ޚަބަރު

ކަނޑުމަހުން ނަގާ ޑިއުޓީއާމެދު އެއްބަސްވުމަކަށް އާދެވޭނޭކަމުގެ އުއްމީދު ބޮޑު: ޝާހިދު


ތިމާވެއްޓާ ގުޅޭ ގޮތުން އިނގިރޭސިވިލާތާއި އެއްވިސްނުމުގެ ޤައުމުތަކުން "ބަހާއި އަމަލު އެއްގޮތް ކޮށް" ދެމެހެއްޓެނިވި ކަނޑުމަސް އިމްޕޯޓް ކުރުމާ ގުޅޭ އެއްބަސްވުމަކަށް ރާއްޖެއާއެކު އަންނަށް ޖެހޭ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މޯނިން ޓްރޭޑް ޔޫކޭއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ ޝާހިދު ވިދާޅުވީ، އިނގިރޭސިވިލާތުން ކުޑަ ޖަޒީރާ ޤައުމަކަަށް އަދަބު ދެނީ މަހުގެ ބާވަތްތަކުން 20 ޕަސެންޓް ޓެރިފް ނަގައިގެން ކަމަށެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެއިން އިނގިރޭސިވިލާތަށް 10 މިލިއަން ޑޮލަރުގެ ޓޫނާ ފޮނުވާފައި ވާކަމަށާއި، މިފަދަ ޓެކްސްއެއް ނުނަގާނަމަ އެ އަދަދު އިތުރުވާނެ ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ކޮމަންވެލްތަށް ނިސްބަތްވާ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރެއިން، އިނގިރޭސިވިލާތަށް އެތެރެކުރާ މުދަލުން ޓެރިފް ނަގަމުންދާ ހަމައެކަނި ޤައުމަކީ ދިވެހިރާއްޖެއެވެ. ރާއްޖެއާއި އެއް ހާލަތެއްގައި ހިމެނޭ އެހެން ކުދި ޖަޒީރާ ޤައުމުތަކުން އެކިއެކި އިންތިޒާމުތައް މެދުވެރިކޮށް ޓެކްސް މަޢާފުކޮށްފައިވާއިރު، ދިވެހިރާއްޖެއަތުން ނަގާ ޓެކްސް އަކީ ވެވިފައިވާ އިހުމާލެއް ކަމުގައި ރާއްޖެއިން ދެކެއެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ، ދެމެހެއްޓެނިވި އުފެއްދުންތެރިކަމަކީ ވަރަށް މަޤުބޫލު ވެގެން ބުނާ ބަހެއް ކަމަށާއި ރާއްޖެއަކީ މަސްވެރިކަމުގެ މުޅި ސިނާއަތުގައި ދޮށީގެ މަސްވެރިކަން ގެންގުޅޭ މަދު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ނުވަތަ ހަމައެކަނި އެފަދަ މަސްވެރިކަމެއް ކުރާ ޤައުމު ކަމަށެވެ.

ރާއްޖެއިން ކޮންމެ މަހެއްވެސް ބާނަނީ ފަހަރަކު މަހެއް ވަކިން ކަމަށާއި، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދާ ޖަހައިގެން މަސްވެރިކަން ކުރުން މަނާކުރީ ކަނޑުގެ ދިރުން ސަލާމަތްކުރަން ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. ޢަދި ކަނޑުތަކަކީ ރާއްޖެއާއި ކުދި ޖަޒީރާ ޤައުމުތައް ދަމަހައްޓާ ދިރުން ކަމުގައި މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މަހުގެ ބާވަތްތައް ގަންނަ ޤައުމުތަކަށް "ބަހާއި އަމަލު އެއްގޮތް ކުރަން ޖެހޭ" ކަމުގައި މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. އެއްކޮޅުން ތިމާވެއްޓާއި ކަނޑުތަކާއި ބަޔޯޑައިވާސިޓީ ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކުރުމުގެ ވާހަކަ ދައްކަމުން ގެންދާއިރު، އެންމެ ދެ ސިނާއަތަށް، ޓޫރިޒަމާއި މަސްވެރިކަމަށް ބަރޯސާވެފައިވާ ކުޑަކުޑަ ގައުމަކުން 20 ޕަސެންޓް ޑިއުޓީ ނަގައި އަދަބު ދިނުމަކީ ބަހާއި އަމަލު ދިމާނުވުން ކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ ތަރައްޤީގެ މަގުގައި ކުރިއަރައި، އެ ޤާއުމަކަށް ލިބުނު އެހީގެ ފައިސާ ހެޔޮގޮތުގައި ބޭނުންކުރި ޤައުމެއްގެ އަތުން ޓެރިފް ނެގުމަކީ ކްލާހުގައި ކިޔަވާ ދަރިވަރަކަށް ކިޔެވުމުގެ އަދަބު ދިނުން ފަދަ ކަމެއް ކަމަށެވެ. ނަމަވެސް، ފޮރިން ސެކްރެޓަރީ ޖޭމްސް ކްލެވާލީ އާއި އެހެނިހެން ވަޒީރުންނާ އެކު ބޭއްވި ބައްދަލުވުންތަކަށް ފަހު، އެއްބަސްވުމަކަށް އާދެވޭނޭ ކަމުގެ އުއްމީދު އެބައޮތް ކަމަށް ވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. ކުރީގެ ދަތުރުތަކާ ހިލާފަށް މިފަހަރު އިނގިރޭސިވިލާތުން ފުރައިގެން މިދަނީ އެންމެ ފަހުގެ ހައްލެއް ފެންނާނެ ކަމުގެ ބޮޑު އުއްމީދުގައި، ކަމުގައި ޝާހިދު ވިދާޅުވިއެވެ.

އޮކްޓޯބަރު މަހު ބޭއްވި ކޮންޒަވޭޓިވް ޕާޓީގެ ކޮންފަރެންސްގައި މިކަމާ ބެހޭ ގޮތުން ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑޮކްޓަރ ފަރަހްނާޒް ފައިޞަލް ސުވާލު ކުރުމުން، އިނގިރޭސިވިލާތުގެ ސެކްރެޓަރީ ފޯ ސްޓޭޓް އިންޓަރނޭޝަނަލް ކެމީ ބާޑެނޮކް ވިދާޅުވީ ޓޫނާ އެގްރީމެންޓަކީ އިތުރަށް ވިޔަފާރީގެ ގުޅުން ބަދަހިކޮށްގެން، ޕާޓްނާޝިޕަކުން ހައްލު ގެނެވިދާނެ ކަމެއް ކަމަށާއި، - އެއީ ކޮންމެހެން އަބަދަކު ވިޔަފާރީގެ އެއްބަސްވުމަކަށް ވާން ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދިވެހިރާއްޖެއާއި ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓެއް ޤާއިމްކުރެވިދާނެ ނުވަތަ ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ފުޅާކޮށް ބަދަހިކުރުމަށް އެހެނިހެން ހަރުދަނާ ސިޔާސަތުކާއި ނިޡާމްތަށް ޤާއިމް ކުރެވިދާނެ ކަމަށެވެ. އެކަމަނާ އެއްބަސްވެވަޑައިގަތީ ދެ ގައުމުގެ އިސް އޮފިޝަލުންގެ މެދުގައި ރަސްމީކޮށް ބައްދަލުވުމެއް ބާއްވާ އޮތް ހައްލަކާ މެދު އިތުރަށް މަޝްވަރާ ކުރަންށެވެ.