ބަރުދަން ލުއިކުރެވޭ ކަމަށްބުނެ މިހާރު ރާއްޖޭގައި ވިއްކަމުންދާ ޕްރޮޑަކްޓެއް ކަމަށްވާ ޖަމޫ ސުރުތު އަޔޫ (Jamu Surut Ayu) ރާއްޖެ އެތެރެކޮށް ވިއްކުމާއި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަނާކޮށްފިއެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް ވިއްކަމުންދާ މިބާވަތް އެތެރެކޮށް ވިއްކުން މަނާކޮށްފައިވަނީ މީގައި ޑޮކްޓަރީ ބޭހެއް ކަމަށްވާ (Lidocaine) އާއި ސުބްޔޫޓްރަމަން (Sibutramine) ހިމެނޭ ކަމަށް ދުނިޔޭގެ ޤައުމުތަކުން ކޮށްފައިވާ ލެބޯރެޓަރީ ތަޙްޤީގުތަކުން ދައްކާތީ ކަމަށް އެއޮތޯރިޓީން ހާމަކުރެއެވެ.
ސައްތައިން ސައްތަ ގުދުރަތީ މާއްދާތަކުން އުފައްދާފައިވާ ހާބަލް ޕްރޮޑަކްޓެއްގެ ގޮތުގައި އިޝްތިހާރުކޮށް ވިއްކަމުންދާ މިއުފެއްދުމުގައި ހިމެނޭ ލައިޑުކެއިން (Lidocaine) އަކީ އައްސި ކުރުމަށް ބޭނުންކުރާ ބޭހަކަށްވާއިރު މިބޭސް ކެއުމުގެ ސަބަބުން އިންސާނެއްގެ ހަށިގަނޑަށް ކޮށްފާނެ ނުރައްކާތެރި އަސަރު އަދި މިހާތަނަށް އަންދާޒާ ކުރެވިފައިވެސް ނުވާ ކަމަށް އެމްއެފްޑީއޭއިން ހާމަކުރެއެވެ. އަދި މީގެ އިތުރުން މީގަ ހިމެނޭ ސުބްޔޫޓްރަމަން (Sibutramine) އޭގައި ހިމެނޭ ނުރައްކާތެރި ސައިޑްއިފެކްޓްތަކުގެ ސަބަބުން ގިނަ ޤައުމުތަކުގައި މަނާކޮށްފައިވަ ބޭހެކެވެ. މިބޭހުގައި ހިމެނޭ ސައިޑް އިފެކްޓްތަކުގެ ތެރޭގައި ފުރަމޭ ހަލާކުވުން، ހާޓްއެޓޭކާއި ސްޓްރޯކް ޖެހުން ހިމެނެއެވެ.
އެހެންކަމުން ޖަމޫ ސުރުތު އަޔޫ ރާއްޖެ އެތެރެކޮށް ވިއްކުމާއި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީންވަނީ މަނާކޮށްފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިންޓަނެޓާއި އެނޫންވެސް ގޮތްގޮތުން މިފަދަ އުފެއްދުންތައް ގަންނައިރު ފުރިހަމަ މަޢުލޫމާތު ހޯދުމަށާއި، މިފަދަ "ހެލްތު ފްރޯޑް" ތަކަށް އާއްމު ރައްޔިތުން ސަމާލުވުމަށް އެމްއެފްޑީއޭއިންވަނީ އިލްތިމާސްކޮށްފައެވެ.