ޚަބަރު

ފިލިޕީންސްގައި ކިސަޑު ފޭބުމުގެ ސަބަބުން ގެއްލުނު މީހުން ހޯދަނީ


ފިލިޕީންސްގެ ދެކުނުގައިވާ މިންޑަނާއޯގައި ބިންގަނޑު ކަނޑައިގެން ކިސަޑު ފޭބުމާ ގުޅިގެން ކިސަޑުތަކުގެ ދަށުވެ ގެއްލިފައިވާ މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. ފިލިޕީންސްގައި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކެއް ހިނގާފައި މި ވަނީ އެ ޤައުމަށް އެރި ބާރުގަދަ ތުފާނެއް ކަމުގައިވާ ނަލްގޭގެ ސަބަބުން ބޯކޮށް ވާރޭ ވެހުމާ ގުޅިގެންނެވެ.

މި ތޫފާނާ އެކު ފިލިޕީންސްގެ ގިނަ ސަރަޙައްދުތަކެއްގައި ވަނީ ފެން ބޮޑުވެފައެވެ. އަދި، ފެންބޮޑުވުމާއި، ބިންގަނޑު ކަނޑައިގެން ދިޔުމާއި، ކިސަޑު ފޭބުން ފަދަ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 101އަށް އަރާފައެވެ. މި ހާދިސާތަކުގައި ގެއްލިފައިވާ މީހުން ދިރިތިއްބާ ފެންނާނެ ކަމުގެ އުންމީދު ވަރަށް ކުޑަ ކަމުގައި، އެ މީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޓީމުތަކުން ބުނެއެވެ.

ތޫފާން ނަލްގޭއާ ގުޅިގެން ކުރިމަތިވި ހާދިސާތަކުގައި ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފައިވާ މީހުންގެ އަދަދު ވަނީ 66އަށް އަރާފައެވެ. ކިސަޑު ފައިބައިގެން އެންމެ ބޮޑަށް އަސަރު ކޮށްފައި ވަނީ މިންޑަނާއޯގެ އަވަށެއް ކަމުގައިވާ ކުސިއޮންގްއަށެވެ. އެ އަވަށުން ގެއްލިފައިވާ މީހުންގެ ތެރެއިން 20 މީހެއްގެ ހަށިގަނޑު، ކިސަޑުތަކުގެ ދަށުގައި ވަޅުލެވިފައި އޮއްވާ ވަނީ ހޯދިފައެވެ. މީގެ ތެރެއިން ހަތް މީހަކީ އެއް ޢާއިލާއެއްގެ މެންބަރުންނެވެ.

ފިލިޕީންސްގެ ރައީސް ފަރޑިނާންޑް މާކޯސް ވަނީ ތޫފާނުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބިފައިވާ ބައެއް ސަރަޙައްދުތަކަށް ޒިޔާރަތް ކުރައްވާފައެވެ. އަދި، ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެއްޗާއި ބޯފެނާއި އެހެނިހެން އިންސާނީ އެހީ ފޯރުކޮށްދޭން ކުރަމުންދާ މަސައްކަތްތައް ބައްލަވައިލައްވާފައެވެ.

ތޫފާން ނަލްގޭގެ ސަބަބުން ފިލިޕީންސްގެ މައި ރަށް ކަމުގައިވާ ލުޒޯންއަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ވެރިރަށް މެނީލާގެ ބައެއް ސަރަޙައްދުތަކުގެ އިތުރުން ބައެއް އަވަށްތައް ވަނީ ފެނު އަޑީގައެވެ. ޢާންމުންގެ ގެދޮރާއި ގިނަ ޢަދަދެއްގެ ޢިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ގިނަ ސަރަޙައްދުތަކުން ކަރަންޓާއި ފެނުގެ ޚިދުމަތް ވަނީ ކެނޑިފައެވެ. އަދި، ދަނޑުބިންތައް ވަނީ ހަލާކުވެފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުފެދޭ ތޫފާންތަކުގެ ބާރާއި ނުރައްކާތެރި ކަން މޫސުމީ ބަދަލުތަކުގެ ސަބަބުން އިތުރުވެފައިވާ ކަމުގައި ސައިންސްވެރިން ބުނެއެވެ. ނަލްގޭއިން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ފިލިޕީންސްއިން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި، ނުރައްކާތެރި އެހެން ތޫފާނެއް އެ ޤައުމާ ދިމާލަށް މިސްރާބު ޖަހާފައިވާ ކަމުގައި އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.