ކެރީބިޔަން ކަނޑުގެ ސަރަޙައްދުގައި އުފެދިފައިވާ ބާރުގަދަ ތޫފާނެއް ކަމުގައިވާ ލީސާ މެކްސިކޯއާ ދިމާލަށް ދަތުރު ކުރަން ފަށައިފިއެވެ. މެކްސިކޯގެ ކުރިން ލިސާ ވަނީ ބެލީޒްގެ ސަރަޙައްދުތަކަށް އަރާފައެވެ. މި ތޫފާނާ އެކު ބެލީޒްގެ ގިނަ ސަރަޙައްދުތަކަށް ބޮޑެތި ގެއްލުންތައް ލިބުނެވެ. އަދި، ދެ ރަށެއްގައި ވަނީ ކުއްލި ހާލަތު އިޢުލާނު ކޮށްފައެވެ.
މި ތޫފާނާ އެކު ބޯކޮށް ވާރޭވެހި ބެލީޒްގެ ގިނަ ސަރަޙައްދުތަކެއްގައި ފެންބޮޑުވިއެވެ. އަދި، ތޫފާނާ އެކު ގަޑިއަކު 140 ކިލޯމީޓަރުގެ ބާރުމިނުގައި ވައި ޖެހިފައިވާ ކަމުގައި އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ. އަދި، ވައި ގަދަވެ ކަރަންޓު ވިއުގައަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ބައެއް ސަރަޙައްދުތަކަކުން ވަނީ ކަރަންޓުގެ ޚިދުމަތް ކެނޑިފައެވެ.
މި ތޫފާނާ ގުޅިގެން މެކްސިކޯގެ ސަރަޙައްދުތަކަށް މިހާރު ވެސް ވަނީ ވިއްސާރަކުރަން ފަށާފައެވެ. އަދި، ތޫފާނާ އެކު ގަޑިއަކު 55 ކިލޯމީޓަރަށް ވައި ޖެހެމުންދާ ކަމަށާއި، ތޫފާން އެންމެ ފުރަތަމަ އަރާނެ ކަމަށް ބެލެވެނީ މެކްސިކޯގެ އިރުދެކުނު އައްސޭރި ފަށުގެ ސަރަޙައްދުތަކަށް ކަމުގައި އެމެރިކާގެ ނޭޝަނަލް ހަރިކޭން ސެންޓަރ (އެން.އެޗް.ސީ) އިން ލަފާ ކުރެއެވެ.
ތޫފާން ލީސާގެ ސަބަބުން މެކްސިކޯގެ ބައެއް ސަރަޙައްދުތަކަށް 152 މިލިމީޓަރު ވާރޭ ވެހޭނެ ކަމަށް އެން.އެޗް.ސީ.އިން ލަފާ ކުރެއެވެ. އަދި، ތުފާނުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވޭ ޓެބެސްކޯއާއި ޝިއާޕާސްގެ އިތުރުން ވެރަކްރޫޒްއަށް 250 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމުގައި ވެސް އެ އިދާރާއިން އިންޒާރު ކުރެއެވެ.
ތޫފާން ލީސާއާ އެކު ކުރި ބޯ ވިއްސާރައިގައި އަވަށްޓެރި ގުއަޓެމާލާގައި ވެސް ފެން ބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކެއް ވަނީ ހިނގާފައެވެ. އަދި، 143 މީހުން ހާލުގައި ޖެހި ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން ޖެހުނެވެ.
މީގެ ތިން ހަފުތާ ކުރިން ކެރީބިޔަންގެ ސަރަޙައްދުތަކަށް އެރި ބާރުގަދަ ތުފާނެއް ކަމުގައިވާ ޖޫލިޔާގެ ސަބަބުން ވެސް ބައެއް ޤައުމުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެ ތުފާނުގެ އެންމެ ބޮޑަށް ކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ހޮންޑޫރަސް، ގުއަޓެމާލާ އަދި އެލް ސަލްވަޑޯ ހިމެނެއެވެ.