ޚަބަރު

އުދައިގެ އަސަރު ކުރި ސަރަޙައްދު ސާފުކުރަން ފެށޭނީ މެންދުރުފަހު: ސިޓީ ކައުންސިލް


މިއަދު މެންދުރުފަހު 2 ޖެހުމާއި ހަމައަށް މާލެއަށް އުދައަރަމުންދާނެކަމަށް ލަފާކޮށްފައިވާތީ، އުދަ އަރަމުންދާ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް އޭގެފަހުން ފަށާނެކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މާލެއަށް މިއަދު ދިޔަވަރު ބޮޑުވި ގަޑީގައި ހެނދުނުން ފެށިގެން އުދަ އެރުމުގެ ސަބަބުން ކާނިވާ ސަރަޙައްދުގައި ވަނީ ފެންބޮޑުވެފައެވެ. މިއާއެކު ބޮޑުތަކުރުފާނު މަގުގައިވެސް ވަނީ ފެންބޮޑުވެފައެވެ. މިއީ މާލެއަށް އުދަ އަރާއިރު އާއްމުގޮތެއްގައިވެސް ފެންބޮޑުވާ ސަރަޙައްދުތަކެވެ. މިއަދު އުދަ އެރުމުގެ ސަބަބުން ކާނިވަލުގައި ހުރި ރެސްޓޯރެންޓްތަކަށްވެސް ވަނީ ލޮނުގެ އަސަރުކޮށްފައެވެ.

މާލެއަށް އުދައަރަމުންދާ ސަރަޙައްދުގައި މާލެ ސިޓީ ކައުންސިލުގެ އޮފިޝަލުން ޙަރަކާތްތެރިވަމުންދާކަމަށް އެކައުންސިލުން ވިދާޅުވެއެވެ. އަދި މެންދުރުފަހު 2 ޖެހުމާއި ހަމައަށް އުދައިގެ އަސަރުކުރާނެކަމަށް މޫސުމާއި ބޭހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ، އުދަ އަރަމުންދާ ސަރަޙައްދުތައް ސާފުކުރުމުގެ މަސައްކަތް ފަށާނީ އޭގެފަހުންކަމަށް ސިޓީކައުންސިލުން ވިދާޅުވެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރާނެކަމަށް ލަފާކުރެވޭތީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލާޓް ނެރެފައެވެ. އެ އިދާރާއިން މި އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 08:45 އިން ފެށިގެން 13:30 އާއި ހަމައަށެވެ. މިއެލަރޓްގެ ގަޑި ހަމަނުވަނީސް މެޓު އޮފީހުންވަނީ މިއަދު މެންދުރު 12 އިން ފެށިގެން އިރުއޮއްސި 6 ޖެހުމާއި ހަމައަށް ވައިޓް އެލަރޓް ނެރެފައެވެ. މިއެލަރޓް ނެރެފައިވަނީ ކ. އަތޮޅުންފެށިގެން ތ. އަތޮޅާއި ހަމައަށެވެ.


ރާއްޖޭގެ މޫސުން ކުރިއަށްއޮތް 24 ގަޑިއިރު ލަފާކުރާގޮތަށް ބަލާއިރު، އުތުރުގެ އަތޮޅުތަކަށް މޫސުން އާއްމުގޮތެއްގައި ރަނގަޅުވީނަމަވެސް މެދުރާއްޖެތެރެއާއި ދެކުނުގެއަތޮޅުތަކަށް ވިއްސާރަކުރާނެކަމަށާއި، ގުގުރުންވެސް އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށާއި، ރާއްޖޭގެ ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.

ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށާއި، މި ވިއްސާރަ ޑިސެމްބަރުމަހާ ހިސާބަށް ދެމިގެންދާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.