ޚަބަރު

"ނޯ އެންޓްރީ" ގެ ސީކުއަލް ކުޅެން ސަލްމާންގެ ޝަރުތުތަކެއް


މިދިޔަ އޭޕްރީލް މަހު "ނޯ އެންޓްރީ މޭ އެންޓްރީ" ހަދަން އުޅޭކަން އިޢުލާންކުރުމާއެކު މި ފިލްމު ވެފައިވަނީ ބެލުންތެރިން ވަރަށް ބޮޑަށް އިންތިޒާރުކުރަމުންދާ ފިލްމަކަށެވެ.

2005 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ނޯ އެންޓްރީ" ގެ ސީކުއެލް "ނޯ އެންޓްރީ މޭ އެންޓްރީ" އާއި ބޭހެގޮތުން އިތުރު މަޢުލޫމާތު ހޯދަން ފޭނުން ކެތްމަދުވެފައި ތިއްބާ އިވުނު ޚަބަރަކީ އޮރިޖިނަލް ފިލްމުގެ ލީޑްރޯލުން ފެނުނު ތަރި ސަލްމާން ޚާން އެ ފިލްމުން ވަކިވާން ނިންމި ޚަބަރެވެ. މިކަމާއި ގުޅިގެން ސަލްމާން އަދި އެއްވެސް އެއްޗެއް ބުނެފައިނުވާއިރު، ފިލްމުގެ ޑައިރެކްޓަރު އަނީސް ބަޒްމީ މި ވަނީ މިކަމާއި ގުޅިގެން ވާހަކަ ދައްކާފައެވެ.

މުނިފޫހިފިލުވައިދޭ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި ސަލްމާން އެ ފިލްމު ދޫކޮށްލީ އެތައް ސަބަބުތަކާއި ހުރެއެވެ. ހަމަ އެކަމާ ގުޅޭ ގޮތުން ޑައިރެކްޓަރު އަނީސް ބުނީ ފުރަތަމަ ފިލްމު އުފައްދާނީވެސް ސަލްމާން ފިލްމު ކުޅޭނަމައެވެ. އަދި އޭނާ މަޑުކޮށްގެން މި ހުރީ ސަލްމާންގެ ކޯލަކަށް ކަމަށްވެސް އަނީސް ބުންޏެވެ. އަނީސްގެ މި ވާހަކަތަކުންވެސް ސަލްމާނާއި ނުލައި ފިލްމު ހެދޭނެތޯ ނުވަތަ ނޫންތޯ އުފެދޭ ސުވާލަކަށް ޖަވާބެއް ނުލިބެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ސަލްމާން ބޭނުންވަނީ މި ފިލްމުގެ މުޅި ޕްރޮޑަކްޝަން އެއްކޮށް އޭނާގެ ބެލުމުގެ ދަށަށް ގެންނާށެވެ. ނަމަވެސް މީގެ މުޅި ޕްރޮޑަކްޝަން ސެޓް އަޕް ބޯނީ ކަޕޫރު ހައްދާފައި އޮންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. ޕްރޮޑަކްޝަންގެ އިތުރުން މި ފިލްމުގެ ޕަރޕެޗުއަލް ރައިޓްސްއާއި ޑިޖިޓަލް އަދި ސެޓެލައިޓް ރައިޓްސްވެސް ސަލްމާން ބޭނުންވާ ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

މިދިޔަ އޭޕްރީލް މަހު މި ފިލްމު އިއުލާނުކުރިއިރު މީގެ މަސައްކަތުގައި ސަލްމާން ވަރަށް ސީރިއަށްކަމާއި ފިލްމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށްވެސް އޭރު އަނީސް ވަނީ ބުނެފައެވެ.

"ނޯ އެންޓްރީ" ގެ ފުރަތަމަ ބައިން ފެނުނު ލީޑް އެކްޓަރު ސަލްމާން ޚާންގެ އިތުރުން އަނިލް ކަޕޫރާއި ފަރްދީން ޚާންވެސް ސީކުއަލުން ފެންނާނެކަމަށް އަނީސް އޭރު ވަނީ ބުނެފައެވެ. ނަމަވެސް ލީޑް ބަޠަލާއިންގެ ވާހަކައެއް އޭރު ނުދައްކައެވެ. އޭގެފަހުން އަޑު އިވޭގޮތުގައި ސަލްމާނާއި ފަރުދީން އަދި އަނިލް ފިލްމުގައި ފެންނާނީ ޓްރިޕްލް ރޯލުންނެވެ. އަދި ފިލްމުގެ ކޮންމެ ފިރިހެން ކެރެކްޓާއަކަށް ބަޠަލާއެއް ހަމަޖައްސާނެއެވެ.

"ނޯ އެންޓްރީ" އަކީ 2002 ވަނަ އަހަރު ދެއްކި ތަމަޅަ ފިލްމު "ޗާލީ ޗެޕްލިން" ގެ ހިންދީ ރީމޭކެވެ.