ސިއްހަތު

ހެލްތު ކޭމްޕަށް ނަން ނޯޓްކުރި ގިނަ ބަޔަކަށް ފަރުވާދީފި


އައި ޖީ އެމް ހޮސްޕިޓަލުގައި މިހާރު ކުރިއަށްދާ މެޑިކަލް ކޭންޕަށް ދެއްކުމަށް ނަންނޯޓްކޮށްފައިވާ މީހުންގެ ހަތަރުބައިކުޅަ އެއްބައި މީހުންނަށް ފަރުވާދީފިއެވެ.ހިލޭ ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމާއެކު އިއްޔެ ހަވީރު ފެށި ކޭންޕުގެ ފުރަތަމަ ދެ ދަންފަޅީގެ ހިދުމަތް ނިމިފައިވާއިރު، ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޭމްޕް ކުރިއަށް ގެންދިޔުމަށް އައި ޖީ އެމް ހޮސްޕިޓަލުން ވަނީ ހަމަޖައްސާފައެވެ.ހާއްސަ ބަލިތަކަށް ފަރުވާދެއްވާ އިންޑިޔާގެ ތަޖުރިބާކާރު ޑޮކްޓަރުންނަށް ހިލޭ ދެއްކޭނެ އިންތިޒާމާއެކު އައި.ޖީ.އެމް ހޮސްޕިޓަލުގައި އިއްޔެ ފެށި ކޭމްޕަށް ދެއްކުމަށް ސަތޭކައަށްވުރެ ގިނަ މީހުން ނަންނޯޓްކޮށްފައިވެއެވެ. މި ކޭމްޕްގައި ފަރުވާދޭ ޚާއްޞަ ދާއިރާތައް ކަނޑައަޅާފައިވަނީ ރާއްޖޭގައި މިހާރު ލިބެން ނެތް ފަރުވާއަށް ބޮޑަށް އަމާޒުކޮށްގެން ކަމަށާއި، އެގޮތުން މިކޭމްޕުގައި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރަކާއި، ކިޑްނީގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރަކާއި ކުޑަކުދިންގެ ކަށީގެ މައްސަލަތަކަށް ހާއްސަ ޑޮކްޓަރަކު ފަރުވާ ދެއްވާނޭ ކަމަށް އައި ޖީ އެމް ހޮސްޕިޓަލުން ހާމަކުރައްވައެވެ.ކޭމްޕް ކުރިޔަށްދަނީ ތިން ބަޔަކަށް ބަހާލެވިގެންނެވެ. އެގޮތުން  ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރު ބައްލަވާނީ މާދަމާގެ ނިޔަލަށެވެ. ޔޫރޯ ކޭމްޕްގެ ނަމުގައި ކުރިޔަށް ގެންދާ މިބައިގައި ފަރުވާ ދެއްވަނީ ބެންގަލޫރުގެ އެން.ޔޫ ހޮސްޕިޓަކުގެ ޔޫރޯލޮޖިސްޓް ޑރ.ޕްރަސައްނަ ވެންކަޓޭޝްއެވެ. 60 މީހުން އެ ޑޮކްޓަރަށް ދެއްކުމަށް ނަންނޯޓްކޮށްފައިވެއެވެ. އޭގެތެރެއިން 15 މީހަކަށް މިހާރު ފަރުވީދީފައިވެއެވެ. އަދި ކިޑްނީގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރު މިއަދާއި މާދަމާ ބައްލަވާއިރު މިއަދުވަނީ 8 މީހަކަށް ފަރުވާދީފައެވެ. އަދި މާދަމާއިން ފެށިގެން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް މިކޭމްޕުގައި، ކުޑަކުދިންގެ ކަށީގެ މައްސަލަތަކަށް ޚާއްޞަ ޑޮކްޓަރު ބައްލަވަން ހަމަޖެހިފައިވެއެވެ. މި ޑޮކްޓަރަށް ދެއްކުމަށް 30 ކުއްޖަކު ނަންނޯޓްކޮށްފައިވެއެވެ.ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން އިސްނަގައިގެން އައި.ޖީ.އެމް. ހޮސްޕިޓަލާއި، ފްރެންޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިއާ- މޯލްޑިވްސް ގުޅިގެން އިންތިޒާމްކުރި މި ކޭމްޕް ފެށީ އިއްޔެ ހަވީރު އައި.ޖީ.އެމް.އެޗް ގައެވެ. ހިލޭ ޑޮކްޓަރަށް ދެއްކޭ މިކޭމްޕް އިއްޔެއިން ފެށިގެން އަންން ބުރާސްފަތިދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދާނެއެވެ.