ދުނިޔޭގެ ވިޔަފާރި

ސައިފަތް އުފައްދައިގެން ލިބޭ އާމްދަނީ އިތުރުވާނެކަމަށް ލަންކާއިން ލަފާކޮށްފި


ދަނޑުތަކަށް ބޭނުންވާ ގަސްކާނާ ލިބުމުގައި ދަތިތަކާއި ކުރިމަތިވެފައިވީ ނަމަވެސް ސައިފަތް އުފައްދައިގެން މިއަހަރު އާމްދަނީގެ ގޮތުގައި 1.4 ބިލިއަން އެމެރިކާ ޑޮލަރު ލިބޭނެކަމަށް ސްރީ ލަންކާއިން ލަފާކޮށްފިއެވެ.

ކެމިކަލް އެކުލެވޭ ގަސްކާނާ ބޭނުންކުރުން 2021 ވަނަ އަހަރު ލަންކާގައި ޤާނޫނަކުން މަނާކުރުމުން ސިލޯން ޓީ އުފައްދުމުގައި މަޝްހޫރު ލަންކާގެ ސައިފަތް އުފައްދާ ސިނާއަތަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. މި ޤާނޫނަށް އަމަލު ކުރުން ފަހުން ވަނީ ހުއްޓާލާފައެވެ.

ސައިފަތް އުފެއްދުމުގައި ދަތިތަކެއް ހުރި ނަމަވެސް ލަންކާ ފައިސާގެ އަގު ދަށްވުމާއި، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުމުގެ ސަބަބުން މިއަހަރު 1.4 ބިލިއަން އެމެރިކާ ޑޮލަރުގެ ސައިފަތް އުފެއްދުމަށް ފަސޭހަ ވެގެންދާނެކަމަށް ލަންކާގެ ޕްލާންޓަރސް އެސޯސިއޭޝަންގެ ތަރުޖަމާނު ރޯޝަން ރަޖާދުރާއި ބުންޏެވެ.

ސައިފަތް އުފައްދައިގެން ލިބޭ އާމްދަނީ އަކީ އޮކްޓޫބަރު މަސް ނިމުނު އިރު އެންމެ 1.7 ބިލިއަން އެމެރިކާ ޑޮލަރު ހުރި ލަންކާގެ ބޭރު ފައިސާގެ ރިޒާވް އިތުރުކުރުމަށް ކޮށޭނެ އެއް މަގުކަމަށް ރިޕޯޓުތައް ބުނެއެވެ.

މިއަހަރު 300 މިލިއަން ޓަނުގެ ސައިފަތް އުފައްދަން އަމާޒު ހިފާފައިވީ ނަމަވެސް، ސައިފަތް އުފެއްދޭ މިންވަރު އެ އަށްވުރެ މަދުވާނެކަމަށް ޕްލާންޓަރސް އެސޯސިއޭޝަންގެ ޗެއަރމަން ސެނަކަ އަލަވަޓެގަމާ ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުން އެގްރި ޕޮލިސީ ރަނގަޅަށް ދަމަހައްޓައިފިނަމަ އަންނަ އަހަރު 300 މިލިއަން ޓަނުގެ ސައިފަތް އުފެއްދޭނެކަމުގެ ޔަޤީންކަން ބޮޑުކަމަށް ސެނަކަ ވިދާޅުވިއެވެ. ސައިފަތް އުފެއްދުމަށް އަންނަ އަހަރަށް ލަފާކުރާ މިންވަރަކީ 1.4 ބިލިއަން އެމެރިކާ ޑޮލަރާއި 1.5 ބިލިއަން އެމެރިކާ ޑޮލަރުގެ ދެމެދުގައި އަދަދެއް ކަމަށްވެސް ސެނަކަ ވިދާޅުވިއެވެ.

ލަންކާގެ ސައިފަތުން ސިނާއަތުން މިދިޔަ އަހަރު ލިބިފައިވަނީ 1.3 ބިލިއަން އެމެރިކާ ޑޮލަރެވެ. ވީޑް ކިލާ، ފަންގިސައިޑް އަދި ގްލައިފޯސޭޓް ވެސް ހިމެނޭ ގޮތަށް އެކަށީގެންވާ މިންވަރަކަށް އެގްރޯ-ކެމިކަލްސް އަދިވެސް ދަނޑުތަކަށް ނުފޯރާކަމަށް އޮފިޝަލުން ވިދާޅުވެއެވެ. އޭގެ ސަބަބުން ސައިފަތް އުފެއްދުން ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.

ސްރީ ލަންކާ ޓީ ބޯޑް ގެ އެންމެ ފަހުންގެ މަޢުލޫމާތުތަކަށް ބަލާއިރު، އިރާގު ރަޝިއާ އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް، ޔޫއޭއީ އަކީ ލަންކާއިން އެންމެ ގިނައިން ސިލޯނު ޓީ އެކްސްޕޯޓުކުރާ ޤައުމުތަކެވެ. މިދިޔަ އަހަރު ދެވަނަ އަށް އެންމެ ގިނައިން ސިލޯނު ޓީ އެކްސްޕޯޓުކުރި ޤައުމު ކަމަށްވާ ތުރުކީވިލާތް ފަހަތަށް ޖައްސާލައި މިއަހަރުގެ މިހާތަނަށް ދެވަނައަށް އެންމެ ގިނައިން ސިލޯނު ޓީ އެކްސްޕޯޓުކުރި ޤައުމަކަށް ވެފައިވަ ވަނީ ރަޝިއާއެވެ.

ބޭރު ޤައުމުތަކަށް ދަރާފައިވާ ލޯނުތައް ދައްކައި އިޤްތިޞާދު ހަމަޔަކަށް އެޅުވުމަށް ލަންކާއިން މިހާރު އަންނަނީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފް އިން 2.9 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ބޭރު ފައިސާގެ ރިޒާވް މަދުވެ، ލަންކާގެ ދިރިއުޅޭ 22 މިލިއަނެއްހާ މީހުންނަށް މިއަހަރު ވަނީ އިޤްތިޞާދީ ބޮޑު ކާރިސާއަކާއި ކުރިމަތިލާންޖެހިފައެވެ. ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާނެ، ތެލާއި ކާބޯތަކެތި އަދި ގޭހާއި ބޭސް ލިބުން ވެސް ލަންކާއަށް ވަނީ ދަތިވެފައެވެ.