ޚަބަރު

މަރުކަޒީ ބާރުވެރިކަމުން ނެއްޓި، ރަށްތަކުގެ ތަރައްޤީގެ އާޒަމާނަކަށް!


"ހަމަހަމަކޮށް ކަންތައް ކުރުން މިއީ، އަޅުގަނޑުމެންގެ މެނިފެސްޓޯއަށްވުރެ ކުރީގައި އޮތް ކަމެއް. އަޅުގަނޑުމެން ވީ ވަޢުދުތަކަށްވުރެވެސް ބޮޑު ވަޢުދެއް." މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު (26 ސެޕްޓެމްބަރު 2022) ވަނަ އަހަރު ހދ.ފިނޭގައި ދެއްކެވި ވާހަކަފުޅެވެ.

ކައުންސިލްތަކަށް ޤާނޫނީ ބާރުވެރިކަން:

ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގެވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަވެސް ރައްޔިތުންނަށް ދެއްވި އެންމެބޮޑު ޔަގީންކަމަކީ ތަފާތުކުރުން ނައްތާލައި، ހަމަހަމަ ކަމާއި އިންސާފު ގާއިމްކޮށް ދެއްވާނެ ކަމުގެ ވާހަކައެވެ. މަރުކަޒީ އުސޫލުން އެއް ސަރަހައްދަކަށް، އެއްބަޔަކަށް އޮތް ހަމަޖެހުމާއި ތަރައްޤީ މުޅި ރާއްޖެއަށް ލާމަރުކަޒީ އުސޫލުން ފަތުރާލުމަކީ ރައީސުލްޖުމްހޫރިއްޔާގެ އެންމެބޮޑު އެއްސިޔާސަތެވެ.

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށްޓަކައި ޤާނޫނަށް ގެނައި އިސްލާހުތަކާއިއެކު 2019 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ތަސްދީޤު ކުރެއްވި ޤާނޫނު ވެގެން ގޮސްފައިވަނީ ރަށްރަށުގެ ކައުންސިލްތައް ފުދުންތެރި، މާލީ ގޮތުން ބާރުވެރި ބަޔަކަށް ވުމަށް ލިބުނު ބޮޑު ފުރުސަތަކަށެވެ. ކައުންސިލްތަކުގެ ބާރު ހިނގާ ދާއިރާގެ ތެރޭގައި ހިމެނޭ ފަޅުރަށްތަކާއި ފަޅުތައް ކަނޑައެޅި، ކައުންސިލްތަކުގައި އަންހެންގެ ދައުރު ފުޅާކުރުމަށް ކައުންސިލްތަކުގެ ތިންބައިކުޅަ އެއްބައި ޚާއްޞަކުރެވި، އިދާރީ ދާއިރާތަކުން ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ދޫކުރެވިގެންދާނެ ހަމަތައް މި ޤާނޫނުގެ ތެރެއިން ވަނީ ކަށަވަރުވެފައެވެ.

ކައުސިލްތައް ފައިމައްޗަށް ތެދުވުމަށް "ބްލޮކް ގްރާންޓް":

ކައުންސިލްތަކަކީ މާލީ ގޮތުން ބާރުވެރި ބަޔަކަށް ހެދުމަށް ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ޚާއްސަ "ބްލޮކް ގްރާންޓް" އެއް ކަނޑައަޅައި އެފައިސާ ކައުންސިލްތަކަށް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތުން ކައުންސިލްތަކަށް ބަޖެޓަށް ލިބޭ އާމްދަނީގެ 5 އިންސައްތަ އަދި ކައުންސިލްތަކުގެ އިޚްތިސާސްގެ ތެރޭގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 އިންސައްތަ ދިނުމަށް ވަނީ ހިމަނާފައެވެ.

ކައުންސިލްތަކަށް ކަނޑައަޅާ ބްލޮކް ގްރާންޓުގެ ގޮތުގައި އަންނަ އަހަރުގެ ބަޖެޓުގައި 1.8 ބިލިއަން ރުފިޔާ ދޭން ވަނީ ކަނޑައަޅާފައެވެ. މިއީ މިހާތަނަށް ކައުންސިލްތަކަށް ދިނުމަށް ބަޖެޓުގައި ކަނޑައެޅި އެންމެ ބޮޑު ޢަދަދެވެ.

މި ހިނގަމުންދާ 2022 އަހަރަށް ކައުންސިލްތަކަށް ވަނީ 1.6 ބިލިއަން ރުފިޔާ ދީފައެވެ. ސަރުކާރުން ވަނީ 5 މިލިއަނަށްވުރެ ކުޑަ ޕްރޮޖެކްޓެއްނަމަ ކައުންސިލްތަކަށް ހިންގޭނެ ގޮތަށް އަދި 15 މިލިޔަނަށްވުރެ ކުޑަ ޕްރޮޖެކްޓެއްނަމަ ސިޓީ ކައުންސިލަށް ހިންގޭ ގޮތަށްވެސް ޤަނޫނުގައި ކަނޑައެޅުން ވެގްނދިޔައީ ސަރުކާރަކުން މިހާތަނަށް ކައުންސިލްތަކަށް ދިން އެންމެ ބޮޑު މާލީ ބާރުވެރިކަމަށެވެ.

ކައުންސިލްތަކުގެ އަޑު ސީދާ ރައީސަށް:

ކައުންސިލްތަކަކީ ފުދުންތެރި ބާރުވެރިބަޔަކަށް ހެދުމަށްޓަކައި ނިންމަފައިވާ މުހިންމު ނިންމުތަކުގެ ތެރޭގައި ކައުންސިލްތަކަށް ލިބޭ އާމްދަނީން ލޯނު ދޫކުރެވޭނެ ގޮތް ހަމަޖެއްސުމާއި، ވިޔަފާރި ކުރެވޭނެ މަގު ތަނަސް ކުރުމާއި، މަޝްރޫޢުތައް ހިންގުމާއި، މާލޭގައިހުރި އަތޮޅު ފިހާރަތަކުގެ ފައިސާ ކައުންސިލްތަކަށް ދޭން ވަނީ ފަށާފައެވެ. ލާމަރުކަޒީ ޤާނޫނަށް ބޮޑެތި ބަދަލުތައް ގެނައުމުގެ އެންމެބޮޑު ބޭނުމަކީ މައި ސަރުކާރުގެ ބާރުތައް ދޫކޮށްލައި ރައްޔިތުންނާއި ވީހާވެސް ގާތުން ޚިދުމަތްކުރުމެވެ.

ކައުންސިލްތަކަށް ދީފައިވާ މާލީ ބާރުތަކާއިއެކު ކައުންސިލްތަކުގެ މަސައްކަތުގައި ހުރި ގޮންޖެހުންތައް ސީދާ ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ވަރަށް ކައިރިން ބައްލަވަމުންނެވެ. "ވިއަވަތި" ކޮންފަރެންސާއި، "ފަނޯއްލަ" ދަރުބާރުފަދަ އެތައް ކޮންފަރެންސެއް ސީދާ ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ކައުންސިލްތަކަށް ހުރި ގޮންޖެހުންތަކާއި، ދަތިތައް އޮޅުންފިލުވައި ހައްލުތައް ދަނީ ހޯދައި ދެއްވަމުންނެވެ.

ކޮންމެ ފިކުރެއްގެ ކައުންސިލަރަކަށްވެސް މިބައްދަލުވުންތަކުގައި ބައިވެރިވެ ޚިޔާލާއި މަޝްވަރާ ސީދާ ރައީސާއި ހަމައަށް ހުށަހެޅުމުގެ ފުރުސަތުލިބެއެވެ. ލާމަރުކަޒީ ނިޒާމަށް މިއަހަރު 13 އަހަރު ފުރިގެންދިޔައިރު، ރައްޔިތުންނަށް ލިބިގެން މިދިޔަ ޤާނޫނީ ބާރުވެރިކަމާއެކު ރައްޔިތުންނާއި ސަރުކާރުންވެސް އެންމެބޮޑަށް އުއްމީދު ކުރަމުންދަނީ ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތަށް، ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް، ސިޓީތަކާއި ރަށްތައް ތަރައްޤީކޮށްދިނުމެވެ. މިކަން ކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެފައިވާ ފަދައިން މިހާރު ކައުންސިލްތަކަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ކުރެވޭނެ އެއްވެސް ޝަކުވާއެއް ނެތްކަމަށް ގިނަ ބަޔަކު ދެކެއެވެ.

ރާއްޖެ ވިއަވަތިވެ، ދިރިއުޅުން ޖަޒީރާވެ، އުފާފާގަތި ކަމާ ބާއްޖަވެރި ހަޔާތެއްގެ ނަސީބު ކޮންމެ ރަށެއްގެ ކޮންމެ ދިވެއްސަކަށް ވެސް ހައްގު ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ. ރާއްޖެ ލާމަރުކަޒުކޮށް، ހިދުމަތްތަކާ ވަސީލަތްތަކާ ފުރުސަތުތަށް، އަމިއްލަ ރަށާ އަތޮޅާ ސަރަހައްދާ ގާތްކޮށް އަތުރާ ފަތުރާލުމަކީ ސަރުކާރު އަމާޒު ހިފާފަ ހުރި މިސްރާބެވެ.