ދުނިޔެ

ސަޢޫދީއިން ތުރުކީގެ އަސްކަރީ ބޭހަކަށް ފައިޓަރޖެޓްތަކެއް ފޮނުވުން


ސޫރިޔާގައި ހަރަކާތްތެރިވާ ހައްދުފަހަނައަޅާފައިވާ އައިއެސް ޖަމާޢަތާއި ދެކޮޅަށް ހިންގާ ވައިގެ އޮޕަރޭޝަންތަކުގައި ބައިވެރިވުމަށް ސަޢޫދީ އަރަބިޔާއިން ތުރުކީވިލާތުގެ އިންޖެރިލިކް ވައިގެ ބޭހަށް އަސްކަރީ ފައިޓަރ ޖެޓްތަކެއް ފޮނުވައިފިއެވެ.މިއީ އައިއެސް ޖަމާޢަތާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި ބައިވެރިވުމަށް ސަޢޫދީ ސަރުކާރުން ވެފައިވާ ވައުދުތައް ތަންފީޒު ކުރުމުގެ ގޮތުން ފޮނުވި ބޯޓުތަކެއް ކަމަށް ސަޢޫދީ އަސްކަރީ މަސްއޫލުވެރިއެއްކަމަށްވާ ބްރިގޭޑިޔަރ ޖެނެރަލް އަހްމަދުލް އުސައިރީ ވިދާޅުވެއެވެ.ސަޢޫދީ ސަރުކާރުންވަނީ، އައިއެސް ޖަމާޢަތާއި ހަނގުރާމަ ކުރުމަށް ސޫރިޔާއަށް އެއްގަމު ސިފައިންގެ ލަޝްކަރެއް ފޮނުވަންވެސް ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ. ނަމަވެސް މި ލަޝްކަރު ފޮނުވޭނީ އެމެރިކާ އިސްވެ އޮވެގެން އެކުލަވާލާފައިވާ ކޯލިޝަނުން އެކަން ބޭނުންވެގެން އެދިއްޖެ ހާލަތެއްގައި ކަމަށް ސައޫދީ މަސްއޫލުވެރިން ވިދާޅުވެއެވެ.