ޚަބަރު

3 ވަނަ ކުއާޓަރުގައި އެމްޓީޑީސީއަށް ފައިދާގެ ގޮތުގައި 11.6 މިލިއަން ރުފިޔާ


މިއަހަރުގެ 3 ވަނަ ކުއާޓަރުގައި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމް.ޓީ.ޑީ.ސީއަށް ސާފު ފައިދާގެ ގޮތުގައި 11.6 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

3 ވަނަ ކުއާޓަރުގައި އެމް.ޓީ.ޑީ.ސީއަށް ސާފު ފައިދާގެ ގޮތުގައި 11.6 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނު 9.9 މިލިއަން ރުފިޔާއަށްވުރެ 16 އިންސައްތަ އިތުރު އަދަދެކެވެ.

އެމް.ޓީ.ޑީ.ސީން އާއްމުކޮށްފައިވާ އެކުންފުނީގެ މިއަހަރުގެ 3 ވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން އެ ކުއާޓަރގައި އެކުންފުންޏަށް އާމްދަނީގެ ގޮތުގައި 1815831 ޑޮލަރު ނުވަތަ 28 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއަހަރުގެ ދެވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި އެކުންފުންޏަށް ލިބިފައިވަނީ 1794474 ޑޮލަރު ނުވަތަ 27.6 މިލިއަން ރުފިޔާއެވެ.

މިއަހަރުގެ 3 ވަނަ ކުއާޓަރުގައި އެމް.ޓީ.ޑީ.ސީއިންވަނީ ކުންފުނި ހިންގުމަށް 9.6 މިލިއަން ރުފިޔާ ޙަރަދުކޮށްފައެވެ. އެކުންފުނީގެ މާލީ ހިސާބުތައް ދައްކާގޮތުން މިއަހަރުގެ 3 ވަނަ ކުއާޓަރުގައިވަނީ އިދާރީ ކަންކަމަށް 3.1 މިލިއަން ރުފިޔާ ޙަރަދުކޮށްފައެވެ.

މިދިޔަ އަހަރަކީ އެމް.ޓީ.ޑީ.ސީއަށް ކާމިޔާބު އަހަރެކެވެ. ތާރީޚުގައި ރެކޯޑު ފައިދާއެއް ލިބިފައިވެއެވެ. އެގޮތުން ޓެކްސްއަށް ކެނޑުމަށްފަހު މިދިޔަ އަހަރު އެކުންފުންޏަށް ފައިދާގެ ގޮތުގައި 211.8 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2020 ވަނަ އަހަރު ލިބުނު ފައިދާގެ އަދަދު ކަމުގައިވާ 50.8 މިލިއަން ރުފިޔާ އަޅާ ބަލާއިރު، 160.9 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ފައިދާ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިން ކުއްޔަށް ދޫކޮށްފައިވާ ރަށްތަކާއި ގުޅިގެން ސަބްލީޒްގެ ސާފު އިންވެސްޓުމަންޓު ރެކޯޑު ކުރަން ނިންމުމާއި ގުޅިގެން ލީސް މޮޑިފިކޭޝަންގެ ސާފު ފައިދާ އިތުރުވެގެން ދިޔުންކަމަށް އެމް.ޓީ.ޑީ.ސީން ހާމަކުރެއެވެ.

2010 ވަނަ އަހަރުން ފެށިގެން އެމް.ޓީ.ޑީ.ސީ ހިންގަމުން އައިސްފައިވަނީ ގެއްލުމުގައެވެ. އެހެން ނަމަވެސް ކުންފުނި ހަރުދަނާކުރުމަށް ކުރެވުނު މަސައްކަތްތަކާއެކު އެމް..ޓީ.ޑީ.ސީއަކީ މިހާރު ފައިދާވާ ކުންފުންޏެކެވެ. އެމް.ޓީ.ޑީ.ސީގެ އާމްދަނީ މައިގަނޑުގޮތެއްގައި ބިނާވަނީ ކުއްޔަށް ދީފައިވާ ދެރަށުން ލިބޭ އާމްދަނީއެވެ. އެއީ އަނަންތަރާ ކިހަވަކާއި އަޔާޑާ މަގުއްދޫއެވެ.

އެމް.ޓީ.ޑީ.ސީއަކީ ފަތުރުވެރިކަމުގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާގޮތެއްގައި ހޯދައިދިނުމަށް ސަރުކާރުން 2006 ވަނަ އަހަރު އުފެއްދެވި ކުންފުންޏެކެވެ.