ޚަބަރު

ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވުމުގެ ދައުވަތު ފޮނުއްވައިފި


ދިވެހި ސަރުކާރުން އިސްނަންގަވައިގެން ސިޔާސީ ޕާޓީތަކާއެކު ފެއްޓެވުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އާއި، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމް.ޑީ.އޭ) އާއި، ޖުމްހޫރީ ޕާޓީ (ޖޭ.ޕީ) އާއި، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އާއި، އަދާލަތު ޕާޓީއަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދަޢުވަތު ދެއްވައިފިއެވެ.މި މަޝްވަރާތަކުގައި ސަރުކާރުގެ މަންދޫބުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ މުޙަންމަދު ޝައިނީއާއި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރާއި، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އަޙްމަދު ޡުހޫރެވެ.މި ބައްދަލުވުންތަކުގައި ޕާޓީތަކުން ބައިވެރިވެވަޑައިގަންނަވާނޭ ބޭފުޅުންގެ މަޢުލޫމާތާއި، ޕާޓީތަކުން މަޝްވަރާކުރައްވަން ބޭނުންފުޅުވާ މައްސަލަތައް ހުށަހެޅުއްވުމަށް، މި ބައްދަލުވުންތަކުގައި ބައިވެރިވާ ޕާޓީތަކަށް މިހާރު ދަންނަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވައެވެ.މިއަދު ހުވަދު އަތޮޅު ދެކުނުބުރީ ގައްދޫގައި ރައްކާތެރި ބޯފެނުގެ ޚިދުމަތް އިފްތިތާހުކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން، ސަރުކާރުން އިސްނަންގަވައިގެން ސިޔާސީ ޕާޓީތަކާއެކު ފެއްޓެވުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގައި ރައްޔިތުންނަށް ފައިދާހުރި ކަންތައްތަކެއް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވައިލެއްވިއެވެ. މިގޮތުން، ދައުލަތުގެ ސިޔާސަތު ބިނާކުރުމާ ބެހޭގޮތުންނާއި، ދައުލަތުން ރައްޔިތުންނަށް ކޮށްދޭ ކަންކަން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރުމަށް އިސްކަންދެއްވުމަށް ހުރިހާ ސިޔާސީ ޕާޓީއެއްގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.