ޚަބަރު

އެމެރިކާގެ އެއަރފޯސް އެކެޑެމީގެ ކޯހަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


އެމެރިކާގައި ހުންނަ "ޔުނައިޓެޑް ސްޓޭޓްސް އެއަރފޯސް އެކެޑެމީ" ގައި ހިންގުމަށް ހަމަޖެހިފައިވާ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ދިވެހިންނަށް ހުޅުވާލައިފިއެވެ.

އަންނަ 2023 ވަނަ އަހަރުގެ ޖޫން މަހުގައި ފެށުމަށް ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރިވުމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، އޭ ލެވެލް ހަދާފައިވާ ނުވަތަ އޭ ލެވެލްއާ އެއް ފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ފަންތީގެ ސަނަދެއް ލިބިފައިވާ މީހެއްކަމުގައި ވުމާއި، ޒަވާޖީ ހަޔާތެއް ފަށާފައި ނުވާ، އަދި 2023 ޖުލައި 01 ވަނަ ދުވަހުގެ ކުރިން 23 އަހަރު ނުފުރޭ މީހެއް ކަމުގައިވުން ހިމެނެއެވެ.

މީގެ އިތުރުން ސްކޮލާސްޓިކް އެޕްޓިޓިއުޑް ޓެސްޓް (SAT) ނުވަތަ އެމެރިކަން ކޮލެޖް ޓެސްޓިންގ (ACT) ހަދާފައިވާ ފަރާތެއްކަމުގައިވުމާއި، ޓެސްޓް އޮފް އިންގްލިޝް އޭޒް އަ ފޮރިންގ ލޭންގްއޭޖް (TOEFL) ހަދާފައިވާ ފަރާތެއް ކަމުގައިވުމާއި، ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަދި ހަށިހެޔޮކަމުގެ ގޮތުން ދުޅަހެޔޮ ފަރާތެއް ކަމުގައިވުންވެސް ހިމެނެއެވެ. މި ކޯހަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ 6 ޖާގައަށެވެ. މި ޓެސްޓްތަކަކީ (SAT,ACT,TOEFL)، ކޯހަށް އެޕްލައިކުރުމަށްފަހު ވެސް ފުރިހަމަ ކުރެވިދާނެ ޓެސްޓްތަކެއްކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި ކޯހުން ކުރިއަށް ދެވިދާނެ ދާއިރާތަކުގެ ތެރޭގައި އެރޮނޮޓިކަލް އިންޖިނިއަރިންގ، އެސްޓްރޮނޮޓިކަލް އިންޖިނިއަރިންގ، ކޮމްޕިއުޓަރ ސައިންސް، މިލިޓަރީ ސްޓްރެޓެޖިކް ސްޓަޑީޒް، މެކޭނިކަލް އިންޖިނިއަރިންގ، ސައިބަރ ސައިންސް، ބަޔޮލޮޖީ، ލީގަލް ސްޓަޑީޒް، މެތަމެޓިކްސް، މެނޭޖްމަންޓް، އޮޕަރޭޝަންސް ރިސަރޗް، ފިލޯސަފީ، ސިސްޓަމް އިންޖިނިއަރިންގ އަދި މީޓިއޮރޮލޮޖީ ހިމެނެއެވެ.

މި ކޯހަށް ޝަރުތު ހަމަވާ ފަރާތްތަކުން، ކޯސް އެޕްލިކޭޝަން ފޯމް ފުރުއްވުމަށް ފަހު، މިމަހުގެ 15 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެމްއެންޑީއެފް ބަންޑާރަކޮށްޓަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް އެމްއެންޑީއެފް އިން ވަނީ އެދިފައެވެ. ނުވަތަ އެމްއެންޑީއެފް ޓްރެއިނިންގް ޑިޕާޓްމަންޓްގެ މެއިލް: ([email protected]) އަށް މެއިލްކޯށްގެންވެސް ކުރިމަތިލެވޭނެކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.