ދުނިޔޭގެ ވިޔަފާރި

މާލީއަށް 100 މިލިއަން ޑޮލަރުގެ އެހީ ރަޝިއާއިން ފޯރުކޮށްދެނީ


100 މިލިއަން ޑޮލަރަށްވާ ކާބޯތަކެއްޗާއި ތެލާއި ގަސްކާނާ ކުރިއަށް އޮތް ހަފްތާތަކުގައި ރަޝިއާއިން ލިބޭނެ ކަމަށް ހުޅަނގު އެފްރިކާއަށް ނިސްބަތްވާ މާލީގެ އިޤްތިޞާދާއި ބެހޭ ވަޒީރު އަލޫސެއިނީ ސަނޫ ވިދާޅުވެއްޖެއެވެ.

ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވަނީ މިކަމާއި ބެހޭގޮތުން މިދިޔަ އޮގަސްޓުމަހު މާލީއާއި މަޝްވަރާކުރައްވާފައެވެ. އަދި މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ވަރުގަދަކުރުމުގެ ގޮތުން ކުރާ ކަމެއް ކަމުގައި މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ބުދަ ދުވަހު މާލީގެ ޤައުމީ ޓީވީގައި ވާހަކަދައްކަވަމުން ސަނޫ ވިދާޅުވި ގޮތުގައި މޮސްކޯއިން ވަނީ 60،000 ޓަނުގެ ޕެޓްރޯލާއި 30،000 ޓަނުގެ ގަސްކާނާ އާއި 25،000 ޓަނުގެ ގޮދަން މާލީއަށް ފޮނުވުމަށް އެއްބަސްވެފައެވެ.

ޒަމާންތަކެއް ވަންދެން ފަރަންސޭސިވިލާތުގެ އިސްތިއުމާރީ ބާރުގެ ދަށުގައި އޮތް މާލީ އާއި ރަޝިޔާއާ ދެމެދު ގުޅުން ބަދަހިވާން ފެށީ ފަރަންސޭސިވިލާތާއި މާލީގެ ގުޅުން ހީނަރުވާން ފަށާފައި ވަނިކޮށެވެ.

މާލީގައި މިހާރު އޮތް އަސްކަރީ ސަރުކާރު 2020 ވަނަ އަހަރު ވެރިކަން އަތުލީ ބަޣާވާތަކުންނެވެ. އަދި އިންތިޚާބުތައް ލަސްކޮށް، އަސްކަރީ ބާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ދާހިލީ ހަމަނުޖެހުންތައް މައިތިރިކުރުމަށް ރަޝިޔާގެ ހަނގުރާމަވެރިންނާއި ގުޅިގެން މަސައްކަތް ކުރާތީ މާލީގެ އަސްކަރީ ސަރުކާރާއި ސަރަހައްދީ ޤައުމުތަކާއި، ހުޅަނގުގެ ބާރުތަކާއި ދެމެދު ފާއިތުވެދިޔަ ތަނުގައި ވަނީ ބަހުގެ ހަމަލާތައް ބަދަލުކޮށްފައެވެ.