ސިއްހަތު

އިންޑިޔާގެ އިތުރު ހޮސްޕިޓަލްތަކަކުން އާސަންދަ ލިބޭނެގޮތް ހަދަނީ


ބޭސް ފަރުވާއަށް އިންޑިއާއަށް ޒިޔާރަތްކުރާ ދިވެހިންނަށް ޚިދުމަތްދޭ އިންޑިއާގެ ހޮސްޕިޓަލުތަކުގެ ތެރެއިން މިހާރު އާސަންދަ ނެތް ހޮސްޕިޓަލްތަކަށް ކުރިޔަށް އޮތްތާނގައި އެ ފުރުޞަތު ދެއްވުމަށް ވިސްނަމުން އަންނަކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.އާސަންދަ ކުންފުނިން މިކަން ހާމަކުރީ މިއަދު ބޭއްވި "ހެލްތު ޕާޓްނަރ ޝިޕް ޑައިލޮގް" ގެ ހަވާސާގައި ޕީ.އެސް.އެމްއާ ވާހަކަދައްކަމުންނެވެ.ދިވެހިން ޢާއްމުކޮށް ޚިދްމަތް ހޯދަމުން އަންނަ އިންޑިއާގެ 18 ހޮސްޕިޓަލާއި، އައި.ޖީ.އެމް.އެޗް، އޭޑީކޭ، އާސަންދަ އަދި ހެލްތު މިނިސްޓްރީ ހިމެނޭ ގޮތަށް ޖުމްލަ 50 މަންދޫބުން ބައިވެރިވެވަޑައިގެންނެވި މި މަޝްވަރާގައި ބައިވެރިވި، އިންޑިއާގެ ގިނަ ހޮސްޕިޓަލްތަކަކީ އާސަންދައިގެ ޚިދްމަތްދޭ ހޮސްޕިޓަލްތަކެކެވެ. މިހާރު އާސަންދައިގެ ޚިދުމަތް ނުދޭ ހޮސްޕިޓަލްތަކުން އާސަންދައިގައި ބައިވެރިވުމުގެ ޝައުޤުވެރިކަން މި މަޝްވަރާގައި ފާޅުކޮށްފައިވެއެވެ.އާސަންދައިން ބުނީ މިއަދުގެ މަޝްވަރާއަކީ އާސަންދައިގެ ޚިދުމަތްދޭ ހޮސްޕިޓަލްތަކާއެކު، ޚިދުމަތް ރަނގަޅުކުރުމާ ބެހޭގޮތުން ޚިޔާލު ބަދަލުކުރުމަށް ލިބުނު ރަގަޅު ފުރުޞަތެއްކަމަށެވެ. އާސަންދަ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އިތުރު ހޮސްޕިޓަލްތަކަކަށް އާސަންދައިގެ ޚިދްމަތް ފުޅާކުރުމުގެ ވިސްނުން ގެންގުޅޭކަމަށް އާސަންދައިން ހާމަކުރެއެވެ.ޞިއްޙީ ވުޒާރާއިން ވިދާޅުވާ ގޮތުގައި މި މަޝްވަރާގެ އަމާޒަކީ އަސާންދަ ޚިދުމަތްދޭ އިންޑިއާގެ ހޮސްޕިޓަލްތަކުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމާއެކު، އާސަންދައިގެ ފުރިހަމަ މަންފާ ދިވެހިންނަށް ލިބޭނޭ ގޮތް ފަހިކުރުމަށް މަސައްކަތް ކުރެއްވުމެވެ. މަޝްވަރާގައި ބައިވެރިވެވަޑައިގެންނެވި ޞިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، ޙުސައިން ރަޝީދު ވިދާޅުވީ، މަޝްވަރާގެ ތެރޭގައި އިންޑިއާގެ އެހީގައި ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ލިބެން ހުރި ފުރުޞަތުތައް ދެނެގަނެވުނުކަމަށެވެ. އަދި އެޚިދުމަތް ހޯދުމަށް އިންޑިއާ ސަރުކާރާ ގުޅިވަޑައިގެން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި. އެގޮތުން އަތޮޅު ތެރޭގެ ޞިއްޙީ ޚިދްމަތް ފުޅާކުރެއްވުމަށް އެހީތެރިކަން ހޯދުމަށް ކުރިޔަށް އޮތްތާނގައި އިސްކަމެއް ދެއްވާނޭކަމަށް ހުސައިން ރަޝީދު ވިދާޅުވިއެވެ.މިބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރ ،އަކިލޭޝް މިޝްރާ ވިދާޅުވީ، މި މަޝްވަރާގެ ސަބަބުން ދެޤައުމަށްވެސް ޞިއްޙީ ދާއިރާއިން  ކުރިޔަށް ދިއުމަށް ހުރި ފުރުޞަތުތައް ދެނެގަނެވި، އޭގެ އެހީގައި ކުރިޔަށް ދިއުމަށް މަގުފަހިވެގެން ގޮސްފައިވާކަމަށެވެ. އަދި ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އެހީތެރިވުމުގައި އިންޑިއާ ގެންގުޅޭ ވިސްނުންތައް ބައްދަލުވުމުގެ ބައިވެރިންނާއި ހައިކޮމިޝަނަރ ޙިއްޞާ ކުރެއްވިއެވެ.މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި އިންޑިއާގެ 18 ހޮސްޕިޓަލުގެ ތެރެއިން 10 ހިސްޕިޓަލަކުން ވަނީ އެހޮސްޕިޓަލްތަކުން ދިވެހިންނަށް ފޯރުކޮށްދޭ ޚިދްމަތްތަކާއި، ދިވެހި ސަރުކާރާ ގުޅިގެން ޚިދްމަތްދެވިދާނެ ދާއިރާތައް ހިއްޞާކޮށްފައެވެ."ހެލްތު ޕާޓްނަރޝިޕް ޑައިލޮގްއަކީ، ދެޤައުމުގެ ޞިއްޙީ ދާއިރާއިން ގުޅުން ބަދަހިކޮށް، ދެޤައުމުގެ ދެމެދުގައި މިދާއިރާއިން ދޭ އެއްބާރުލުން ވަރުގަދަކުރުމުގެ ގޮތުން، އިންޑިއަން ހައިކޮމިޝަނުން އިސްނަގައިގެން ބޭއްވި މަޝްވަރާ ބައްދަލުވުމެކެވެ.