ޚަބަރު

ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން މޫސުމީ ބަދަލުތައް ހުއްޓުވަން ހުރަސްތަކެއް


ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ފަށާފައިވާ ހަނގުރާމައާ ގުޅިގެން މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތައް ހުއްޓުވަން ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅިފައިވާ ކަމުގައި ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ. މިޞްރުގެ ރިސޯޓު ރަށެއް ކަމުގައިވާ ޝަރްމުއްޝައިޚްގައި މިހާރު ފެށިގެން ކުރިއަށްދާ އ.ދ.ގެ މޫސުމީ ބަދަލުތަކާ ގުޅޭ މަހާސިންތާ (ކޮޕް27)ގައި އޭނާ ވަނީ ވީޑިޔޯ މެދުވެރުކޮށް ތަޤުރީރު ކުރައްވާފައެވެ.

ޒެލެންސްކީ ވިދާޅުވީ ރަޝިޔާގެ ހަނގުރާމައިގެ ސަބަބުން ދުނިޔެއަށް ހަކަތައާއި ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާ ކަމުގައެވެ. އަދި، 2 މިލިޔަން ހެކްޓަރުގެ ޖަންގަލި ނެތިގެން ގޮސްފައިވާ ކަމުގައެވެ. އަދި، ހަނގުރާމައިގެ ސަބަބުން މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތައް ހުއްޓުވަން ޤައުމުތަކުން ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅެމުންދާ ކަމުގައެވެ.

"ވަޒަނާއި ހަތިޔާރު ބޭނުން ކޮށްގެން ހަލުވިކަމާ އެކު ދުނިޔެ ހޫނުވަމުންދާ ދިޔުން ނުހުއްޓުވޭނެ. ރަޝިޔާއިން މި ޤައުމަށް އަރައި ކުރަމުން ދަނީ ޤާނޫނާ ޚިލާފު ހަނގުރާމައެއް. މޫސުމީ ބަދަލުތަކަށް ހުއްޓުވަން ކުރާ މަސައްކަތްތަކަށް ހުރަސް އަޅާ ފަރާތްތައް ހުއްޓުވަން ޖެހޭ،" ޒެލެންސްކީ ވިދާޅުވިއެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން މޫސުމީ ބަދަލުތައް ހުއްޓުވަން ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅިފައިވާ ސަބަބުތައް ވެސް އޭނާ ބަޔާން ކޮށްދެއްވިއެވެ. މި ގޮތުން، ޤައުމުތަކުގައި ބޯޓުދެލި ބޭނުން ކުރާ މިންވަރު އިތުރުވެއްޖެ ކަމަށާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހުރަސް އެޅިފައިވާ ކަމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތަކެއް މިލިޔަން ބަޔަކަށް ހައިހޫނުކަމާ ކުރިމަތިލާން ޖެހިފައިވާ ކަމުގައި ޒެލެންސްކީ ވިދާޅުވިއެވެ.

ހަނގުރާމައިގެ ސަބަބުން މޫސުމަށް ކުރާ ނޭދެވޭ އަސަރުތައް ދެނެގަތުމަށް ދިރާސާ ކުރަމުންދާ ކަން ވެސް ޒެލެންސްކީ އިޢުލާނު ކުރެއްވިއެވެ. އަދި، 2 މިލިޔަން ހެކްޓަރުގެ ޖަންގަލި ހަލާކުވެފައި ވާއިރު، ރަޝިޔާގެ އަމަލުތަކުގެ ސަބަބުން ނިއުކްލިޔަރ ކާރިސާއެއް ކުރިޖަތިވުމުގެ ތުންފަތްމައްޗަށް ދުނިޔެ ގޮސްފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ކޮޕްގެ 27ވަނަ ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުން ދުނިޔޭގެ ބައެއް އެހެން ލީޑަރުން ވެސް ވަނީ ރަޝިޔާގެ ހަނގުރާމަ ކުށްވެރި ކުރައްވާފައެވެ. އަދި، ހަނގުރާމައިގެ ސަބަބުން މޫސުމީ ބަދަލުތައް ހުއްޓުވަން ކުރަމުންދާ މަސައްކަތްތަކަށް ހިޔަނި އެޅިފައިވާ ކަމުގައި ބައެއް ބޭފުޅުން ތުހުމަތު ކުރެއްވިއެވެ.

ކޮޕް27ގެ ހަވާސާގައި ކުރިއަށްދިޔަ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ނޭޓޯގެ އިސްވެރިޔާ ޔެންސް ސްޓޮލްޓެންބަރގް ވަނީ، ހަކަތައަކީ ހަތިޔާރެއްގެ ގޮތުގައި ރަޝިޔާއިން ބޭނުން ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ. ވިލާތުގެ އިއްތިހާދު (އީ.ޔޫ)ގެ ޤައުމުތަކަށް ރަޝިޔާއިން ގުދުރަތީ ގޭސް ވިއްކުން ހުއްޓައިލި މައްސަލައަށް އިޝާރާތް ކުރައްވާ ސްޓޮލްޓެންބަރގް ވިދާޅުވީ، މި ކަމަށް އޮތް ހައްލަކީ އިޔާދަ ކުރަނިވި ހަކަތަ ބޭނުން ކުރުން އިތުރު ކުރުން ކަމުގައެވެ.

ޤައުމުތަކުގެ އަސްކަރިއްޔާތަކުން ވެސް މޫސުމީ ބަދަލުތައް ހުއްޓުވަން މަސައްކަތް ކުރަން ޖެހޭ ކަމުގައި ސްޓޮލްޓެންބަރގް ފާހަގަ ކުރެއްވިއެވެ. ޖައްވު ހޫނުވާން މެދުވެރިވާ ވިހަ ގޭސްތައް ބޭރުކުރާ މިންވަރުގެ 1-5 އިންސައްތަ ހިއްސާ ކުރަނީ ޤައުމުތަކުގެ އަސްކަރިއްޔާތައް ކަމުގައި "ނޭޗަރ" ޖަރނަލްގައި ދާދި ފަހުން ޝާއިޢު ކޮށްފައިވާ ރިޕޯޓެއްގައި ހާމަކޮށްފައިވެއެވެ.