ޚަބަރު

ލުބުނާނުގައި ތިބި ސޫރިޔާ ރެފިޔުޖީން އަނބުރާ ޤައުމަށް ފޮނުވާލަނީ


ސޫރިޔާގެ ދާޚިލީ ހަނގުރާމައިން ސަލާމަތްވުމަށް ލުބުނާނަށް ހިޖުރަކުރި އެ ޤައުމުގެ ރެފިޔުޖީން އަނބުރާ ޤައުމަށް ފޮނުވައިލުމުގެ މަސައްކަތް ފަށައިފިއެވެ. ސޫރިޔާގެ ރެފިޔުޖީން އަނބުރާ ޤައުމަށް ފޮނުވައިލުމަށް ޚާއްޞަ ޕުރޮގުރާމެއް ލުބުނާނުން ފެށުމުން އިންސާނީ ހައްޤުތައް ހިމާޔަތްކުރާ ޖަމުޢިއްޔާތަކުން ވަނީ އެ ކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ލުބުނާނުން ބުނީ، އެ ޤައުމުން ފޮނުވައިލަމުން ދަނީ އެނބުރި ޤައުމަށް ދާން ބޭނުންވެގެން އެދިފައިވާ ރެފިޔުޖީން ކަމުގައެވެ. އަދި މި ކަމުގައި އެއްވެސް މަޖުބޫރު ކަމެއް ނެތް ކަމުގައި ވެސް ލުބުނާނުން ބުނެއެވެ. 2017ވަނަ އަހަރު ވެސް ލުބުނާނުން ވަނީ އެ ޤައުމުގައި ތިބި ސޫރިޔާގެ ރެފިޔުޖީންގެ ބަޔެއް އަނބުރާ ޤައުމަށް ފޮނުވައިލާފައެވެ.

ލުބުނާނުން ސޫރިޔާއަށް އަނބުރާ ފޮނުވައިލި ރެފިޔުޖީންގެ ފުރަތަމަ ގުރޫޕުގައި ހިމެނޭ 750 މީހުން ފުރުވައިލާފައި ވަނީ ލުބުނާނުގެ އުތުރުގައިވާ ރަށެއް ކަމުގައިވާ އަރްސަލްއިންނެވެ. 2017ވަނަ އަހަރުން ފެށިގެން މިހާތަނަށް 400,000 އަށްވުރެ ގިނަ ރެފިޔުޖީން އަނބުރާ ސޫރިޔާއަށް ފޮނުވައިލާފައިވާ ކަމުގައި ލުބުނާނުން ބުނެއެވެ.

ސޫރިޔާގައި 2011ވަނަ އަހަރު ފެށި ދާޚިލީ ހަނގުރާމައިން ސަލާމަތް ކަން ހޯދުމަށް އެ ޤައުމުގެ އެތަކެއް ސަތޭކަ ހާސް ރެފިޔުޖީންނެއް ވަނީ ލުބުނާނަށް ހިޖުރަ ކޮށްފައެވެ. މިހާރު ލުބުނާނުގައި ސޫރިޔާގެ ދެ މިލިޔަނަށް ވުރެ ގިނަ ރެފިޔުޖީން ތިބި ކަމުގައި އެ ޤައުމުން ބުނެއެވެ. މީގެ ތެރެއިން 830,000 ރެފިޔުޖީން ވަނީ އ.ދ.ގެ ރެފިޔުޖީންނާ ބެހޭ އިދާރާގައި ރަޖިސްޓަރީ ވެފައެވެ.

"ލުބުނާނުގައި ތިބި ސޫރިޔާގެ ރެފިޔުޖީން އަނބުރާ ޤައުމަށް ފޮނުވައިލަމުން ދަނީ ގަދަބާރުން. އެ މީހުންނަށް ގޮތް ނިންމުމުގެ އެއްވެސް ފުރުޞަތެއް ނުދޭ،" މި ޕުރޮގުރާމާ މެދު ކަންބޮޑުވުން ފާޅު ކުރަމުން އެމްނެސްޓީ އިންޓަރނޭޝަނަލްގެ އިސް އޮފިޝަލެއް ކަމުގައިވާ ޑަޔާނާ ސިމާން ބުންޏެވެ.

ނަމަވެސް، ލުބުނާނުން އެ ތުހުމަތުތައް ދޮގު ކުރެއެވެ. "އެ މީހުންނަށް އެނބުރި ޤައުމަށް ދިޔުމާ މެދު ގޮތް ނިންމުމުގެ ފުރިހަމަ އިޚުތިޔާރު އޮންނާނެ. ގަދަބާރުން އެއްވެސް ބަޔަކު އަނބުރާ ފޮނުވައެއް ނުލަން،" ލުބުނާނުގެ ޖެނެރަލް ސެކްރެޓަރީ ޑިރެކްޓަރ އައްބާސް އިބްރާހީމް ވިދާޅުވިއެވެ.