ޚަބަރު

މާލީ ތަނަވަސްކަން ނެތް މީހުންނަށް އައިވީއެފް ހެދުމަށް އެހީވުމަށް ފަންޑެއް


ދަރިމައިވުމުގެ މައްސަލަތައް ކުރިމަތިވާ ފަރާތްތަކުގެ ތެރެއިން މާލީ ތަނަވަސްކަން ނެތް މީހުންނަށް އެހީވުމަށް، ފަރޓިލިޓީ ސަޕޯޓް ކޮމިއުނިޓީން ޚާއްސަ ފަންޑެއް ލޯންޗްކޮށްފިއެވެ.

މި ފަންޑް ލޯންޗްކޮށްފައިވަނީ "ވޯލްޑް ފަރޓިލިޓީ ޑޭ"އާއި ގުޅިގެން އެ އެންޖީއޯއިން ބޭއްވި ގާލާ ޑިނަރ ނައިޓްގައެވެ.

އައިވީއެފް ނުވަތަ "އިން ވިޓްރޯ ފަރޓިލައިޒޭޝަން"އަކީ ގުދުރަތީގޮތުން ދަރިމައިވުމުގައި ހުރަސްތަކެއް މެދުވެރިވެ ދަރިމައިވުމުން މަޙުރޫމް ވެފައިވާ މީހުންނަށް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަރިމައިވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮސީޖަރއެކެވެ.

ޖަމިއްޔާގެ ފައުންޑަރ އަދި ރައީސް އާޝާ ހުސެއިން ބުނީ، އެންޖީއޯއިން މި ފަންޑް ހުޅުވާފައިވާނީ، ކޮންމެ އަހަރަކު ދެމަފިރިއަކަށް އައިވީއެފް ހެދުމަށް މާލީ އެހީ ދިނުމަށްކަމަށެވެ. އެހެން ނަމަވެސް ދީލަތި ފަރާތެއްގެ އެހީއާއެކު އިތުރު 2 ދެމަފިރިއަކަށް، މި ފުރުޞަތު ދިނުމަށް އެހީ ލިބިފައިވާކަމަށް އާޝާ ވިދާޅުވިއެވެ.

މި ފުރުޞަތު ފަހިކޮށްދީފައިވަނީ އިންޑިއާގެ ޔާމީ ފަރޓިލިޓީ ކްލިނިކްގެ ފަރާތުންނެވެ. މި އެހީގެ އެމްއޯޔޫގައި ފަރޓިލިޓީ ސަޕޯޓް ކޮމިއުނިޓީއާއި ޔާމީ ފަރޓިލިޓީ ކްލިނިކްއާދެމެދު ވަނީ ސޮއިކޮށްފައެވެ.

ޖަމިއްޔާގެ ފަރާތުން އެމްއޯޔީގައި ސޮއިކުރެއްވީ ޖަމިއްޔާގެ ފައުންޑާ އަދި ރައީސް އާޝާ ހުސެއިންއެވެ. އަދި ޔާމީ ފާޓިލިޓީ ކްލިނިކްގެ ފަރާތުން ސޮއިކުރެއްވީ އެ ކްލިނިކްގެ ފައުންޑާ އަދި ޑިރެކްޓާ ޑރ.ސަންކަލްޕް ސިންގްއެވެ.

"މިއީ ރާއްޖޭގައި ބޮޑު މައްސަލައެއް. އެހީ ބޭނުންވާ މުހިންމު ކަމެއް. ރިސަރޗްއާއި ޑޭޓާ ބޭނުންވާ ދާއިރާއެއް. އަދި މިކަމާއި ގުޅޭ ސިއްޙީ މައްސަލަތައް ދެނެގަނެ، ފަރުވާގެ ގޮތްތައް ހޯދަންޖެހިފައިވާ ކަމެއް. ސިއްހީ ޕޮލިސީތައް އަންނަންޖެހޭ ކަމެއް." ޖަމިއްޔާގެ ފައުންޑާ އަދި ރައީސް އާޝާ ހުސެއިން ފާހަގަކުރިއެވެ.

އައިވީއެފް ފަންޑުގެ އެހީއަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅާވާލާފައިވަނީ އުމުރުން 25 އަހަރު ފުރިފައިވާ އަދި މަދުވެގެން ދެ އަހަރުވަންދެން ކައިވެނިކޮށްގެން އުޅޭ ދިވެހި ދެމަފިރިންނަށެވެ. އަދި 25 އަހަރު ނުފުރޭނަމަ ހާއްސަ ހާލަތްތަކެއްގެ ދަށުން ސިއްޚީ ކަންކަމަށް ބަލައި އެ ފުރުސަތު އޮންނާނެ ކަމަށްވެސް ޖަމިއްޔާއިން ބުނެއެވެ. އެޕްލިކޭޝަން ފީގެ ގޮތުގައި 200 ރުފިޔާ ނަގާއިރު, ގުރުއަތުން ހޮވޭ ފަރާތަކަށް ފަންޑް އެވޯޑްކުރުމުގެ ކުރިން ރެކޯޑު ސާފުކުރެވިގެންދާނެ ކަމަށްވެސް ޖަމިއްޔާއިން ބުނެއެވެ.

އެންޖީއޯއެއްގެ ގޮތުގައި ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ އުފައްދާފައިވަނީ 2021ވަނަ އަހަރުގެ ޖެނުއަރީމަހުއެވެ.

އެންޖީއޯގެ މަސައްކަތުގެ ތެރޭގައި ދަރިމައިވުމުގައި ދިމާވާ ދަތިތަކާއި ގުޅޭގޮތުން އާންމުން ހޭލުންތެރިކޮށް، މި ކަމާއި ގުޅިގެން ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި ލިބެންހުރި ފަރުވާތަކުގެ މައުލޫމާތުދީ، އަދި ދަރިމައިވުމުގެ އުނދަގޫތައް ތަހައްމަލުކުރާ ފަރާތްތަކަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

މިވަގުތު މި ޖަމުއިއްޔާގައި 250 އަށްވުރެ ގިނަ އެކްޓިވް މެންބަރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެބަތިއްބެވެ.