ޚަބަރު

ދެ މެޖިސްޓްރޭޓް ކޯޓަށް ފަނޑިޔާރުން ޢައްޔަންކުރައްވައިފި


ދެ މެޖިސްޓްރޭޓް ކޯޓަކަށް ފަނޑިޔާރުން އައްޔަން ކުރައްވައިފިއެވެ.

ފަނޑިޔާރުން އައްޔަން ކުރައްވާފައިވަނީ ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށާއި، ށ.ފުނަދޫ މެޖިސްޓްރޭޓް ކޯޓަށެވެ. ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ޢައްޔަންކުރައްވާފައިވަނީ މ.ވޭވަށް، ކޯނަރ، އަލްއުސްތާޛު ޔާސިރު މުޙައްމަދެވެ.

އަލްއުސްތާޛު ޔާސިރު މުޙައްމަދު ވަނީ ވިލާ ކޮލެޖުން ބެޗްލަރ އޮފް ޝަރިޢާ އެންޑް ލޯ ޙާސިލް ކުރައްވާފައެވެ. ތިން އަހަރު ޝަރުޢީ ދާއިރާގައި ހޭދަކުރައްވާފައިވާ، އަލްއުސްތާޛް ޔާސިރު މުޙައްމަދު މިހާތަަނަށް ހުންނެވީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރގެ މަގާމުގައެވެ.

ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ޢައްޔަންކުރައްވާފައިވަނީ ރ.މަޑުއްވަރީ، ރުވާގުގެ، އަލްއުސްތާޛު އިބްރާހިމް ނަޢީމްއެވެ. އަލްއުސްތާޛު އިބްރާހިމް ނަޢީމް ވަނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން ބެޗްލަރ އޮފް ޝަރިޢާ އެންޑް ލޯ އަދި ވިލާ ކޮލެޖުން މާސްޓަރ އޮފް ޝަރިޢާ އެންޑް ލޯ ޙާސިލް ކުރައްވާފައެވެ. ފަސް އަހަރު ޝަރުޢީ ދާއިރާގައި ހޭދަކުރައްވާފައިވާ އަލްއުސްތާޛް އިބްރާހީމް ނަޢީމް މިހާތަނަށް ހުންނެވީ ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރގެ މަގާމުގައެވެ.

މި ދެބޭފުޅުންވެސް މެޖިސްޓްރޭޓުކަމުގެ ހުވާ ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 4 ވަނަ ދުވަހުއެވެ.