ޚަބަރު

މޫސުމީ ބަދަލު މުޅި ދުނިޔެ ބަދަލުކޮށްފި، ބަދަލާއެކު ދިރިއުޅެން ރައްކާތެރިކަން ލިބެންޖެހޭ: ނައިބު


މޫސުމީ މައްސަލަތައް މުޅި ދުނިޔެ ބަދަލު ކުރަމުންދާކަމަށާއި، ބަދަލުވަމުންދާ ދުނިޔެއަކީ އިންސާނުން ދިރިއުޅުމަށް އެކަށީގެން ތަނަކަށް ހެދުމަށް ހުރިހާ ޤައުމުތައް އެކުގައި މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ މިސްރުގައި ކުރިއަށްދާ އ.ދގެ 2022 ވަނަ އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސް "ކޮޕް 27" ސަމިޓްގައި، ދިވެހިރާއްޖޭގެ ފަރާތުން ޤައުމީ ބަޔާން އިއްވަވަމުންނެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައިވަނީ ދުނިޔޭގެ ބާރު ގަދަ ސަަރަޙައްދުތަކަށް ކުރަމުންދާ މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރު ރާއްޖެ ފަދަ ކުދި ޤައުމުތަކަށް ކުރަމުންދާ މިންވަރު ހާމަކުރައްވާފައެވެ.

"މިދިޔަ މަހު ޕާކިސްތާނުގައި ފެންބޮޑުވެ 1000އަށްވުރެ ގިނަ މީހުން މަރުވި. ތަރައްޤީގެ އެތައް މަސައްކަތެއް ފޮހެވިއްޖެ. ޔޫރަޕަށް ގަދަ ހޫނުގެ ތޫފާނުތައް ދަނީ އަންނަމުން. ޔޫކްރެއިން ހަނގުރާމައިގައި 82 މިލިއަން މީހުންނަށް، ކާބޯތަކެތީގެ ރައްކާތެރިކަން ގެއްލިއްޖެ. ދަނޑުވެރިކަމަށް މޫސުމީ ބަދަލުގެ އަސަރު ކުރޭ." ނައިބު ރައީސް ވިދާޅުވިއެވެ.

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ނާޒުކުކަމާއި ބެހޭގޮތުން ދުނިޔޭގެ ލީޑަރުންނަށް އިންޒާރުކުރައްވަމުން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް ދެބައިކުޅަ އެއްބަޔަށް މަދުކޮށް، ދުނިޔެ ހޫނުވާ މިންވަރު 1.5 ޑިގްރީގައި ހިފެހެއްޓުމަށް މިހާރު އޮތީ އެންމެ 86 މަސްދުވަސްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ކޮޕް-27 އާ މެދު ރާއްޖެއިން އުއްމީދުކުރާ ކަންކަން ފާހަގަކުރައްވަމުން މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާ އޭގެ އަސަރުތައް ކުޑަކުރުމަށް ކުރިން އެއްބަސްވެފައިވާ ކަންމަކާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ފޫބެއްދުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ އެކި މައްސަލަތަކަށް ޖުމްލަގޮތެއްގައި ޙައްލުތައް ހޯދުމާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތްތަކަށް ކަނޑައަޅާފައިވާ އަހަރަކު 100 ބިލިއަން އެމެރިކާ ޑޮލަރުގެ އަމާޒަށް ވާޞިލުވުން ފާހަގަކުރެއްވިއެވެ.

"މޫސުމީ ބަދަލުތައް މުޅި ދުނިޔެއަށް ބަދަލު ގެނެސްފި. މި ބަދަލުތަކާއެކު އިންސާނުން މި ދިރިއުޅޭ ދުނިޔެއަކީ، ދިރިއުޅެން އެކަށީގެންވާ ރައްކަތެރި ތަނަކަށް ހަދަންޖެހޭ." ނައިބު ވިދާޅުވިއެވެ.

ކޮޕް ސަމިޓްގައި ދުނިޔޭގެ 120އަށްވުރެ ގިނަ ޤައުމުގެ ލީޑަރުން ބައިވެރިވެއެވެ. ސަމިޓްގެ ބައްދަލުވުންތައް މިމަހުގެ 18އާއި ހަމައަށް ކުރިއްށްދާނެއެވެ.