ޚަބަރު

ފުނަދޫ ފަޅުގައި އޮތް ދޯންޏެއްގައި ރޯވެ ބޭނުން ނުކުރެވޭވަރަށް އަނދައިފި


ށ.ފުނަދޫ ބަނދަރުގައި އޮތް މަސް ދޯންޏެއްގައި ރޯވެ ބޭނުން ނުކުރެވޭވަރަށް އަނދައި ހުލިވެއްޖެއެވެ.

ފުނަދޫ ބަނދަރުގައި އޮތް އެ ދޯނީގައި އަލިފާން ރޯވެފައިވަނީ މިއަދު ހެނދުނު 11:15 ހާއިރުއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކަރަންޓު ޝޯޓެއްގެ ސަބަބުންކަމަށް އެރަށު ބައެއް މީހުން ބުންޏެވެ. ނަމަވެސް އަލިފާން ރޯވަން ދިމާވި ސީދާ ސަބަބެއް އަދި ނޭނގޭކަމަށް ފުލުހުން ބުންޏެވެ.

އެރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނިގޮތުގައި އަލިފާންގަނޑު ވަރަށް ބޮޑަށް ހިފާފައިހުރިތަން ފެނުނުނެވެ. އަދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބޭނުން ނުކުރެވޭ ވަރަށް ދޯނި އަނދައި ހުލިވިކަމަށްވެސް އެރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.

އެ ދޯނީގައި ރޯވި އަލިފަންގަނޑު ނިއްވާލެވުނީ ފުލުހުންނާއި އެރަށު މީހުން ކުރި މަސައްކަތުން އޭގެ ގަޑިއެއްހާއިރު ފަހުންނެވެ.

ފުލުހުން ބުނީ މި ޙާދިސާއާއި ގުލިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ.