ޚަބަރު

3 ވަނަ ކުއާޓަރުގައި ދިރާގަށް 627 މިލިއަން ރުފިޔާގެ އާމްދަނީއެއް


މިއަހަރުގެ 3 ވަނަ ކުއާޓަރުގައި ދިރާގަށް 627 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ. މިއީ މިއަހަރުގެ ދެވަނަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި ލިބުނު 618 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު، 1.3 އިންސައްތަ އިތުރު އަދަދެކެވެ.

ދިރާގުން އާމްދަނީ ހޯދަނީ މައިގަނޑު 2 ދާއިރާއަކުންނެވެ. އެއީ މޯބައިލް ޚިދުމަތްތަކާއި ފިކްސްޑް ލައިން، ބްރޯޑް ބޭންޑް އިންޓަނެޓާއި އެންޓަޕްރައިޒް ވިޔަފާރިތައް މެދުވެރިކޮށެވެ. ދިރާގުން އާއްމުކޮށްފައިވާ މިއަހަރުގެ 3 ވަނަ ކުއާޓަރގެ މާލީ ރިޕޯޓުގައިވާގޮތުން މޯބައިލް ޚިދުމަތްތަކުންވަނީ 316 އާމްދަނީއެއްވަނީ ލިބިފައެވެ. މިއަހަރުގެ ދެވަނަ ކުއާޓަރގައި މޯބައިލް ޚިދުމަތްތަކުން ލިބިފައިވަނީ 312 މިލިއަން ރުފިޔާއެވެ.

ފިކްސް ބްރޯޑްބޭންޑު ޚިދުމަތުން ލިބުނު އާމްދަނީއަށްވެސް 3 ވަނަ ކުއާޓަރގައިވަނީ ކުރިއެރުން ލިބިފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން 3 ވަނަ ކުއާޓަރގައި ފިކްސްޑު ބްރޯޑްބޭންޑު ޚިދުމަތްތަކުން 291 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ދެވަނަ ކުއާޓަރގައި ފިކްސް ބްރޯޑްބޭންޑް އާމްދަނީގެ ގޮތުގައި ދިރާގަށް ލިބިފައިވަނީ 289 މިލިއަން ރުފިޔާއެވެ.

3 ވަނަ ކުއާޓަރގައި ކުންފުނީގެ ހިންގުމުގެ ޚަރަދު ހުރީ 282 މިލިއަން ރުފިޔާގައެވެ. އަދި ޓެކްސްއަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި ދިރާގަށްވަނީ 202 މިލިއަން ރުފިޔާ ލިބިފައެވެ. މި އަދަދަކީ މިއަހަރުގެ 2 ވަނަ ކުއާޓަރުގައި ފައިދާގެ ގޮތުގައި ލިބުނު 218 މިލިއަން ރުފިޔާ އާއި އަޅާ ބަލާއިރު 7 އިންސައްތަ ދަށް އަދަދެކެވެ.

ދިރާގަށް ލިބުނު ފައިދާގެ އަދަދު ދަށަށް ގޮސްފައިވަނީ ދެވަނަ ކުއާޓަރުގައި އިތުރު ގޮތްތަކުން ލިބުނު އާމްދަނީ އިތުރުވެފައިވުމުން ކަމަށް ދިރާގުން ހާމަކުރެއެވެ.