ވިޔަފާރި

އެމްޑަބްލިއުއެސްސީން ބޮޑު ބަދަލަކަށް، ބިއްލޫރި ފުޅީގައި ފެން ނެރެން ފަށައިފި


ބިއްލޫރި ފުޅީގައި ފެން ބަންދުކޮށްގެން އެމްޑަބްލިއުއެސްސީން ބާޒާރަށް ނެރެން ފަށައިފިއެވެ. "އާރޯ"ގެ ނަމުގައި ނެރެންފެށި މި ފެނަކީ ރާއްޖޭގެ ފުރަތަމަ ޕްރީމިއަމް ފެނެވެ.

ކްރޮސްރޯޑްސްގައި ބޭއްވި ރަސްމިއްޔާތެއްގައި އާރޯ ބްރޭންޑު ތައާރަފުކޮށްދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އާއިޝަތު ނަހުލާއެވެ. އެމްޑަބްލިއުއެސްސީން ވިދާޅުވީ، އާރޯ ބްރޭންޑުގެ ފެން ފުޅި ބާޒާރަށް ނެރުނީ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމުގެ ސިޔާސަތަށް ތަރުހީބުދިނުމަށްކަމަށެވެ.

"އާރޯ"ގެ މާނައަކީ ތާޒާކަން ނުވަތަ އާރޯކަމެވެ. އާރޯ ފެން ފުޅިތައް ނެރޭނީ ސީރީޒްތަކެއްގެ ގޮތުގައިކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. އެގޮތުން ކޮންމެ ސީރީޒްއެއްގެ ލޭބަލްއިން ރާއްޖެ ތަމްސީލްކޮށްދޭނެއެވެ. އެހެންކަމުން މި ބްރޭންޑަށް ކިޔަނީ "މޯލްޑިވްސް އިން އަ ބޮޓަލް" އެވެ. ފުރަތަމަ ސީރީޒް ރަމްޒުކޮށްދެނީ ރާއްޖޭގެ ގުދުރަތީ ރީތިކަމެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑަބްސިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވީ، މި ފެނަކީ ދިވެހިންނާއި އަދި ފަތުރުވެރިންނަށްވެސް ކަމުދާނެ ފަދަ ގޮތަކަށް ތައްޔާރުކޮށްފައިވާ ފެނެއްކަމަށެވެ. އަދި މިއީ ރާއްޖޭގެ ރީތިކަން ފަތުރުވެރިންނަށް އިޝްތިހާރުކުރުމަށާއި، ދިވެހިންނަށް ލިބިފައިވާ ގުދުރަތީ ވެށި ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކޮށް ބެލެހެއްޓުމަށް ހޭލުންތެރިކަން އުފެއްދުމަށް އެޅިގެންދިޔަ ވަރަށް މުހިންމު ފިޔަވަޅެއްކަމަށް ޝާހު ވިދާޅުވިއެވެ. އަދި މި ބްރޭންޑްގެ އިތުރު އުފެއްދުންތައްވެސް ނެރޭނެކަމަށާއި، ބޭރުގެ އެހެން ކުންފުނިތަކާއިވެސް ވާދަކުރެވޭނެ ބްރޭންޑަކަށް އާރޯ ވެގެންދާނެކަމަށް ޝާހު ވިދާޅުވިއެވެ.

"އާރޯ ފެނަކީ ފަތުރުވެރިންނާއި އާންމުންނަށް އެންމެ ކަމުދާގޮތައް ގުދުރަތީ މައުދަންތައް ހިމަނައިގެން ތައްޔާރުކޮށް އުފައްދާފައިވާ ފެންވަރު ރަނގަޅު ކޮލެޓީ މޮޅު މިނަރަލައިޒްޑް ފެނެއް. އަދި މި ފުޅިއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވަނީ ދިވެހި ކުރެހުންތެރިޔާ އަލީ ޝިމްހާގްގެ މޮޅު ފަންނީ ހުނަރުވެރިކަމުން ފުޅީގެ ލޭބަލް ރާއްޖޭގެ ހިތްގައިމު މަންޒަރުތައް ކުލަޖައްސައި ސިފަކޮށްދީފައިވާލެއް ފުރިހަމަކަމުން. ފުޅީގައި ރާއްޖޭގެ ޚާއްސަ 3 ކަމެއް ސިފަކޮށްދީފައިވޭ. ރާއްޖޭގެ ސްލޯގަން "ދަ ސަނީ ސައިޑް އޮފް ލައިފް". ސަން، ސޭންޑް، އެންޑް ސީ." ޝާހު ވިދާޅުވިއެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުނު އަހަރު މިފަދަ އުފެއްދުމެއް ބާޒާރަށް ނެރެވިގެން ދިއުމަކީ މި އުފެއްދުމަށް ލިބޭ އިތުރު ފުރިހަމަކަމެއްކަމަށެވެ. އަދި މިއީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކާއި ދުރުވުމަށް އެޅުނު ރަނގަޅު ފިޔަވަޅެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރަށް ވުމާއިއެކު މި އުފެއްދުން ފަރުމާކުރެވިފައިވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއިގުޅޭ ތިމާވެއްޓާއި ރައްޓެހި އުފެއްދުމެއްގެ ގޮތުގައި ކަމުން މިއީ މި އުފެއްދުމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެކަމެއް. ސަރުކާރުގެ އަމާޒަކީ ދިވެހި އަމިއްލަ އުފެއްދިންތައް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތައް ނެރޭ މިންވަރު އިތުރުކުރުންކަމުގައިވީހިނދު ދެމެހެއްޓެނިވި ގޮތެއްގައި މި ސިނާއަތް ކުރިއެރުވުމަށް އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ ތިމާވެށި ހިމާޔަތްކުރަން. އެގޮތުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކަށް ބަރޯސާވާ މިންވަރު މަދުކޮށް މިފަދަ އުފެއްދުންތައް ބާޒާރަށް ނެރޭއިރު ތިމާވެއްޓާއި ރައްޓެހި އީޖާދީ ވިސްނުންތައް ގެންގުޅުމަކީ ވަރަށްވެސް މުހިންމު ކަމެއްކަމުގައި ފާހަގަކުރަން." ނަހުލާ ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީން ވިދާޅުވީ، އެހެން ފެންފުޅިތަކާއި މި ފެންފުޅި ތަފާތުވާ 3 ކަމެއްވާކަމަށެވެ. އެއީ ރާއްޖެ ސިންގަލް ޔޫސް ޕްލާސްޓިކާއި ދުރަށް ދިއުމަށް ފަށާފައިވާ މަސައްކަތައް އެހީތެރިވެދިނުމަށް މި ފެން ފުޅި ބިއްލޫރި ފުޅީގައި ނެރުމާއި، އަދި ރާއްޖެ ތައާރަފްކޮށްދޭ ބްރޭންޑަކަށް މި ފެންފުޅި ވެގެންދިއުމުގެ އިތުރުން ފުޅީގެ ލޭބަލް ޑިޒައިންކޮށްފައިވަނީ ދިވެހި ފަންނުވެރިންކަމަށްވުމެވެ.