ޚަބަރު

އިނގިރޭސިވިލާތާއެކު އޮތް ގުޅުން އިތުރަށް ބަދަހިވެއްޖެ: ޝާހިދު


ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިނިސްޓަރ ޝާހިދު ވަނީ އެ ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއްކަމަށް ސިފަކުރައްވާފައެވެ. އެގޮތުން އިނގިރޭސިވިލާތުގެ އައު ސަރުކާރާއެކު ގާތް ގުޅުމެއް އުފެދިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރ އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެޤައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އެފެއާޒް، އާރޓް ޖޭމްސް ކްލެވަރލީއާ ބަދަލުކުރައްވާ ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް އިނގިރޭސިވިލާތަށް ޑިއުޓީ ފްރީ އެކްސެސް ހޯދުމަށް މަޝްވަރާކުރައްވާފައެވެ. މިނިސްޓަރ ޝާހިދާއި ފޮރިން ސެކްރެޓަރީ ވަނީ ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއާއި އިންވެސްޓްމަންޓްތައް އިތުރުކުރުމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.


މީގެ އިތުރަށް މިނިސްޓަރ ޝާހިދު ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ދަ މިޑްލް އީސްޓް، ސައުތު އޭޝިއާ އަދި ޔުނައިޓެޑް ނޭޝަންސް ފޮރ ފޮރިން، ކޮމަންވެލްތް އެންޑް ޑިވެލޮޕްމަންޓް އަދި ބޮޑުވަޒީރުގެ ސްޕެޝަލް ރެޕްރެޒެންޓޭޓިވް ފޮރ ޕްރިވެންޓިންގ ސެކްޝުއަލް ވަޔޮލެންސް އިން ކޮންފްލިކްޓް، ލޯޑް ތާރިޤް އަޙްމަދާއި، މިނިސްޓަރ ފޮރ އޭޝިއާ، އެނަރޖީ، ކްލައިމެޓް އެންޑް އެންވަޔަރަންމަންޓް، އޮނަރަބަލް ލޯޑް ގޯލްޑްސްމިތު އަދި ފޮރިން ކޮމަންވެލްތް އެންޑް ޑިވެލޮޕްމަންޓް އޮފީހުގެ މިނިސްޓަރ ފޮރ ޑިވެލޮޕްމަންޓްއާ އެންޑްރޫ މިޝެލްއާ ވެސް ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި އިނގިރޭސިވިލާތާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދިވެހި ސަރުކާރުން ޝައުޤުވެރިވާކަން ތަކުރާރުކުރެއްވިއެވެ.

މިނިސްޓަރ ޝާހިދު ވަނީ ކޮމަންވެލްތު އެންޓަޕްރައިޒް އެންޑް އިންވެސްޓްމަންޓް ކައުންސިލް (ސީޑަބްލިއުއީއައިސީ)ގެ ޑެޕިއުޓީ ޗެއަރމަން ސަރ ހޫގޯ ސްވަޔަރއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ވެސް ބައްދަލުކުރައްވާފައެވެ.

މިނިސްޓަރ ޝާހިދުގެ އަރިހުގައި ފޮރިން މިނިސްޓްރީގެ ވަފްދެއް ބައިވެރިވެވަޑައިގެންނެވިއެވެ.