ކުޅިވަރު

ޕެނަލްޓީގައި ބަލިވެ ރާއްޖެއަށް ހަތަރުވަނަ


ސައުތު އޭޝިއަން ގޭމްސްގެ ތިންވަަނަ ހޮވި މެޗުން ރާއްޖޭގެ ފުޓްބޯޅަ ޓީމް
ބަލިވެއްޖެއެވެ. ބަންގްލަދޭޝްއާ ވާދަކޮށް ރާއްޖެ ބަލިވީ ޕެނަލްޓީ ޖަހައިގެން
ހަލަނޑު ހަތްލަނޑުންނެވެ.



މެޗްގެ ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ބަންގްލަދޭޝްއެވެ. މިލަނޑު ފުރަތަމަ
ހާފްގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ނަބީބް ޖިބޮންއެވެ.
ފުރަތަމަ ހާފްގައި ލިބުނު ހިލޭ ޖެހުމަކުން ރާއްޖައަށް ނަތީޖާ ހަމަހަމަކޮށްދިނީ އަލީ
ފާސިރުއެވެ.



ދެވަނަ ހާފްގައި ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީ ރާއްޖެއެވެ. މިލަނޑު އޭރިޔާ
ބޭރުން ކާމިޔާބުކޮށްދިނީވެސް އަލީ ފާސިރުއެވެ. ރާއްޖެއިން ލަނޑުޖެހިތާ މާގިނަ
އިރުތަކެއްނުވަނީސް ބަންގްލަދޭޝްއިން ނަތީޖާ ހަމަހަމަކުރިއެވެ. މިލަނޑު
ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ސުހެއިލް
ރާނާއެވެ.



މެޗްގެ ނުވަދިހަ މިނެޓްގެ ކުޅެ ނިމުނުއިރު ދެޓީމް އެއްވަރުވެފައި އޮތުމުން
ނަތީޖާ ނެރުނީ ސީދާ ޕެނަލްޓީއިންނެވެ.



ބަންގްލަދޭޝް ޓީމުން ޖެހި ހުރިހާ ޕެނަލްޓީއެއްް ކާމިޔާބުކުރިއިރު ރާއްޖެއިން
ޕެނަލްޓީ ވައްދާނުލެވުނީ ކެޕްޓަން އިސްމާއިލް އީސާއަށެވެ. އީސަ ފޮނުވާލި ޕެނަލްޓީ
ދިޔައީ ގޯލްގެ ދަނޑިމަތިން ބޭރަށެވެ.



މެޗަށްފަހު ރާއްޖޭ ޓީމްގެ ކޯޗް ރިކީ ހާބާޓް ބުނީ މިއީ ހިތްދަތި ނަތީޖާއެއް
ކަމަށާއި، ސަޕޯޓަރުންގެ ކިބައިން މަޢާފަަށް އެދޭކަމަށެވެ.



"އަހަރެމެން މިތަނަށް އައީ މެޑަލްއެއް ހޯދަން. އެހެންނަމަވެސް ނަތީޖާ
މިނިކުތީ ބޭނުންވިގޮތަކަށް ނޫން. ކުޅުންތެރިން ކުރި ހިތްވަރަށް އަހަރެން ސާބަސް
ދެން. ސަޕޯޓަރުން ބޭނުންވި ނަތީޖާ ނުނެރެވުމުން އެކަމަށް މަޢާފަށް އެދެން."
ކޯޗް ބުންޏެވެ.



ރާއްޖޭގެ ކޯޗް ހާބާޓް ބުނީ މިއަދު ދިމާވި އެންމެ ބޮޑު މައްސަލައަކީ
ވަރުބަލިކަމާއެކު ކުޅުންތެރިން ކުޅެން ޖެހުން ކަމަށެވެ. ސެމީފައިނަލް މެޗްގައި
އިތުރުވަގުތު ދެހާފް ކުޅެން ޖެހުމުން އެކަމުގެ އަސަރު ކުޅުންތެރިންގެ ފަރާތުން
ފެނުނު ކަމަށް ކޯޗް ބުންޏެވެ.