވެހިން މަސްވެރިކަންކުރި ކަމުގެ އެއްވެސް ރިކޯޑެއް ރަސްމީ އެއްވެސް އިދާރާއެއްގައި ނެތް ކަމަށް އޭޖީ ވިދާޅުވިއެވެ.

"އެކަން އެހެން އޮތް އިރު މޮރިޝަސްގެ ފަރާތުން ދިވެހިން އެތަނަށް ގޮސް އުޅުނު ކަމުގެ އެއްވެސް މައުލޫމާތެއް އިއުތިރާފެއް އޮތީކީނޫން. ދެން ކިހިނެތްތޯ ކޯޓުގަ އެ މައްސަލަ ބައްލަވަން ތިއްބެވި 9 ޖަޖުން އެކަން ބަލައިގަންނާނީ. ޝަރީއަތެއްގައި ޓްރައިބިއުނަލެއްގައި ކަމެއް ސާބިތުވާނީ އެކަމެއް އެގޮތަށް ހިނގިކަމުގެ މައުލޫމާތު ހުރެގެން. އެ މައުލޫމާތެއް ނެތް." ރިއްފަތު ވިދާޅުވިއެވެ.

މަސައްކަތްކުރަނީ އެންމެ ބޮޑު ސަރަހައްދު ހޯދުމަށް

ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ ކަނޑުގެ ސަރަހައްދު ފުށޫއަރާ މައްސަލާގައި، ދިވެހި ސަރުކާރުން އަބަދުވެސް ދަމަހައްޓާ ސިޔާސަތަކީ ރާއްޖޭގެ އިމުން އެންމެ ތަންކޮޅެއް ވެސް ދޫކޮށް ނުލުމާއި، ރާއްޖެއަށް ގާނޫނީ ހަމަތަކުން ލިބޭ އެންމެ ބޮޑު ސަރަހައްދެއް ހޯދުން ކަމަށެވެ. ޝާހިދު ވިދާޅުވީ ކަނޑުގެ އިމުގެ މައްސަލަތަކުގައި މިހާތަނަށް ނިންމާފައިވަނީ ދެ ފަރާތަށް ހަމަހަމަ ވާގޮތަށް ކަމަށެވެ. އަދި ރާއްޖޭން ކަނޑައަޅާފައިވާ ސަރަހައްދުތައް ހޯދުމުގައި ދެމި ހުންނާނެ ކަމަށް ވިދާޅުވި އެވެ.

"އިން ވަކިކުރުމުގެ މައްސަލައިގައި ވެސް، ވޯޓުލުމުގެ މައްސަލައިގައި ވެސް، ރާއްޖޭގެ ސިޔާދަތީ ބާރު ޗާގޯސްގެ މައްޗަށް ހިންގުމުގެ މައްސަލައިގައި ވެސް މިއަދުގެ ސަރުކާރުން އެއްވެސް ކަމެއް ބަދަލުކޮށްފައެއް ނެތް. ގާނޫނު އަސާސީ ލާޒިމުކުރާ ގޮތަށް ރާއްޖޭގެ ސަރަހައްދު ދިފާއު ކުރުމުގައި މި ސަރުކާރު އަބަދުމެ އަމަލު ރައްވާނެ. ރާއްޖެއަށް އެންމެ ފައިދާހުރި ގޮތަކަށް ބައިނަލްއަގުވާމީ ގާނޫނީ އިމުގެ ތެރެއިން ލިބެން އޮތް އެންމެ ބޮޑު ސަރަހައްދެއް ހޯދުމުގައި މިއަދުގެ ސަރުކާރުން ވަކާލާތު ކުރަމުން ގެންދަވާ. ކޮންޓިނެންޓަލް ޝެލްފުގެ މައްސަލައިގައި ދިވެހިރާއްޖެއިން ފުކެއް ވެސް ދޫނުކުރައްވާނެ،" ޝާހިދު ވިދާޅުވިއެވެ.

ދެ ބޭފުޅުން ވަނީ ކަނޑުގެ މައްސަލައިގައި ސަރުކާރުން ކޮށްފައިވާ ހުރިހާ މުއާމަލާތްތަކުގެ ތާރީހާއި އެކަމާ ގުޅޭ ގޮތުން ކޮށްފައި ހުރި މަޝްވަރާތަކުގެ ޓައިމްލައިނެއް ވެސް ވިދާޅުވެފަ އެވެ. އަދި މީގެ އިތުރަށް މިކަމުގައި އަބަދުވެސް އިސްކުރާނީ ގައުމީ މަސްލަހަތުކަން ފާހަގަކުރައްވައި ކުރައްވައިގެން ތިއްބެވި ހުވަޔާއި ގާނޫނުއަސާސީގައި ބަޔާން ކޮށްފައިވާ ގޮތާ ހިލާފަށް އަދި ދިވެހި ގައުމަށް ގެއްލުންވާ ފަދަ އެއްވެސް ނިންމުމެއް ނުނިންމަވާނެ ކަން ފޮރިން މިނިސްޓަރ އަބދުﷲ ޝާހިދާއި، އޭޖީ ރިއްފަތު ވެސް ވިދާޅުވިއެވެ.