ޚަބަރު

ޕީޕީއެމްގެ އިންތިހާބަކީ ރާއްޖޭގައި ސިޔާސީ މިނިވަންކަން އޮތްކަމުގެ ހެއްކެއް: ފައްޔާޒު


މިއަދު ބޭއްވި އިދިކޮޅު ޕީޕީއެމްގެ އެތެރޭގެ އިންތިހާބަކީ ރާއްޖޭގައި ސިޔާސީ މިނިވަންކަން އޮތްކަމުގެ ހެއްކެއްކަމަށް އިކޮނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ޗެއަރޕަސަން ފައްޔާޒު އިސްމާއިލު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ އެތެރޭގެ އިންތިހާބާއި ގުޅޭގޮތުން ފައްޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެ ހަރަކާތަށް މަރުހަބާ ކިޔާފާއެވެ. އަދި އިދިކޮޅު ފަރާތްތަކުން ބާއްވާ ސިޔާސީ ހަރަކާތްތައް ފުލުހުން ފޮނުވައިގެން ނުހުއްޓުވާކަމީ މިހާރުއޮތް ސިޔާސީ މިނިވަންކަމުގެ ހެއްކެއްކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ މީގެ 5 އަހަރު ކުރިން މަންޒަރު ކިތަންމެހާވެސް ތަފާތުކަމަށާއި ވޯޓުފޮށި ބަލާ އޭރު އައީ ފުލުހުންކަމަށެވެ.

ޕީޕީއެމްގެ އެތެރޭގެ އިންތިހާބަށް އެއްވެސް ހުރަސްތަކެއް ކުރިމަތިނުވެ ކުރިއަށްދިޔައިރު، މީގެކުރިން ޕީޕީއެމްގެ ވެރިކަމުގައި އޭރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކަށް ޖާގަ ދީފައެއް ނުވެއެވެ. އެގޮތުން އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގެ ވޯޓުލުމަށް ހުރަސް އަޅައި، ވޯޓް ފޮށިތައް ފުލުހުން ގެންގޮސްފައިވެސް އެބަހުއްޓެވެ.