ޚަބަރު

މަޢުލޫމާތު އެއްކުރުމަށް އެހީވުމަށް ދިރާގާއި ޔޫއެންޑީޕީން އައްޑޫ ސިޓީ ކައުންސިލަށް ޑްރޯން


ކުރިއަރަމުން އަންނަ ޑްރޯން ޓެކްނޯލޮޖީ އަދި އަރޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ރަށްރަށުގެ ގުދުރަތީ މާޙައުލުގެ މަޢުލޫމާތު އެއްކުރުމަށް، ދިރާގާއި ޔޫއެންޑީޕީ ގުޅިގެން އައްޑޫ ކައުންސިލަށް ޑްރޯން ހަދިޔާކޮށްފިއެވެ.

"ޑްރޯން ފޯރ ރެސިލިއަންސް" ޕްރޮގްރާމްގެ އެންމެ ބޮޑު މަޤުޞަދަކީ ގުދުރަތީގޮތުން ރަށްތަކަށް އަންނަ ބަދަލުތަކުގެ މަޢުލޫމާތު އެއްކުރުމާއި، ކާރިސާތަކުގެ ވަގުތުގައި އެހީތެރިކަން ހޯދުމަށް ފަސޭހަކުރުމެވެ.

މިކަމަށްޓަކައި އައްޑޫގައި ކުރިއަށްގެންދިޔަ ޕްރޮގްރާމްގައި ވަނީ ޑްރޯން ބޭނުންކުރުމާއި، ޑްރޯން ބޭނުންކޮށްގެން މަޢުލޫމާތާއި ޑޭޓާ އެއްކުރެވޭނެ ގޮތްތަކަށް ތަމްރީންވެސް ދީފައެވެ. އެގޮތުން ރަށްރަށުގެ ގުުރަތީ ސަރަޙައްދުތަކުގެ ފޮޓޯއާއި ވީޑިއޯ އަދި ގުދުރަތީގޮތުން ސަރަޙައްދުތައް ފެންނަ ގޮތާއި އަންނަ ބަދަލުތަކުގެ މަޢުލޫމާތު އެއްކުރެވޭނެއެވެ.

މި ޕްރޮގްރާމްގައި 30 މީހުން ތަމްރީންކޮށްފައިވެއެވެ. މީގެތެރޭގައި ދިވެހި ރެޑްކްރަސަންޓާ އައްޑޫ ސިޓީ ކައުންސިލްގެ ސްޓާފުން އަދި ވޮލަންޓިއަރުން ތަމްރީންކޮށްފައިވެއެވެ. މިޕްރޮގްރާމްގައ އައްޑޫ ސީީޓީ ކައުންސިލާ ވަނީ 3 ޑްރޯން ހަވާލުކޮށްފައެވެ.

މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާއެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް، އެޑަޕްޓޭޝަންގެ ދާއިރާއިން ކުރިއަރަމުން އަންނަ ޓެކްނޮލޮޖީތައް ބޭނުންކޮށް ކަންކަން ރޭވުމަކީ މިނިސްޓްރީގެވެސް މައިގަނޑު ސްޓްރެޓެޖީއެއްކަމަށެވެ. އަދި ޑްރޯން އާއި އާޓިފިޝަލް އިންޓެލިޖެންސް ފަދަ ޓެކްނޮލޮޖީތަކުގެ ފުރުސަތުތައް މިހާރު ފަހިކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ތިމާވެއްޓާ ގުޅުންހުރި މަޢުލޫމާތު ވަރަށް މުހިންމުކަމަށާއި މި މަސައްކަތުގައި ހޯދާ މަޢުލޫމާތަކީ ހަމައެކަނި ސަރުކާރުގެ ބޭނުމަށް ބޭނުންކުރާ އެއްޗެއްގެ ބަދަލުގައި، އެ މަޢުލޫމާތު އާއްމުންނަށް ފެންނާނެ ގޮތަށް ޝާއިޢުކުރުން މުހިންމުކަމަށެވެ.