ޚަބަރު

ޢަރަބީންގެ އެއްބާރުލުމާއި އެހީތެރިކަމަށް ފަލަސްޠީނުން ގޮވާލައިފި


އ.ދ.ގެ މެންބަރުކަން ހޯދުމަށް ފަލަސްޠީނުން ކުރަމުންދާ މަސައްކަތްތަކަށް ޢަރަބި ޤައުމުގެ އެއްބާރުލުމާއި އެހީތެރިކަން އިހުނަށްވުރެ ބޮޑަށް ބޭނުންވެފައިވާ ކަމުގައި ވިދާޅުވެ، ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސް އެ ކަމަށް ގޮވައިލައްވައިފިއެވެ. ޢަރަބީންގެ އެހީތެރިކަމަށް އެދި އައްބާސް ގޮވައިލައްވާފައި ވަނީ، އަލްޖީރިޔާގައި ކުރިއަށްދިޔަ ޢަރަބި ލީގުގެ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ފަލަސްޠީނުގެ ރައްޔިތުން ބިކަ ހާލުގައި، ޔަހޫދީންގެ އަޅުވެތިކަމުގެ ދަށުގައި ދިރިއުޅޭތާ މިއަދު މި ހިނގަނީ 74ވަނަ އަހަރު. ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ނިންމުންތަކަށް ފަލަސްޠީނުގެ ރައްޔިތުން އިޙުތިރާމު ކުރޭ. ނަމަވެސް، އިސްރާޢީލުން އެ ދަނީ ދެ ދަޢުލަތް ޤާއިމު ކުރުމަށް ދެކޮޅު ހަދަމުން. އެ ކަމަށް ހުރަސް އަޅަމުން. ބައިނަލްއަޤުވާމީ ޤާނޫނުތައް މުގުރަމުން،" އައްބާސް ވިދާޅުވިއެވެ.

ފަލަސްޠީނުގެ ރައްޔިތުންގެ ބިންތަކަށް ވެރިވެގަތުމަށް ޔަހޫދީން ހިންގަމުންދާ އަމަލުތަކަށް ހުއްޓުމެއް ގެނެސްފައި ނުވާ ކަން އައްބާސް ފާހަގަ ކުރެއްވިއެވެ. އަދި، ޔަހޫދީންގެ އަމަލުތަކުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތިވަމުންދާ ބިރުވެރިކަމާއި އަޅުވެތިކަމަށް ނިމުމެއް ނެތް ކަމުގައި ވެސް އައްބާސް ވިދާޅުވިއެވެ.

"ފަލަސްޠީނަށް އ.ދ.ގެ މެންބަރު ކަން ލިބެން އޮތީ ޢަރަބި ލީގުގެ މެންބަރު ޤައުމުތަކުގެ އެއްބާރުލުމާއި އެހީތެރިކަމާ އެކު،" އައްބާސް ވިދާޅުވިއެވެ. މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙް އަލްސީސީ ވެސް ވަނީ އައްބާސްގެ ވާހަކަފުޅުތަކާ ގުޅިގެން ފަލަސްޠީނުގެ ރައްޔިތުން ދިރިއުޅެމުންދާ ދަތި ހާލާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

ސީސީ ވިދާޅުވީ، ޢަރަބި ޤައުމުތަކަށް މި ވަގުތު ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ޤައުމުތައް ގުޅިގެން ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމުގައެވެ. މީގެ ތެރެއިން ވެސް، ޢަރަބި ޤައުމުތަކުގެ ލީޑަރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް މައްސަލައަކީ ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަން ކަމުގެ މައްސަލަ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި، ފަލަސްޠީނުގެ ރައްޔިތުންނަށް ފުރިހަމަ މިނިވަން ކަން ހޯދައިދިނުމަށް ހުރިހާ ޢަރަބި ޤައުމުތަކުން ގުޅިގެން މަސައްކަތް ކުރުމަށް އޭނާ ވެސް ގޮވައިލެއްވިއެވެ.