ދުނިޔޭގެ ވިޔަފާރި

ޓުވިޓަރއިން ދެބައިކުޅަ އެއްބައި މުވައްޒަފުން ވަކިކޮށްފި


މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓުވިޓަރއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ޓުވިޓަރއިން މުވައްޒަފުން ވަކިކޮށްފައި މިވަނީ ކުންފުނިން ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބައި މުވައްޒަފުން ވަކިކުރާނެކަމަށް މިދިޔަ ހަފްތާގައި ޓްވިޓަރއިން އިއުލާނުކޮށްފައިވާކަމަށް މީޑިއާތަކުން ރިޕޯޓުކުރި ފަހުންނެވެ.

ވަޒީފާއިން ވަކިކުރިކަން މުވައްޒަފުންނަށް އަންގާފައި ވަނީ އީމެއިލް މެދުވެރިކޮށެވެ. މިއާއިއެކު ގިނަ ބަޔަކު އަންނަނީ ޓުވިޓަރގެ ވެރިޔާ އީލޮން މަސްކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

މުވައްޒަފުން މަދުކުރުމަކީ މަހުޖަނު އީލޮން 44 ބިލިއަން ޑޮލަރަށް ޓްވިޓަރ ގަތުމަށް ފަހު ގެންނަ ބަދަލުތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. އެމެރިކާއާއި ކެނެޑާއަށް ކަނޑައަޅާފައި ހުންނަ ޓުވިޓަރގެ ޑިރެކްޓަރ އޮފް ޕަބްލިކް ޕޮލިސީ އޮސްޓިން މިޝައިލް ބުނިގޮތުގައި ވަޒީފާއިން ވަކިކުރުމުން އޭނާ މިހުރީ ހަދާނެ ގޮތް ހުސްވެފައި ކަމަށެވެ.

ވަޒީފާއިން ވަކިކުރި އެހެން މީހަކު ބުނިގޮތުގައި މިއީ ވަރަށް އިންސާނިއްޔަތުކަމެއް ނެތް ނިންމުމެއްކަމަށެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މުވައްޒަފުން ވަކިކުރުމަކީ ޓުވިޓަރ ގަތް އަގު ކަމަށްވާ 44 ބިލިއަން އެމެރިކާ ޑޮލަރު ދެއްކޭނެ ގޮތެއް ހޯދުމަށް މަސްކު ކުރި ކަމެކެވެ.

މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ އިތުރުން ކުންފުންޏަށް ގެނައި ބަދަލުތަކުގެ ތެރޭގައި ޓްވިޓަރ އެކައުންޓު ވެރިފައިކުރުމަށް 8 ޑޮލަރު ޗާޖުކުރަންވެސް ހިމެނެއެވެ.

ހޮނިހިރު ދުވަހު ޓްވިޓަރއިން ވަނީ އައިއޯއެސް އެޕް ސްޓޯރުން އަޕްޑޭޓެއް ފޮނުވާފައެވެ. އެ އަޕްޑޭޓުގައިވާގޮތުން މަހަކު 7.99 ޑޮލަރު ދައްކާނަމަ ވެރިފިކޭޝަން ލިބޭނެއެވެ. އެންޑްރޮއިޑް ޑިވައިސްތަކަށް މި އަޕްޑޭޓް އަދި ފޮނުވާފައެއް ނުވެއެވެ.

މިގޮތަށް ޗާޖް ކުރާނަމަ ޓުވިޓަރއަށް އާމްދަނީ ލިބޭ މައިގަނޑު އެއް މަގު ކަމަށްވާ އިޝްތިހާރުތައް ޓުވިޓަރއަށް ނުލިބޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މަސްކް ޓްވިޓަރ އާއި ހަވާލުވުމަށްފަހު ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ސީއީއޯ ޕަރަގް އަގަރުވާލް އާއި ޗީފް ފައިނޭޝަލް އޮފިސަރު، ސީއެފްއޯ ނެޑް ސީގަލް އަދި ލީގަލް އެފެއާޒް އެންޑް ޕޮލިސީ ޗީފް، ވިޖޭޔާ ގައްޑާ ވަނީ ކުންފުނިން ބޭރުކޮށްލާފައެވެ.

ޓްވިޓަރ ގަންނަން ހެދި އެއްބަސްވުމާއި ޓްވިޓަރއިން ޚިލާފްވެފައިވާކަމަށް ބުނެ އެ މުއަމާލާތް ދެން އިތުރަށް ކުރިއަށް ނުގެންދަން އީލޮން ނިންމީ މިއަހަރުގެ ޖުލައި މަހުއެވެ.

އެއްބަސްވުން އުވާލަން އޭނާ ނިންމުމާއެކު ޓްވިޓަރއިން ވަނީ އެ އެއްބަސްވުމާއި އެއްގޮތަށް ކުންފުނި ގަންނަން ޖެހޭނެކަމަށް ބުނެ އީލޮންއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

މި މައްސަލައިގެ އަޑުއެހުމެއް ކޯޓުގައި ބާއްވާފައި ވަނިކޮށް ހަމަ ކުރިންވެސް ހުށަހެޅި އަގު ކަމަށްވާ، 44 ބިލިއަން އެމެރިކާ ޑޮލަރަށް ޓްވިޓަރ ގަންނާނެކަމަށް ބުނެ ޝަރީއަތް މަޑުޖައްސާލުމަށް މަސްކު ވަނީ އެދިފައެވެ.

މަސްކު ރަސްމީކޮށް ޓުވިޓަރ ހިންގުމާއި ހަވާލުވީ މި މަހުގެ 28 ވަނަ ދުވަހުއެވެ.

ޓްވިޓަރއާ ހަވާލުވުމަށްފަހު ޕްލެޓްފޯމުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ބަދަލުތަކެއް ގެންނާނެކަމަށް މަސްކު ވަނީ ބުނެފައެވެ.