ޚަބަރު

"ރައްޔިތުންނަށް ފާގަތިކަން ގެނެސްދޭނެ ހުރިހާ މަޝްރޫޢުއެއް ބަޖެޓުގައި ހިމެނޭ"


ދަތުރުފަތުރުން ރާއްޖޭގެ ރަށްތައް ގުޅާލުމާއެކު، ޖަޒީރާ ދިރިއުޅުމަށް ރައްޔިތުންނަށް ބޭނުންވާ އަސާސީ ހުރިހާ ޚިދުމަތެއް ސަރުކާރުން ކަށަވަރުކޮށްދެއްވާފައިވާކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ބަޖެޓު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މެންބަރު ޝިފާއު ވިދާޅުވީ ސަރުކާރުން އަންނަ އަހަރަށް ކަނޑައަޅާފައި ވަނީ ޖަޒީރާ ގައުމެއްގެ ގޮތުގައި މިގައުމު ތަރައްގީކުރުމަށް އެންމެ އެކަށޭނެގޮތަށްކަމަށެވެ. އެގޮތުން ސަރުކާރުން އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓަށް އަލިއަޅުއްވާލައްވާ ޝިފާއު ވިދާޅުވީ އެ ބަޖެޓަކީ މި ގައުމު ހިތްހަމަޖެހިގެން ދިރިއުޅެވޭ ގައުމަކަށް ހެދުމަށް އެންމެ އެކަށީގެންވާ ބަޖެޓު ކަމަށެވެ.

"ރާއްޖެ ކަހަލަ ޖަޒީރާ ގައުމެއް އިންސާނުން ހިންހަމަޖެހުމާއި އެކު ދިރިއުޅޭ ފައްކާ ގައުމަކަށް ހެދުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް މި ބަޖެޓުގައި އެބަހުރި." ޝިފާއު ވިދާޅުވިއެވެ.

ސަރުކާރުން ހިންގާފައިވާ ތަރައްގީގެ މަޝްރޫތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ޝިފާއު ވިދާޅުވީ މިހާރުވެސް ރާއްޖޭގެ ރަށްތަކަށް އެތައް ގޮތަކުން ކުރިއެރުން ލިބިފައިވާކަމަށެވެ. އެގޮތުން އަތޮޅުތަކުގެ ރަށްތަކުގައި ތިބޭ ރައްޔިތުންނަށް މަތީ ތައުލީމް ހާސިލްކުރުމުގައި ވެސް ދަތުރުފަތުރުގެ ނިޒާމާއި އެކު ލުއި ލިބިފައިވާކަން މެންބަރު ފާހަގަކުރެއްވިއެވެ.

މުޅި ރާއްޖެ ދަތުރުފަތުގެ ވިއުގައިން ގުޅުވާލުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ ދަށުން މިހާރު ވަނީ ހއ.ހދ އަދި ށ.އަތޮޅު ހައިސްޕީޑް ފެރީ ނެޓްވޯކުން ގުޅުވާލާފައެވެ. މެންބަރު ޝިފާޢުވަނީ އޭނާ ނިސްބަތްވެވަޑައިގަންނަވާ ހއ.އަތޮޅަށް މދަތުރުފަތުރުގެ ނިޒާމުން ލިބިގެންދިޔަ ފަސޭހަކަން ސިފަކޮށްދެއްވާ ވާހަކަފުޅު ދައްކަވާފައެވެ.

"މިހާރު އިހަވަންދޫގަ ހުންނަ ކުއްޖާއަށް ދިއްދޫ ކޮލެޖުން ފުލްޓައިމް ކޯސް އެބަ ހެދެއޭ އަމިއްލަ ރަށުގައި ހުރެގެން. ހެނދުނު ދިއްދޫ އަށް ގޮސް ކޯސް ނިންމާފަ ހަވީރު އައިސް އަމިއްލަ ރަށުގަ ނިދާލެވޭ." ޝިފާއު ވިދާޅުވިއެވެ.

މެންބަރު ޝިފާޢު ވިދާޅުވީ ދަތުރުފަތުރަށް ލިބިފައިވާ ލުއި ކަމަކީ ޖަޒީރާ ދިރިއުޅުމެއް އުޅުމަށް އެންމެ އަސާސީ އެ ޚިދުމަތްކަމަށެވެ. އެގޮތުން ސިއްހީ ދާއިރާއިން ބޭނުންވާ ޚިދުމަތްތަކާއި، ތައުލީމީ ޚިދުމަތްތަކާއި އެ ނޫންވެސް އެހެން ކަންކަމުގައި އެންމެ ބޮޑު ފަސޭހައެއް ލިބެނީ ދަތުރުފަތުރުގެ ނިޒާމުން ރާއްޖެ ގުޅިގެންކަމަށް ޝިފާއު ވިދާޅުވިއެވެ. މެންބަރު ވިދާޅުވީ ބަޖެޓުގައި ހިމަނާފައިވާ ތަރައްގީގެ ކަންކަމަށް ބަލާއިރު، ބަނދަރުތައް ނިންމުމުގެ މަޝްރޫއަކީ ވެސް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ގައުމު ތަރައްގީވެ ކުރިއަރާނީ ރައްޔިތުން ރަށު ބަންދުން ފިލުވާލެވިގެން ކަމަށް ޝިފާއު ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވީ ޖަޒީރާ ދިރިއުޅުމަކީ ކޮބައިކަން އެނގިވަޑައިގެން، ރައްޔިތުންނަށް ޒަމާނުއްސުރެ ހުރި ދަތިތަކަށް ހެއްލު ހޯދައިދެއްވުމަށް ވަޑައިގެންނެވި ވެރިއަކީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްކަމަށެވެ. މިހާރު ވެސް ރާއްޖޭގެ ގިނަ ރަށްރަށުގައި މިފަދަ ދާއިރާތަކުން ގިނަ މަޝްރޫތަކެއް ކުރިއަށްދާއިރު، އަންނަ އަހަރަށް ލާފާކޮށް ހުށަހަޅާފައިވާ ބަޖެޓަކީ މި ހުރިހާ މަޝްރޫއެއް ނިންމައި ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭނެ ބަޖެޓެއް ކަމަށެވެ.