ޚަބަރު

މައްސަލަތަކުގައި ފަނޑިޔާރުން ޖަވާބުދާރީވާން އޮންނަ މުއްދަތު އިތުރުކޮށްފި


ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާ މައްސަލަތައް ބަލަން އެ ކޮމިޝަނަށް ލިބޭ މުއްދަތު އިތުރުވާގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ތަސްދީގުކުރައްވައިފިއެވެ.

ޖުޑީޝަރީ އިސްލާހުކުރުމަށް ކުރައްވާ މަސައްކަތުގެ ސަރުކާރުން ހުށަހެޅުއްވި މި އިސްލާހަކީ، މިދިޔަމަހުގެ 17 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 24 ވަނަ ޖަލްސާއިން ފާސްކުރި އިސްލާހެކެވެ.

ޖޭއެސްސީގެ ގާނޫނުގައި މީގެކުރިން ބަޔާންކޮށްފައި އޮންނަ ގޮތުން އެ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާމެދު ކޮމިޓީން ގޮތެއް ނިންމައި ފަސް ދުވަހުގެ ތެރޭގައި ކޮމިޝަނަށް ހުށަހަޅަން ވާނެއެވެ. ސަރުކާރުގެ ފަރާތުން ހުށަހަޅުއްވި އިސްލާހުގައި އޮތީ އެ މުއްދަތު 14 ދުވަހަށް ބަދަލު ކުރުމަށެވެ.

މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ތަޙްޤީޤު ރިޕޯޓު ލިބޭތާ، ރަސްމީ ބަންދުދުވަސްތައް ނުހިމަނައި، 7 ދުވަހުގެ ތެރޭގައި، ރިޕޯޓާއި ގުޅޭގޮތުން ތަޙްޤީޤުކުރާ ކޮމިޓީއަށް ހުށަހަޅަން ބޭނުންވާ ކަންތައްތަކާއި، އެ މައްސަލަ ނިންމުމުގައި ކޮމިޓީން ރިޢާޔަތްކޮށްދިނުން އެދޭ ކަންކަން ބަޔާންކޮށް ލިޔުމުން ކޮމިޓީއަށް ހުށަހެޅުމުގެ އިޚްތިޔާރު މައްސަލަ ރައްދުވާ ފަނޑިޔާރަށް ލިބިގެންވާނެކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި މި މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި، 7 ދުވަހުގެ ތެރޭގައި ތަޙްޤީޤު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާ ގުޅިގެން މުޅި މައްސަލައާމެދު ޖުމްލަ ގޮތެއްގައި ވާހަކަ ދެއްކުމަށް އަޑުއެހުމެއް ބާއްވަންވާނެކަމުގައިވެސް ބަޔާންކޮށްފައިވެއެވެ.

މި ޤާނޫނަށް ގެނައި އިޞްލާޙުގެ ދަށުން، ތަޙްޤީޤު ކޮމިޓީން ކޮމިޝަނަށް ފޮނުވާ ރިޕޯޓު، މައްސަލަ ރައްދުވާ ފަނޑިޔާރަށް ކޮމިޝަނުން ފޮނުވަންވާނެކަމަށާއި، ތަޙްޤީޤު ކޮމިޓީގެ ރިޕޯޓާމެދު ކޮމިޝަނުން ގޮތެއް ނިންމަންވާނީ ތަޙްޤީޤު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ޖަވާބުދާރީވުމަށް މައްސަލަ ރައްދުވާ ފަނޑިޔާރަށް ފުރުޞަތު ދިނުމަށްފަހުގައިކަމުގައިވެސް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުންވެސް މި ޤާނޫނަށް ވަނީ މުހިންމު އިޞްލާޙުތަކެއް ގެންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ، މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ