ޚަބަރު

ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ކެނދިކުޅުދޫ އިޝްތިހާރުކޮށްފި


ހާޓްސީން ޓްރެވެލް ފެއަރގައި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ކެނދިކުޅުދޫ އިޝްތިހާރުކޮށްފިއެވެ.

ހާޓްސީން ޓްރެވެލް ފެއަރއަކީ އަމިއްލަ ކުންފުންޏެއްކަމަށް "ޕުލޭޑޭ މޯލްޑިވްސް"އިން ހުޅުމާލޭގައި ކުރިއަށްދިޔަ ފެއަރއެކެވެ.

މި ފެއާއަކީ ރާއްޖޭގެ ރަށްތަކުގައި ލޯކަލް ޓުއަރިޒަމް އިސްތިހާރުކޮށް ރަށްތަކަށް އިތުރު ފުރުޞަތުތައް ހޯދައިދިނުމަށް ބޭއްވި ފެއަރއެކެވެ. 2 ދުވަހުގެ މުއްދަތަކަށް ކުރިއަށް ދިޔަ މި ފެއަރގައި ވަނީ ކެނދިކުޅުދޫގައި ހުރި ޓުއަރިޒަމްއާއި ވިޔަފާރީގެ ފުރުޞަތުތައް ދައްކާލާފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ކެނދިކުޅުދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޢޫފް ވިދާޅުވީ އެރަށުގައި މިހާރު ގެސްޓްހައުސް ވިޔަފާރީގެ ޚިދުމަތް ނެތްނަމަމަވެސް މިހާރުވެސް އެރަށުގައި އެ ޚިދުމަތް ފެށުމަށް ބޭނުންވާ ގިނަ މީހުން އެބަތިބިކަމަށާއި އެކަން ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.

ރައޫފް ވިދާޅުވީ އެރަށަކީ މީގެ ކުރިން ފަތުރުވެރިކަމުގެ ޚިދުމަތް ދިނުމަށް ޕްލޭންކުރެވިފައިވާ ރަށެއް ނޫންކަމަށާއި ނަމަވެސް މިހާރު ރަށުގެ ލޭންޑް ޔޫސް ޕްލޭން ހަދާ އެކި ފުރުޞަތުތައް ހޯދުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ނ. އަތޮޅަކީވެސް ފަތުރުވެރިކަމަށް މަޝްޙޫރު އަތޮޅެކެވެ. ދުނިޔޭގެ ފެންވަރުގެ ލަގްޒަރީ ބްރޭންޑްތަކުން ރިސޯޓްތައް ހިންގަމުންދާއިރު، އިންޓަރނޭޝަނަލް އެއަރޕޯޓެއް އޮތުމާއެކު ފަތުރުވެރިންގެ ޑިމާންޑް އަތޮޅަށް އެބައޮތެވެ. އެހެންކަމުން ކެނދިކުޅުދޫއަކީވެސް ފަތުރުވެރިންގެ މަންޒިލަކަށް ހެދުމަކީ ވަރަށްބޮޑު އުއްމީދެއްކަން ރައޫފް ފާހަގަކުރެއްވިއެވެ.

" ރަށަކީ ގުދުރަތީގޮތުން މުއްސަނދި ރަށެއް. މިގޮތުން ރަށޫގައި ހުރި ކުޅިތަކަކީ ފަތުރުވެރިކަމުގެ ވިޔަފާރިއަށް ބޭނުން ކުރެވޭނެ ތަންތަން. ރަށުގެ ރީތިކަން ބަލާލުމަށް ބޭރުގެ ފަތރުވެރިންނާއި ދިވެހިންނަށްވެސް އެއޮތީ ފުރުޞަތު ހުޅުވާލެވިފައި." ކައުންސިލްގެ ރައީސް ރަޢޫފް ވިދާޅުވިއެވެ.

ކެނދިކުޅުދޫއަކީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދިވެހިންނާއި ބޭރުން އަންނަ މީހުންނަށް އިޝްތިހާރު ކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގައި ވަނީ އެރަށުން ފާހަގަކޮށްލެވޭ ކެއުންތައް ދައްކާލާ ރަހަބަލާލުމުގެ ފުރުސަތު ފަހިކޮށްދީފައެވެ. އަދި ރަށުގެ އާދަކާދައާއި ސަޤާފަތް ވަނީ ދައްކުވައިދީފައެވެ. މީގެ އިތުރަށް އެ ރަށުގެ 3ޑީ މޮޑެލްއެއް މެދުވެރިކޮށް ރަށުގައި ހުރި ފުރުޞަތުތަކާއި ރަށުގެ މަޢުލޫމާތުތައްވެސް ވަނީ ފެއަރއަށް ޒިޔާރަތްކުރި މީހުންނަށް ހިއްސާކޮށްފައެވެ.

ގުދުރަތީގޮތުން މުއްސަނދި ނ. ކެނދިކުޅުދޫއަކީ ހިތްގައިމު ރަށެކެވެ. މުޅި ރަށަށް ލިބިގެންވާ އެންމެ ޚާއްސަ އެއް ސިފައަކީ ގިނަ ކުޅިތަކެއް ހިމެނުމެވެ. މިއީ ރާއްޖޭގެ ނިސްބަތުންވެސް ވަރަށް މަދު ރަށަކުން ނޫނީ ނުފެންނަ ސިފައެކެވެ. ގާތްގަނޑަކަށް 207 ހެކްޓަރުގެ މި ރަށުގައި ގުދުރަތީގޮތުން އުފެދިފައިވާ 9 ކުޅި އެބައޮތެވެ. މީގެ ތެރޭގައި 400 ފޫޓުން ފެށިގެން 3000 ފޫޓާއި ދެމެދުގެ ދިގުމިންހުރި 3 ކުޅިއެއް ހިމެނެއެވެ. މި ކުޅިތަކުގައި ކަނޑޫފަލާއި، އާއްމުކޮށް ނުފެންނަ ގިނަ ދޫނިސޫފާސޫތްޕާއި، މަސްމަހާމެއްސާއި، އެކި ބާވަތުގެ ގަސްގަހާގެހި ހިމެނެއެވެ.