ޚަބަރު

ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރެވުމުން ފުުރަތަމަ އަހަރުތެރޭ ދުވާލެއްގެ މައްޗަށް 300 ފަތުރުވެރިން އަންނާނެ


ސަރުކާރުންދަނީ ބޮޑު ތިލަދުންމަތީގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ބޮޑު ތިލަދުންމައްޗަށް ތަރައްޤީ ގެނައުމަށް ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އަދި އެއް ބިޔަ އެއް މަޝްރޫޢަކީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫއު އިންޑިއާގެ ޖޭ.އެމް.ސީ ޕްރޮޖެކްޓްސްއާއި ޙަވާލުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރުމަހުގެ 25 ވަނަ ދުވަހުއެވެ. އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެފައި ވަނީ، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އަމަލީ މަސައްކަތް ފެށުމަށްޓަކާ ކޮންޓްރެކްޓަރުގެ ފަރާތުން ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާކަމަށެވެ. އަދި އަމާޒަކީ އަންނަ ޑިސެމްބަރުމަހުގެ ތެރޭގައި ޢަމަލީ މަސައްކަތް ފެށުންކަމަށެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއެކު އުތުރުގެ ރަށްތަކުގައި ފަތުރުވެރިކަން މިހާރަށްވުރެ ބޮޑަށް ފުޅާވެެގެންދާނެއެވެ. ސަރުކާރުން ލަފާކުރާގޮތުގައި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތާއި އެކު، ފުުރަތަމަ އަހަރުތެރޭ އެއެއަރޕޯޓު މެދުވެރިކޮށް ދުވާލެއްގެ މައްޗަށް 300 ފަތުރުވެރިން އަންނާނެއެވެ. އަދި އެ އެއަރޕޯޓު މެދުވެރިކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ޙިދުމަތްދެވޭނެ ފެސިލިޓީތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް ބާރު ދުވެއްޔެއްގައި ދަނީ ކުރިއަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިދިޔަ ހަފްތާގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، ކުރިއަށް އޮތް 3 އަހަރުތެރޭ ބޮޑު ތިލަދުންމަތީގައި އިތުރު 6 ރިސޯޓު ހުޅުވިގެންދާނެ ކަމަށެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން، ހއ.ހދ. އަދި ށ. އަތޮޅުގައި ރިސޯޓު، ހޮޓާ އަދި ގެސްޓުހައުސްތަކުން ފަތުރުވެރިކަމަށް 1724 އެނދު ރަޖިސްޓްރީކޮށްފައިވާއިރު، އޭގެތެރެއިން 1524 އެނދު އޮޕަރޭޝަނަށް ވަނީ ގެނެސްފައެވެ. އަދި ކުރިއަށް އޮތް 2 އަހަރުތެރޭގައި ހދ. ދިއްޕަރުފުށި އަދި ހދ. ނާގޯށީގެ ފުރަތަމަ ފޭސް ހުޅުވި، ކުރިއަށް އޮތް 3 އަހަރުތެރޭގައި އިތުރު 4 ރިސޯޓު ހުޅުވިގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން ގެސްޓު ހައުސްތަކުން އިތުރުވާނެ ފަތުރުވެރިކަމުގެ އެނދުގެ އަދަދާއެކު ކުރިއަށް އޮތް 3 އަހަރުތެރޭ އެ ސަރަޙައްދުގައި ފަތުރުވެރިކަމުގެ އެނދުގެ އަދަދު 3700އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ އެންމެ އުތުރުން ހަނިމާދޫ އެއަރޕޯޓް، އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ބަދަލުކުރީ 2012 ވަނަ އަހަރުއެވެ. ނަމަވެސް ޚިދުމަތުގެ ގޮތުންނާއި ޢުމްރާނީ ތަރައްޤީގެގޮތުންވެސް އިންޓަރނޭޝަނަލް އެއަރޕޯޓަކުން ލިބެންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމައަށް ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކުން ލިބެމުން ނުދެއެވެ. އެހެންކަމުން އެތަން ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.

ހަނިމާދޫ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓަރމިނަލެއް ޢިމާރާތްކުރެވޭނެއެވެ. އަދި ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ޤާއިމުކުރެވިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައެވެ.

މިމަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް A320 އާއި ބޮއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއަރޕޯޓުން ޚިދުމަތް ދެވޭނެއެވެ. އަދި މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ޤައުމުތަކުން ސިދާ ފްލައިޓްތައް ހަނިމާދޫއަށް އޮޕަރޭޓް ކުރުމުގެ ޤާބިލުކަން ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައެވެ.