ދުނިޔޭގެ ވިޔަފާރި

ޓްވިޓަރއިން މުވައްޒަފުން މަދުކުރަނީ


ކުންފުނިން މުވައްޒަފުން މަދުކުރުމުގެ ފުރަތަމަ ބުރުގައި ގާތްގަނޑަކަށް ހަތަރު ބައި ކުޅަ އެއްބައި މުވައްޒަފުން ވަކިކުރަން ޓްވިޓަރއިން ނިންމާފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ދުނިޔޭގެ މުއްސަނދި މީހާ އަދި ޓެސްލާއާއި ސްޕޭސް އެކްސްގެ ވެރިޔާ އީލޮން މަސްކް ދާދިފަހުން ވަނީ ޓްވިޓަރ ގަނެފައެވެ.

2021 ވަނަ އަހަރު ނިމުނުއިރު ޓްވިޓަރގައި 7000 އަށްވުރެ ގިނަ މުވައްޒަފުން ތިބި ކަމަށް ރަސްމީ ހިސާބުތަކުން ދައްކައެވެ. އެހެންކަމުން ހަތަރު ބައި ކުޅަ އެއްބައި މުވައްޒަފުން ވަކިކުރަން ނިންމުމުން އެއީ ގާތްގަނޑަކަށް 2000 މުވައްޒަފުންނެވެ.

ނިއު ޔޯކް ޓައިމްސްގައި ރިޕޯޓުކޮށްފައިވާ ގޮތަށް މުވައްޒަފުން މަދުކުރާ ވާހަކަ އީލޮން ދޮގުކޮށްފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ. ނަމަވެސް ޓްވިޓަރއިން މިކަމާއި ގުޅޭގޮތުން އެއްވެސް އެއްޗެއް އަދި ބުނެފައެއް ނުވެއެވެ.

މަސްކް ޓްވިޓަރ އާއި ހަވާލުވުމަށްފަހު ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ސީއީއޯ ޕަރަގް އަގަރުވާލް އާއި ޗީފް ފައިނޭޝަލް އޮފިސަރު، ސީއެފްއޯ ނެޑް ސީގަލް އަދި ލީގަލް އެފެއާޒް އެންޑް ޕޮލިސީ ޗީފް، ވިޖޭޔާ ގައްޑާ ވަނީ ކުންފުނިން ބޭރުކޮށްލާފައެވެ.

ޓްވިޓަރ ގަންނަން ހެދި އެއްބަސްވުމާއި ޓްވިޓަރއިން ޚިލާފްވެފައިވާ ކަމަށް ބުނެ އެ މުއަމާލާތް ދެން އިތުރަށް ކުރިއަށް ނުގެންދަން އީލޮން ނިންމީ މިއަހަރުގެ ޖުލައި މަހުއެވެ.

އެއްބަސްވުން އުވާލަން އޭނާ ނިންމުމާއެކު ޓްވިޓަރއިން ވަނީ އެ އެއްބަސްވުމާއި އެއްގޮތަށް ކުންފުނި ގަންނަން ޖެހޭނެކަމަށް ބުނެ އީލޮންއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

މި މައްސަލައިގެ އަޑުއެހުމެއް ކޯޓުގައި ބާއްވާފައި ވަނިކޮށް ހަމަ ކުރިންވެސް ހުށަހެޅި އަގު ކަމަށްވާ، 44 ބިލިއަން އެމެރިކާ ޑޮލަރަށް ޓްވިޓަރ ގަންނާނެކަމަށް ބުނެ ޝަރީއަތް މަޑުޖައްސާލުމަށް މަސްކު ވަނީ އެދިފައެވެ.

މަސްކު ރަސްމީކޮށް ޓުވިޓަރ ހިންގުމާއި ހަވާލުވީ މި މަހުގެ 28 ވަނަ ދުވަހުއެވެ.

ޓްވިޓަރއާ ހަވާލުވުމަށްފަހު ޕްލެޓްފޯމުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ބަދަލުތަކެއް ގެންނާނެކަމަށް މަސްކު ވަނީ ބުނެފައެވެ. އަދި ދާއިމީކޮށް ބައެއް ފަރާތްތައް އެ ޕްލެޓްފޯމުން ބޭރުކޮށްފައިވާއިރު އެއީވެސް އޭނާ ގަބޫލު ކުރާ ޕޮލިސީއެއް ނޫން ކަމަށް ވަނީ ބުނެފައެވެ.