ޚަބަރު

އެމްއެންޕީގެ ރިޔާސީ ޕްރައިމަރީ ޖެނުއަރީ 14ގައި ބާއްވަނީ


މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީގެ ރިޔާސީ ޕްރައިމަރީ އަންނަ ޖެނުއަރީމަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

އެމްއެންޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީޚު އިއުލާން ކޮށްފައިވަނީ އެޕާޓީގެ ފުރަތަމަ ޤައުމީ ހިންގާ ކައުންސިލްގެ ބައްދަލުވުމުގައެވެ. މިބައްދަލުވުމުގައި ނިންމާފައިވަނީ 1 ޑިސެމްބަރުގައި ޕްރައިމަރީއަށް އިޢުލާނުކޮށް، އަންނަ އަހަރުގެ ޖެނުއަރީގައި ރިޔާސީ ޕްރައިމަރީ އިންތިޚާބު ބޭއްވުމަށެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީ ބޭއްވުމަށް އެމްއެންޕީން ނިންމާފައިވާއިރު މިހާތަނަށް އެޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައިވަނީ އެޕާޓީގެ ރައީސް މުހައްމަދު ނާޒިމްއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ކެނޑިޑޭޓެއްގެ ގޮތުގައި ރައީސް ޔާމީން ޕީޕީއެމްއިން ކަނޑައަޅާފައިވާއިރު ވެރިކަންކުރާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީވެސް އަންނަ މަހު ބޭއްވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިހާތަނަށް އަދި އިންތިޚާބު ބާއްވާނެ ތަރީޚެއް އިއުލާންކޮށްފައި ނުވެއެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުުމުގެ ޝައުވެރިކަން ގިނަ ޕާޓީތަކަކުން ދަނީ ފާޅުކޮށްފައެވެ. އެގޮތުން އެމްޑީޕީއާއި، ޕީޕީއެމްއާއި، އެމްއެންޕީއާއި، އެމްޑީއޭއިންވެސް ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅު ކޮށްފައެވެ.

ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ބާއްވާ ރިޔާސީ އިންތިޚާބު ބާއްވަން ތާވަލްކޮށްފައި ވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. ރިޔާސީ އިންތިޚާބަށް 90 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ.