ވިޔަފާރި

ރާއްޖޭގައި ބާއްވާ އިފޮޕްކާގެ ފުރަތަމަ ބައްދަލުވުމުގައި 400 އިންވެސްޓަރުން


ރާއްޖޭގައި މިއަހަރު ބާއްވާ އިފޮޕްކާގެ 45 ވަނަ ބައްދަލުވުމުގައި 400 އިންވެސްޓަރުން ބައިވެރިވާނެކަމަށް މޯލްޑިވްސް އެސޯސިއޭޝަން ފޮރ ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީގެ ރައީސް އަދި އިފޮޕްކާގެ މިހާރުގެ ރައީސް މުހައްމަދު އަލީ ޖަނާހް ވިދާޅުވެއްޖެއެވެ.

ކޮންމެ އަހަރަކުވެސް ބާއްވާ އިފޮޕްކާގެ މި ބައްދަލުވުމަކީ ޞަރަޙައްދީ ފެންވަރެއްގައި ބާއްވާ ޢިމާރާތްކުރުމުގެ ދާއިރާގެ އެންމެ ބޮޑު އެއް ބައްދަލުވުމެވެ. މި ބައްދަލުވުން މިއަހަރު ރާއްޖޭގައި ކުރިއަށްދާނީ މި މަހުގެ 15އިން 19އަށެވެ. ރާއްޖެއިން މި ބައްދަލުވުމަށް ކަނޑައަޅާފައިވާ ޝިޢާރަކީ "ކޮންސްޓްރަކްޝަން ވިތް ކޮންޒަވޭޝަން – ބިލްޑް އަ ބެޓަރ ވޯލްޑް" މިއެވެ.

މި ބައްދަލުވުން ވެގެންދާނީ ރާއްޖޭގައި ބޭއްވޭ ވިޔަފާރިވެރިންގެ އެންމެ ބޮޑު ބައްދަލުވުމަށެވެ. ޖަނާހު ވިދާޅުވީ، މި ކޮންފަރެންސްގެ ތެރެއިން ރާއްޖޭގެ އިންވެސްޓްމަންޓް ފުރުސަތުތަކާއި ރާއްޖޭގެ ޕޮޓެންޝިއަލް ދައްކާލާނެކަމަށެވެ. ބައްދަލުވުމުގެ ފުރަތަމަ ސެޝަންގައި ރާއްޖޭގެ ވަޒީރުން ބައިވެރިވެ، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާއި ރާއްޖޭގައި އިންވެސްޓްކުރަންޖެހޭ ސަބަބުތައް ކިޔާދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ ބައްދަލުވުމުގައި 22 ޤައުމަކުން 400 ޑެލިގޭޓުން ބައިވެރިވާނެކަމަށް ޖަނާހު ވިދާޅުވިއެވެ. މާލެ ކައިރި ތަންތަން ޙާއްސަކޮށް ސަރުކާރުން ހިންގާ ބޮޑެތި ތަރައްޤީގެ މަޝްރޫއުތައް ހިންގާ ތަންތަންނަށް ގެންދާނެކަމަށެވެ. ކޮންފަރެންސްގެ ސަބަބުން މުޅި މި ސަރަހައްދަށް ރާއްޖޭގެ އިޤްތިސާދު ހުޅުވިގެންދާނެކަމަށާއި، އެމީހުން އަނބުރާ ޤައުމަށް ދާނީ ވަރަށް ބޮޑަށް ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތައް އިނގިގެންކަމަށް ޖަނާހު ވިދާޅުވިއެވެ.

ޖަނާހު ވިދާޅުވީ މި ކޮންފަރެންސްއަށް ސަރުކާރުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭކަމަށެވެ. މިއަހަރުގެ ކޮންފަރެންސްގައި ބައިވެރިވުމުގެ ދައުވަތު މަސީއިން މިހާރު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްއަށްވެސް އަރުވާފައެވެ.

މިއީ އިފޮޕްކާގެ ބައްދަލުވުމެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރަށްވާއިރު މިދިޔަ އަހަރު އިފޮޕްކާ ބައްދަލުވުން ބާއްވާފައި ވަނީ މެލޭޝިޔާގައެވެ. ކޮންމެ އަހަރަކު ބާއްވާ އިފޮޕްކާގެ ބައްދަލުވުމުގެ ތެރެއިން ޞަރަޙައްދީ ފެންވަރެއްގައި ޢިމާރާތްކުރުމުގެ ދާއިރާ ހަރުދަނާކޮށް، އެއް ކުންފުނި އަނެއް ކުންފުންޏާއެކު މަސައްކަތްކުރެވޭނެ ގޮތްތަކާބެހޭ ގޮތުން މަޝްވަރާކުރެއެވެ. އަދި ޢިމާރާތްކުރުމުގެ ދާއިރާއަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމާބެހޭ ގޮތުންވެސް މަޝްވަރާކުރެވޭނެއެވެ.