ޚަބަރު

ހައްޖު ކޯޕަރޭޝަނުގެ ޙައްޖު ދަތުރަށް ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ނުކުރޭ: މިނިސްޓަރ

ހައްޖު ކޯޕަރޭޝަނުން މިއަހަރު ހައްޖަށް މީހުންގެ ގެންދިއުމުގައި ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ކޮށްފައިނުވާނޭކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަޒް ޑރ. އަޙްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

1443 ވަނަ އަހަރުގެ ޙައްޖު ދަތުރާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ކުރެއްވި ސުވާލަށް އިސްލާމިކް މިނިސްޓަރ މިއަދު ވަނީ ލިޔުމުން ޖަވާބުދެއްވާފައެވެ.

މަޖިލީހަށް ލިޔުމުން ދިން ޖަވާބުގައި އިސްލާމިކް މިނިސްޓަރ ވިދާޅުވީ ޙައްޖު ދަތުރަށް ޙައްޖު ކޯޕަރޭޝަނުން ޚަރަދުކޮށްފައިވަނީ 69.3 މިލިޔަން ރުފިޔާކަމަށެވެ. އޭގެތެރޭގައި މައްކާ ހޮޓަލުގައި ހޭދަކުރި 23 ދުވަހަށް ހައްޖު ކޯޕަރޭޝަނުން މައްކާގެ ހޮޓަލަށް 39.6 މިލިއަން ރުފިޔާއާއި، މަދީނާ ހޮޓަލުގައި ހޭދަކުރި ދެ ދުވަހަށް 1.8 މިލިއަން ރުފިޔާ ހިމެނެއެވެ. އަދި ހައްޖު ދަތުރުގައި މުތައްވިފަށް 10.6 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ހައްޖު ދަތުރުގެ އެއާލައިން ޓިކެޓަށް 9.8 މިލިއަން ރުފިޔ އަދި ކެއުމަށް 875450.86 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

މިނިސްޓަރު ވިދާޅުވީ 1443 ވަނަ އަހަރުގެ ހައްޖު ދަތުރުގައި އަމިއްލަ ގޮތުން ފައިސާ ދައްކައިގެން އެއްވެސް ފަރާތެއް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހައްޖަށް ގެންގޮސްފައި ނުވާނެ ކަމަށެވެ. އަދި ހައްޖު ދަތުރަށް ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ކޮށްފައި ނުވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ހައްޖު ވެރިންގެ ކަންކަން ބެލެހެއްޓުމަށް ހައްޖު މިޝަންގައި ހިމެނުނު 5 މީހުންނަށް ކެއުމާއި، ހުރުމާއި، ޕޮކެޓް މަނީ އަދި އިންސިޑެންޝަލް ފައިސާގެ ގޮތުގައި ޖުމްލަ 1.07 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށެވެ.

އެގޮތުން ފަސް މީހުންގެ ދެކޮޅު ޓިކެޓަށް 148،278.72 ރުފިޔާ ހޭދަވިއިރު ހުރުމާއި ކެއުމަށް 762،364.80 ރުފިޔާ ވަނީ ހޭދަވެފައެވެ. އަދި ޕޮކެޓް މަނީގެ ގޮތުގައި ފަސް މީހުންނަށް 12،027.60 ރުފިޔާ ހޭދަކުރިއިރު އިމަޖެންސީ ހާލަތެއް ދިމާވެއްޖެ ނަމަ ބޭނުންކުރުމަށް 154،200 ރުފިޔާ ހަރަދު ކުރެވުނު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެއިން މީހުން ޙައްޖަށް ދިއުމަށްޓަކައި ކޯޓާގެގޮތުގައި މިއަހަރު ލިބިފައިވަނީ 453 ޖާގައެވެ. އޭގެ ތެރެއިން 100 ޖާގައަށް މީހުން ހޮވާފައިވަނީ ޢާއްމުންގެ މެދުގައި ނެގި ގުރުއަތަކުންނެވެ. އަދި ބާކީ ޖާގަތަކަށް މީހުން ނެގީ ޙައްޖު ކޯޕަރޭޝަންގެ ކިއު ތަރުތީބުންނެވެ.

ކޯވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތައް އުވާލުމަށްފަހު މިއަހަރުގެ ޙައްޖުގައި މިލިއަނަނެއްހާ މީހުން ވަނީ ބައިވެރިކޮށްފައެވެ.