ކުރީގެ ނާއިބުރައީސް އަޙުމަދު އަދީބުގެ އަތްޕުޅުން މިދިޔަ އަހަރުގެ މޭމަހުގެ އެއްވަނަ ދުވަހު ފެނިފައިވަނީ 2 ބަޑިއާއި 3 ވަޒަންކަމަށް މިއަދު އޮތް މިމައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ. މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި މުޒާހަރާ ކުރަމުންދިޔަ ވަގުތު ބަޑި ގެންގުޅުނު ކަމުގެ ތުހުމަތުގައި ދައުލަތުން އަޙުމަދު އަދީބުގެ މައްޗަށް އުފުއްލަވާފައިވަނީ ޓެރަރިޒަމްގެ ދަޢުވާއެވެ. މިއަދު އޮތް ޝަރީޢަތުގެ މަޖިލީހުގައި ދަޢުވާ ހުށައަޅުއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ މޭޑޭގެ މުޒާހަރާ ކުރިއަށްދިޔަ ވަގުތު މުޒާހަރާގައި ކަންކަން ހިންގަމުންދާ ގޮތުގެ މަޢުލޫމާތު އަދީބަށް އެރުވުމަށް މީހުން ފޮނުއްވިކަމަށާއި، އަދި މުޒާހަރާކުރާ ފަރާތްތަކަށް އަދީބާ ހަމައަށް ނާދެވޭނެކަމަށް ބުނެ ދަބަހެއްގެ ތެރެއިން ނެންގެވި އެތެރެ ފެންނަ ފޮށްޓަކުން 2 ބަޑިއާއި ލޯ ކުލައިގެ 3 ވަޒަން އެމީހުންނަށް ދެއްކެވި ކަމަށެވެ. މިމައްސަލައިގެ މިއަދު އޮތް ޝަރީޢަތުގެ މަޖިލީހުގައި އަދީބު ވަނީ ދަޢުވާއަށް އިންކާރުކުރައްވާފައެވެ. މިމައްސަލަ ސާބިތުކުރުމަށް ދައުލަތުން ވަނީ ސިއްރު 3 ހެކިންނާއި، ސީން އޮފް ކްރައިމް 2 ރިޕޯޓް ހުށައަޅުއްވާފައެވެ. އަދި އަދީބުގެ ފަރާތްޕުޅުން ހެކިން ހުށައެޅުއްވުމަށް ފުރުޞަތު ދެއްވުމުން އަދީބުގެ ވަކީލުން ވަނީ މިމައްސަލައަކީ ބަޔަކު ދެއްކި ވާހަކަތަކެއްގެ މައްޗަށް ބުރަވެ ހުށައަޅައިފައިވާ މައްސަލައެއްކަމުން މިފަދަ ދައުވާޢެއް ކުރިއަށް ގެންދެވުމާމެދު ފަނޑިޔާރުންގެ މަޖިލީހުން ގޮތެއް ނިންމެވުމަށް އެދިވަޑައިގެންފައެވެ. އަދި ދަޢުވާ މިހާރު އޮތް ގޮތުން ހެކިން ހުށައެޅެން ނެތްކަމަށް އަދީބުގެ ފަރާތްޕުޅުން ވަނީ ބުނެފައެވެ. އެހެންނަމަވެސް ދައުލަތުގެ ވަކީލް ވިދާޅުވީ މިމައްސަލައިގައި ހެކިންގެ އިތުރުން ދަޢުވާއަށް ބާރުދޭ އިތުރު ހެކިތައް ހުށަހަޅާފައިވާތީ ދަޢުވާއާމެދު ސުވާލު އުފެއްދެވުމުގެ ފުރުޞަތު ނޯންނާނެކަމަށެވެ. މިމައްސަލައިގެ އަޑުއެހުމަށް ދެން ބޭއްވެވުމަށް ހަމަޖެހިފައިވަނީ މާރޗް މަހުގެ 6 ވަނަ ދުވަހުއެވެ.