ދުނިޔޭގެ ވިޔަފާރި

އެމެރިކާގައި ހަކަތައިގެ ބިލްތައް ލުއި ކޮށްދިނުމަށް ގޭބީސީތަކަށް 13 ބިލިއަން ޑޮލަރު


މަދުން އާމްދަނީ ލިބޭ އެމެރިކާގެ އާއިލާތަކަށާއި މެދު މިންވަރަކަށް އާމްދަނީ ލިބޭ އާއިލާތަކުގެ ހަކަތައިގެ ބިލް ލުއިކޮށްދީ ރަނގަޅު ފެންވަރުގައި ކަރަންޓު ފޯރުކޮށްދިނުމުގެ ގޮތުން 13 ބިލިއަން އެމެރިކާ ޑޮލަރު ހޭދަކުރުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ސަރުކާރުން ނިންމައިފިއެވެ.

މިކަން އިއުލާނުކޮށްފައި ވަނީ ބުދަ ދުވަހު ބޮސްޓަންގައި ހުންނަ ޔޫނިއަން ހޯލަކާއި ޝީޓް މެޓަލް މަސައްކަތްތެރިން ތަމްރީނުކުރާ މަރުކަޒަކަށް ކުރެއްވި ދަތުރުފުޅުގައި ނައިބު ރައީސް ކަމަލާ ހެރިސްއެވެ. އަދި މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ހަކަތައަށް ކުރާ ހަރަދު ކުޑަކުރުމަށް ބައިޑަންގެ ވެރިކަމުން ކުރާ ކަމެއް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މި އެހީގެ ދަށުން ލޯ އިންކަމް ހައުސް އެނާޖީ އެސިސްޓެންސް ޕްރޮގްރާމަށް ޑިޕާޓްމަންޓް އޮފް ހެލްތު އެންޑް ހިއުމަން ސާވިސަސް އިން 4.5 ބިލިއަން އެމެރިކާ ޑޮލަރު ލިބޭނެއެވެ.

ވައިޓް ހައުސްގެ އޮފިޝަލަކު ވިދާޅުވިގޮތުގައި މަދުން އާމްދަނީ ލިބޭ ގޭބިސީތަކުގެ ގޭގެ ހަކަތަ ބޭނުންވާ މިންވަރުގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ވިންޓަރ ހީޓިން ބިލްތަކުންކަމަށެވެ. އެހެންކަމުން ވީހާވެސް ރަނގަޅަށް އަދި ވީހާވެސް ފައިދާހުރި ގޮތެއްގައި ގޭބިސީތަކަށް ފައިސާ ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި މަދުން އާމްދަނީ ލިބޭ ގޭބީސީތަކުގެ މީހުންނަށާއި މެދުމިނުގެ އާމްދަނީއެއް ލިބޭ ގޭބީސީތަކުގެ މީހުންނަށް ހަކަތައިގެ ބިލް ކުޑަކުރުމަށް އެހީތެރިވުމުގެ ގޮތުން ބައިޑެންގެ ވެރިކަމުގައި ގާތްގަނޑަކަށް 9 ބިލިއަން އެމެރިކާ ޑޮލަރު ދޭނީ ރައްކާތެރިގޮތުގައި ހަކަތަ ބޭނުންކުރެވޭ ގޮތަށް ގެތައް މަރާމާތުކުރުމަށެވެ.

އިންފްލޭޝަން ދަށްކުރުމުގެ ގާނޫނުގެ ދަށުން ބައިޑަން ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތައް ކުރިއެރުވުމަށް ފާއިތުވި މަސްތަކުގެ ތެރޭގައި ހަރިސް ވަނީ އެމެރިކާގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށްފައެވެ.